ގަތަރުގެ މައްސަލައާ ގުޅިގެން ގަލްފުގެ ގައުމުތަކުގެ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ

ގަލްފުގެ ލީޑަރުން

ގަތަރު ދަނީ ހަރުކަށި ޖަމާއަތްތަކަށް ފަންޑް ކުރުމާ ދެކޮޅަށް މަސައްކަތް ކުރަމުން ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ޖިމް މާޓިސް ވަނީ އަންގާރަ ދުވަހު ވާހަކަ ދައްކަވައިފި އެވެ.

އެމެރިކާގެ ސެނެޓްގެ އާމެޑް ފޯސަސް އާ ބެހޭ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން މާޓިސް ވިދާޅުވީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގައި ގަތަރު ދަނީ ރަނގަނޅު މިސްރާބަކަށް ކަމުގަ އެވެ. މިގޮތުން ހަރުކަށި ޖަމާއަތްތަކަށް ފަންޑް ކުރުމާ ދެކޮޅަށް އެމެރިކާއާ ގުޅިގެން ގަތަރުން މަސައްކަތްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އެއްދުވަސް ކުރިން މާޓިސް ވަނީ ގަތަރާ ދެކޮޅަށް ސައޫދީ ، ޔޫއޭއީ އަދި ބަހްރައިން އިން އަޅާފައިވާ ފިޔަވަޅުތަކަކީ ވަރަށް ދަތި އުނދަނގޫ ފިޔަވަޅުތަކެއް ކަމަށާ އެފިޔަވަޅުތައް އުވާލުމާ ބެހޭ ގޮތުން އެގައުމުތަކާ ގަތަރާ ދެމެދު ވާހަކަ ދައްކަންޖެހޭ ކަމަށް ވިދާޅުވެ ބަޔާނެއް ވެސް ދެއްވާފަ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ޓިލާސަން ވަނީ ގަތަރާ ދެކޮޅަށް ސައޫދީ ، ޔޫއޭއީ އަދި ބަހްރައިން އިން އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދިނުމަށް ގޮވާލައްވާފައެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިދެބޭފުޅުން ދެއްކެވި ވާހަކަތަކާ ފުށުއަރާ ގޮތަށް ގަތަރާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ.

ވައިޓް ހައުސްގައި ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވެފައި ވަނީ ގަތަރަކީ ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވުމުގެ ދިގު ތާރީޚެއް އޮތް ގައުމެއް ކަމަށް ވިދާޅުވެ މިދިޔަ ހޯމަ ދުވަހު ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް ފަހުން ވައިޓް ހައުސް އިން ވަނީ ޓްރަމްޕްގެ ވާހަކަ އަމާޒުކުރެއްވީ ހަމައެކަނި ގަރަތަށް ނޫންކަމާ އެއީ ގަލްފުގެ އެހެންގައުމުތައް ވެސް ޝާމިލްވާ ގޮތަށް ދެއްކެވި ވާހަކަފުޅެއް ކަމަށް ބުނެ ޓްރަމްޕްގެ ވާހަކައިން ދޭހަވާ އެއްޗެއް އިތުރަށް ތަފްސީރުކޮށްދީފަ އެވެ.

އަނެއްކޮޅުން ގަތަރުގެ ހިމާޔަތުގައި ތުރުކީގެ އަސްކަރީ ބޭހެއް ބިނާކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފަ އެވެ. މިކަމަށްޓަކައި ތުރުކީ ސިފައިންގެ ފަންނީ ޓީމެއް މިހާރު ވަނީ ގަތަރަށް ގޮސްފަ އެވެ. އަދި ގަތަރު ހިމާޔަތް ކުރުމަށް ޓަކައި ތުރުކީގެ ފަސް ހާސް ސިފައިންގެ ބާރެއް ވެސް ވަނީ ގަތަރަށް ދިޔުމުގެ މަގުމަތީގަ އެވެ. ތުރުކީގެ ރައީސް ވަނީ ގަތަރުގައި ތުރުކީ ސިފައިން ރުކުރުވާލުމާއި ތުރުކީގެ އަސްކަރީ ބޭހެއް ބިނާކުރުމުގެ ގާނޫނެއް ތަސްދީގުކޮށްފަ އެވެ. ތުރުކީގެ ޕާލަމެންޓުން މިގާނޫނޫ ފާސްކޮށްފައިވަނީ މިހަފްތާގެ ކުރީކޮޅުގަ އެވެ.

ގަތަރާ ދެކޮޅަށް ސައޫދީ އިސްކޮށް އޮވެގެން ބަހްރައިން އާއި ޔޫއޭއީ ގުޅިގެން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ގަލްފުގެ ގައުމުތަކުގެ މެދުގައި ސައޫދީގެ އިތުބާރުވަނީ ވަރަށް ބޮޑަށް ގެއްލިފަ އެވެ. އަދި ގަތަރަށް ދިމާވި މައްސަލާގައި އެމެރިކާ އަދާކޮށްފައި ވަނީ ގޮތްނޭނގޭ އަދި އިތުބާރުނެތް ދައުރެއްކަމުން އެމެރިކާގެ އިތުބާރު ވެސް ވަނީ ގަލްފުގެ ގައުމުތަކަށް މުޅިން ގެއްލިފަ އެވެ.

ގަތަރުފަދަ ގަލްފުގެ ގައުމުތަކުން މިހާތަނަށް އެމެރިކާއާ ޚާއްސަ ގުޅުންތައް ބާއްވައި އެމެރިކާގެ ބޭސްތައް އެގައުމުތަކުގައި ބިނާކޮށްފައި ވަނީ އެގައުމުތަކުގެ ހިމާޔަތުގައި އެމެރިކާ ޖާމިނުވާނެ ކަމުގެ ޔަގީންކަމާއެކުގަ އެވެ. ނަމަވެސް ގަތަރަށް ދިމާވި މައްސަލާގައި އެމެރިކާގެ ސިޔާސަތު ނޭންގުމެއްގެ ތެރޭގައިވުމުގެ އިތުރުން އެމައްސަލަ ހައްލުކުރުމުގައި އެމެރިކާގެ ދައުރެއް ވެސް ނެތުމުން ގަތަރަށް ވަނީ މި ޔަގީންކަން ގެއްލި އެމެރިކާގެ އިތުބާރުވެސް އެއްކޮށް ގެއްލިފަ އެވެ. މިއާއެކު ގަތަރުގެ އަމީރު ވަނީ އެމެރިކާ އަށް ވަޑައިގަތުމަށް ޓްރަމްޕް ދެއްވި ދައުވަތަށް އިޖާބަ ދެއްވުމަށް ވެސް ދެކޮޅު ހައްދަވާފަ އެވެ.

ގަތަރެކޭ އެއްގޮތަށް ސައޫދީ އާ ތަފާތު ސިޔާސަތެއް ގެންގުޅޭ ކުވައިތާއި އުމާނަށް ވެސް މި މައްސަލައިގެ ސަބަބުން އެމެރިކާއާއި ސައޫދީގެ އިތުބާރު ގެއްލިގެންދާނެ އެވެ. އަދި މިއާއެކު ގަލްފުގެ އެއްބާރުލުމާބެހޭ ޖަމްއިއްޔާ ޖީސީސީ ގެ ބޭނުން ވެސް ނެތިގެންދާނެއެވެ. އަދި ސައޫދީ އާ ޚިޔާލުތަފާތުވާ ގަލްފުގެ ކޮންމެ ގައުމަކާ ދެކޮޅަށްވެސް ސައޫދީން އަމަލުކުރަނީ ގަތަރާމެދު މުއާމަލާތްކުރި ގޮތަށްކަން އެގައުމުތަކަށް އެނގި އެގައުމުތަކުގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި ތުރުކީ، އީރާން ، އަދި ޕާކިސްތާން ފަދަ ސަރަހައްދީ ބާރުތަކަށް ބަރޯސާވުމުގެ ސިޔާސަތެއް ގެންގުޅެން އެގައުމުތަކުން ފަށާނެކަމަށް ވަނީ ބެލެވިފަ އެވެ.

ގަލްފުގައި ސައޫދީ އާ ޚިޔާލު އެއްގޮތް ގައުމަކީ ބަހްރައިން އެވެ. ޔޫއޭއީ އަކީވެސް ގިނަ ކަންކަމުގައި ސައޫދީ އާ ޚިޔާލު ތަފާތު ގައުމެކެވެ. ގަތަރުގެ މައްސަލައިން އެނގިގެން ދިޔައީ ގަލްފުގެ ސަރަހައްދުގެ ގައުމުތައް ކޮންޓްރޯލް ކުރުމުގެ ހަރުކަށި ވިސްނުމެއް ސައޫދީންގެ އޮތްކަމެވެ. އަދި ގަލްފުގެ ސަރަހައްދަށް ބާރާއި ނުފޫޒު ފޯރުވުމުގައި ސައޫދީން ވެސް ގެންގުޅެނީ އީރާނާއި އެމެރިކާއާއި ތުރުކީ ފަދަ ގައުމުތަކުންވެސް ގެންގުޅޭ ފަދަ ވިސްނުމެއް ކަމުގަ އެވެ. ނަމަވެސް އީރާނާއި ތުރުކީއާ ޚިލާފަށް ސައޫދީން މިސިޔާސަތު ގެންގުޅެނީ އެމެރިކާއަށް ބަރޯސާވާ ހާލަތުގަ އެވެ.

ގަތަރަށް ދިމާވި މިމައްސަލައިގެ ސަބަބުން ގަލްފުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވުމުގެ ފުރްސަތު ކުރިޔަށްވުރެ މާބޮޑަށް އީރާނަށް ތަނަވަސްވެގެންދާނެ ކަމަށް ވެސް ވަނީ ބެލެވިފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް