ބީޕީޓީ، އަހަރީ ރިޕޯޓުތަކުގެ ސުންގަޑި 16 ޖުލައިއަށް ފަސްކޮށްފި

ފިހާރައެއްގައި ބަޔަކު ވިޔަފާރި ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ)ގެ ބަޔާނާއި، ބީޕީޓީގެ ފައިސާއާއި، ކުންފުނިތަކުގެ ރިޕޯޓުތައް ހުށަހެޅުމުގެ ސުންގަޑި އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ބީޕީޓީގެ ބަޔާނާއި ފައިސާ ހުށަހެޅުމުގެ ސުންގަޑިއަކީ މިހިނގާ ޖޫން މަހުގެ ފަހު ހަފްތާ އެވެ. އެހެން ނަމަވެސް ފިތުރު އީދުގެ މުނާސަބަތުގައި ޖޫން މަހުގެ ފަހު ހަފްތާ ބަންދުކުރާ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ. އީދު ބަންދަށް ފަހު ސަރުކާރު ރަސްމީކޮށް ހުޅުވޭނީ ޖުލައި ދެވަނަ ދުވަހު އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި މަހުގެ ފަހު ހަފްތާއަކީ ބަންދު ދުވަސްތަކެއް އަންނާތީ، ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމަށް ވަގުތު ދިނުމުގެ ގޮތުން، ޖުލައި 16 އަށް ސުންގަޑި ފަސްކުރަން ނިންމާފައިވާ ކަމަށެވެ.

ބީޕީޓީގެ އިތުރުން، ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ކުންފުނިތަކުން ހުށަހަޅަން ޖެހޭ އަހަރީ ހިސާބުތަކާއި، ކުންފުނީގެ އޮޑިޓު ރިޕޯޓާއި ޑިރެކްޓަރުންގެ ރިޕޯޓު ވެސް ހުށަހަޅަންޖެހޭ ތާރީޚު ވަނީ 16 ޖުލައިއަށް ފަސްކޮށްދީފަ އެވެ.

އެހެން ނަމަވެސް ނިމިދިޔަ މެއި މަހުގެ ޖީއެސްޓީ ދެއްކުމުގެ ސުންގަޑިއަކީ، އީދު ބަންދަށް ފަހު ސަރުކާރު އަލުން ހުޅުވޭ ތާރީޚު، ޖުލައި ދެވަނަ ދުވަހެވެ.

comment ކޮމެންޓް