ސުޕަ މާރިއޯގެ އާ ގޭމު އަންނަ އޮކްޓޯބަރުގައި ރިލީޒް ކުރަނީ

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ގޭމުކަމުގައިވާ ސުޕަ މާރިއޯގެ އާ ގޭމު އަންނަ އޮކްޓޯބަރުގައި ރިލީޒް ކުރަން އެ ގޭމު އުފައްދާ "ނިންޓެންޑޯ"އިން ބުނެފި އެވެ.

އެ ކުންފުނިން އެކަން އިއުލާނު ކުރީ ލޮސް އެންޖެލެސްގައި މިހާރު ކުރިއަށްދާ އީތްރީ އެކްސްޕޯގަ އެވެ. ނިންޓެންޑޯ އިން ބުނި ގޮތުގައި އެ ގޭމް ރިލީޒްކުރާ ތާރީޚަކީ އޮކްޓޯބަރު 27 އެވެ.

އެ އެކްސްޕޯގެ ތެރެއިން އެކަން އިއުލާނު ކުރި އިރު އެގޭމް ނެރެނީ އެކުންފުނިން ދާދި ފަހުން ނެރުނު ސްވިޗް ކޮންސޯލްގައި ކުޅެވޭ ގޮތަށް ސަޕޯޓިން ފީޗާސްތަކާ އެކު އެވެ.

މިދިޔަ އަހަރު ތެރޭ "ސްވިޗް" ނެރުމާ އެކު ޖަޕާނަށް ނިސްބަތްވާ އެކުންފުނީގެ ފައިދާ ވަނީ ދެގުނައަށް އިތުރުވެފަ އެވެ. އެގޮތުން އެ ކޮންސޯލް ނެރުނު ފުރަތަމަ މަސްތެރޭ އެކަނިވެސް އެމެރިކާގައި ވަނީ 2.7 މިލިއަން ކޮންސޯލް ވިކިފަ އެވެ. އެއީ އެކުންފުނީގެ ތާރީޚުގައި ވެސް އެމެރިކާގައި އެކުންފުނީގެ ކޮންސޯލަކަށް އެންމެ ބޮޑު ތަރުހީބެއް ލިބުނު ފަހަރެވެ.

ސުޕަ މާރިއޯއަކީ ނަވާރަސަތޭކައިގެ އަހަރުތަކުގައި މުޅި ދުނިޔޭގައި ވެސް މަޝްހޫރުވެގެން ދިޔަ ގޭމެކެވެ. އެ ގޭމް ޒަމާނީ ފެންވަރަށް ތަރައްގީކޮށް މިއަހަރު އާ ވާޝަނެއް ނެރޭ އިރު އެ ގޭމް މިހާރު ވަނީ ތްރީޑީކޮށްފަ އެވެ.

comment ކޮމެންޓް