ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅައިފި

ރައީސުލްޖުމްހޫރިއްޔާ، ދިވެހިރާއްޖެއިން ހިމަބިހި ނައްތާލުމުގެ ޤައުމީ ކެމްޕެއިން އިފްތިތާޙްކޮށްދެއްވުން -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއަކީ ހިމަބިހި (މީސްލްސް) ނައްތާލެވިފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައަޅައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޑަބްލިއުއެޗްއޯއިން އެގޮތަށް އިއުލާންކުރީ މިހާރު އިންޑިއާގެ ނިއުދިއްލީގައި ހިނގަމުންދާ އިމިއުނައިޒޭޝަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ އަށް ވަނަ ބައްދަލުވުމުގައި އެ ޖަމްއިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖިނަލް ޑިރެކްޓަރު ޑރ. ޕޫނަމް ސިންގހު ކަމަށެވެ.

މި ސަރަހައްދުން އެންމެ ފުރަތަމަ ހިމަބިހި ނައްތާލެވިފައިވާ ކަމަށް ރާއްޖެއާއެކު ބޫޓާން ވެސް ވަނީ ކަނޑައަޅާފައެވެ.

"މި ދެ ގައުމަކީ 2020 ވަނަ އަހަރު އައުމުގެ ކުރިން މި ސަރަހައްދުގެ ގައުމުތަކުން ހިމަބިހި ނައްތާލުމަށް ކަނޑައަޅާފައިވާ ޓާގެޓްގެ ކުރިން މިކަން ހާސިލުކުރެވިފައިވާ ދެ ގައުމު ކަމުގައި ފަޚުރުވެރިކަމާ އެކު ފާހަގަކުރަމެވެ،" އެޗްޕީއޭ އިން ބުންޏެވެ.

ގައިންގަޔަށް އަރާ ބަލިތަކުން ތުއްތުކުދިން ރައްކާތެރިކުރުމަށް ރާއްޖޭގައި ވެކްސިން ދޭން ފަށާފައި ވަނީ 1976 ވަނަ އަހަރުއެވެ. އަދި ހިމަބިހިން ރައްކާތެރިވުމަށް މީސްލްސް ވެކްސިން ދޭން ފަށާފައި ވަނީ 1983 ވަނަ އަހަރުއެވެ. ރާއްޖެއިން މީސްލްސް ޖެހިފައިވާ މީހަކު އެންމެފަހުން ފެނިފައި ވަނީ 2009 ވަނަ އަހަރުއެވެ.

comment ކޮމެންޓް