ޔޫއޭއީ އިން ރާއްޖޭގައި އިންވެސްޓު ކުރުމާ ގުޅޭ އެއްބަސްވުމަކަށް މަޖިލީހުން ރުހުން ދީފި

މަޖިލިސް: އެއްބަސްވުމަށް މަޖިލީހުން ރުހުން ދިނީ 65 މެމްބަރުންގެ އަގުލަބިއްޔުން--- ސަން ފޮޓޯ

ޔުނައިޓެޑް އެރެބް އެމެރިރޭޓްސް (ޔޫއޭއީ) އިން ރާއްޖޭގައި އިންވެސްޓް ކުރުމާ ގުޅޭ އެއްބަސްވުމަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ޔޫއޭއީ އާއި ދިވެހި ސަރުކާރާ ދެމެދު ވެވޭ އެއްބަސްވުމަކަށް މަޖިލީހުގެ ރުހުން ހޯދަން ހުށަހެޅީ އެ އެއްބަސްވުމުގެ ސަބަބުން ރައްޔިތުން އިލްތިޒާމެއް އުފުލަންޖެހޭތީ އެވެ.

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ބުނެފައި ވަނީ ބޭރު ގައުމުތަކާއެކު ވެވޭ އެއްބަސްވުމެއްގެ ސަބަބުން ރައްޔިތުން އިލްތިޒާމެއް އުފުލާންޖޭނަމަ ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަން ޖެހޭނެ ކަމަށެވެ.

ޔޫއޭއީ އާއި ރާއްޖެއާ ދެމެދު ވެވޭ އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އިންވެސްޓްމަންޓް ޕްރޮމޯޓް ކުރުމާއި އެފަދަ އިންވެސްޓްމަންޓްތަކަށް ހިމާޔަތް ދިނުމާ ބެހޭ އެއްބަސްވުމެކެވެ.

އެ އެއްބަސްވުމުގެ ނަމަކީ "އެގްރީމަންޓް ބިޓްވީން ދަ ގަވަމެންޓް އޮފް ދަ ޔުނައިޓެޑް އެރެބް އެމިރޭޓްސް އެންޑް ދަ ގަވަމެންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ދަ ޕްރޮމޯޝަން އެންޑް ރެސިޕްރޯކަލް ޕްރޮޓެކްޝަން އޮފް އިންވެސްޓްމަންޓްސް" އެވެ.

އެ އެއްބަސްވުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

އެއްބަސްވުން ކުރާނެ ފައިދާ:

  • ޔޫއޭއީން ރާއްޖޭގައި އިންވެސްޓް ކުރުން
  • ޔޫއޭއީގައި އިންވެސްޓު ކުރުމުގެ ފުރުސަތު ދިވެހިންނަށް
  • ޔޫއޭއީ މެދުވެރިކޮށް ބޭރު ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުން
  • އިންވެސްޓްމަންޓުތަކަށް ހިމާޔަތް ލިބުން

"މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއަށް ކުރާނެ އެންމެ ބޮޑު ފައިދާއަކީ، ޔޫއޭއީ، އަދި ޔޫއޭއީ މެދުވެރިކޮށް ދުނިޔޭގެ އެހެން ގައުމުތަކުގެ އިންވެސްޓަރުން ދިވެހިރާއްޖޭގައި ކުރާ އިންވެސްޓްމަންޓުތަކަށް އިތުރު ހިމާޔަތްތަކެއް ލިބުމުގެ ސަބަބުން، އިންވެސްޓަރުންގެ އިތުބާރު އިތުރުވެގެން ދިއުމުން، ޔޫއޭއީ އިން އަދި ޔޫއޭއީ މެދުވެރިކޮށް އިންވެސްޓްމަންޓުތައް އިތުރުވެގެން ދިއުމެވެ،" އެއްވަސްމުމާ ގުޅޭ ގޮތުން ރައީސް ޔާމީން މަޖިލީހަށް ހުށެޅުއްވި ކަރުދާހުގައިވެ އެވެ.

އެ އެއްބަސްވުމަށް މަޖިލީހުން މިއަދު ރުހުން ދިނީ 65 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ އެއްބަސްވުމުގައި ރާއްޖެއިން ސޮއި ކުރުމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ނުދެއްވަ އެވެ. ނަމަވެސް ވަކިކޮޅަކަށް ވޯޓު ނުދެއްވައި އެއް މެމްބަރަކު ތަޅުމުގައި އިންނެވި އެވެ.

ޔޫއޭއީ އާއި ރާއްޖެއާ ދެމެދު އިންވެސްޓްމަންޓް އިތުރު ކުރުމާއި ޕްރޮމޯޓްކުރުމަށް އެއްބަސްވުމެއްގައި ސޮއި ކުރުމަށް އެ ގައުމުން އެންމެ ފުރަތަމަ ހުށަހެޅީ 2015 ވަނަ އަހަރު އެވެ. އަދި އެއްބަސްވުމާ ގުޅޭ ގޮތުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރުމަށް، އިކޮނަމިކް މިނިސްޓްރީގެ ދެ ބޭފުޅަކާއި ފޮރިން މިނިސްޓްރީގެ ބޭފުޅަކާއި ބަންޑާރަ ނައިބު އޮފީހުގެ ވަކީލެއް ހިމެނޭ ގޮތަށް ހަތަރު ބޭފުޅުންގެ ޓީމަކުން 2016 ވަނަ އަހަރު އޮގަސްޓް މަހު އަބޫދާބީއަށް ވަޑައިގެން، ކަމާ ބެހޭ ބޭފުޅުންނާ ބައްދަލު ކުރައްވައި އެ އެއްބަސްވުމާ ގުޅޭ ޑްރާފްޓަށް މަޝްވަރާކޮށްފައިވެ އެވެ.

ރައީސް ޔާމީން މަޖިލީހަށް ހުށަހެޅުއްވި ކަރުދާހުގައި ބުނެފައިވާ ގޮތުން ޔޫއޭއީ އާއި ރާއްޖެއާ ދެމެދު ވެވޭ އެއްބަސްވުމުގެ ދަށުން އިންވެސްޓަރަކު ރާއްޖޭގެ ތިމާވެއްޓަށް ގެއްލުންދޭ އަމަލެއްކޮށްފިނަމަ، ރާއްޖޭގެ ކަމާގުޅޭ ގާނޫނުތަކުގެ ދަށުން އެ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިންސާނީ ހައްގުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް މަޖިލީހަށް ހުށަހެޅި ކަރުދާހުގައި ބުނެފައިވެ އެވެ.

ރައީސް ޔާމީން ހުށަހެޅުއްވި އެ އެއްބަސްވުން ދިރާސާ ކުރީ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީންނެވެ. އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއި ކުރަން ފެންނަ ކަމަށް ކޮމެޓީގެ އަގުލަބިއްޔަތުން ފާސްކޮށް، މަޖިލީހަށް މިއަދު ވަނީ އެ ކޮމެޓީގެ ރިޕޯޓު ހުށަހަޅައި ފާސްކޮށްފަ އެވެ.

comment ކޮމެންޓް