ލަންކާގައި ހުންނަވާ ގަތަރު ސަފީރާ ނަޝީދު ކޮލޮމްބޯގައި ބައްދަލުކުރައްވައިފި

ރައީސް ނަޝީދު، ކޮލޮމްބޯގައި ހުންނަވާ ގަތަރު ސަފީރާ ބައްދަލުކުރައްވަނީ --- ފޮޓޯ/ އަހްމަދު ނަސީމް

ރާއްޖެއިން ގުޅުން ކަނޑާލާފައިވާ ގަތަރުން ރާއްޖެއަށާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރާޝިދު ޝަފީޢާ އަލް މާރީއާ، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިހާރު ސްރީލަންކާގެ ކޮލޮމްބޯއަށް ވަޑައިގެން އުޅުއްވާ، ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮލޮމްބޯގައި ހުންނަވާ ގަތަރު ސަފީރު ރާޝިދު އަލް މާރީއާ މިއަދު އެމަނިކުފާނު ބައްދަލުކުރެއްވި ކަމަށެވެ.

ރައީސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވީ، އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް "ކޮމްޕްރޮމައިޒް"ވެފައިވާކަން ސަފީރަށް ދެންނެވި ކަމަށާއި، ނަމަވެސް ދިވެހި ރައްޔިތުން ތިބީ ގަތަރާ އެކުގައިކަން ސަފީރަށް ދެންނެވި ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލީ މިދިޔަ ހަފްތާގައެވެ. ރާއްޖެއިން އެފިޔަވަޅު އެޅީ ސައުދީ އަރަބިއްޔާ އިސްވެ ހުރެ، ގަލްފުގެ ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލުމުންނެވެ. ދިވެހި ސަރުކާރުން ބުނީ ރާއްޖެއިން އެ ފިޔަވަޅު އެޅީ ޓެރަރިޒަމާއި ހައްދުފަހަނަ އަޅައިދިއުމަށް މަގުފަހިވާ ހަރަކާތްތަކާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށެވެ. އަދި ކަނޑާލީ ޚާރިޖީ ގުޅުން އެކަނި ކަމަށާއި، ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އޮންނާނެ ކަމަށް ސަރުކާރުން ބުންޏެވެ.

comment ކޮމެންޓް