އެމެރިކާ ބޭނުންވަނީ އިންޑިއާ ކަނޑުގެ ހަމަޖެހުން ރާއްޖެއިން ދަމަހައްޓަން: ސަފީރު

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް، ރައީސް އަބްދުﷲ ޔާމީނާ މިއަދު ހެނދުނު ބައްދަލުކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

އެމެރިކާއަކީ ރާއްޖޭގެ ބައިވެރިއެއް އަދި ގާތް އެކުވެރިއެއް ކަމަށާއި، އެމެރިކާގެ ސަރުކާރާއި ރައްޔިތުން ބޭނުންވަނީ ސުލްހަވެރި، އަމާން ރާއްޖެއެއް ގާއިމުކޮށް، ރާއްޖެއިން އިންޑިއާ ކަނޑު ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ ދެމެހެއްޓުން ކަމަށް ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާ ސަފީރު އަތުލް ކެޝަޕް ވިދާޅުވެއްޖެ އެވެ.

އދގެ ހިއުމަން ރައިޓްސް ކައުންސިލުގެ 35 ވަނަ ބައްދަލުވުމުގައި، އިނގިރޭސި ވިލާތާއި އެމެރިކާ ހިމެނޭ ގޮތަށް 30 ގައުމަކުން މިދިޔަ ހަފްތާގައި ވަނީ ރާއްޖެއާ ދެކޮޅަށް ބަޔާނެއް ދީފައެވެ. އެ ބަޔާނުގައި ރާއްޖޭގެ ބައެއް މައްސަލަތައް ފާހަގަކޮށް، އިދިކޮޅު ސިޔާސީ ހަރަކާތް ހިންގުމަށާއި އިދިކޮޅު ފިކުރުތަކުގެ ފަރާތްތަކުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދޭންޖެހޭ ކަމަށާއި، ރާއްޖޭގެ ޝަރުއީ ދާއިރާ މިނިވަންކޮށް، އެހެނިހެން މުއައްސަސާތައް ވެސް ހަރުދަނާ ކުރުމަށް ގައުމުތަކުން ވަނީ ގޮވާލައިފައެވެ.

ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރގެ އާ އިމާރާތް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެމެރިކާގެ ސަފީރު ވިދާޅުވީ ޖޫން ހަތް ވަނަ ދުވަހު އެމެރިކާ ވެސް ހިމެނޭ ގޮތަށް ގައުމުތަކަކުން ރާއްޖެއާ ދެކޮޅަށް ދިން ބަޔާނުގެ ޚަބަރު ދިވެހި ރައްޔިތުން އަހާފައިވާނެކަން ޔަގީން ކުރައްވާ ކަމަށެވެ.

ސަފީރު ކެޝަޕް ވިދާޅުވީ، އެމެރިކާއިން ބޭނުންވަނީ ސުލްހަވެރި، އަމާން އަދި ޑިމޮކްރެޓިކް ދިވެހިރާއްޖެއެއް އޮތުން ކަމަށެވެ.

"ރާއްޖޭގެ އެކުވެރި ބައިވެރިއެއްގެ ގޮތުން އެމެރިކާގެ ފަރާތުން އަޅުގަނޑު ބޭނުންވަނީ، ރާއްޖެއާ އެކު އެމެރިކާ އަބަދުވެސް ދެމިއޮތްކަމުގެ ޔަގީންކަން ދޭން. އެއީ، އެމެރިކާގެ ސަރުކާރާއި ރައްޔިތުން ރާއްޖެއާ މެދު ދެކެނީ އަމާން، ފުދުންތެރި، މޮޑަރޭޓް، ޑިމޮކްރެޓިކް އަދި މަސަލަސް ގައުމެއްގެ ގޮތުގައި،" ސަފީރު ވިދާޅުވިއެވެ.

ސަފީރު ކެޝަޕް އިތުރަށް ވިދާޅުވީ އެމެރިކާއިން ބޭނުންވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ވެސް ހަމަޖެހުމާއި ޑިމޮކްރަސީ އާއި ފުދުންތެރިކަން ދަމަހައްޓާ ތަނބެއްގެ ގޮތުގައި ރާއްޖެ އޮތުން ކަމަށެވެ.

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ، އެމެރިކާ ސަފީރު އަތުލް ކެޝަޕް މިއަދު ހެނދުނު ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ވެސް ބައްދަލުކުރައްވައިފަ އެވެ.

ރާއްޖޭގެ ސިޔާސީ އަދި އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭ ގޮތުން ޖެނީވާގައި ގިނަ ގައުމުތަކަކުން އެކުވެ، ރާއްޖެއާ ދެކޮޅަށް ދިން ބަޔާނަށް ޖަވާބު ދެއްވަމުން، ޖެނީވާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ހާލާ ހަމީދު ވިދާޅުވީ އެ ބަޔާނުން ވަނީ ރާއްޖޭގެ ހާލަތާއި ހަގީގަތް އޮޅުވާލާފައި ކަމަށެވެ. އަދި ބަޔާނުގެ ޒަރިއްޔާއިން ގައުމުތަކުން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ދާޚިލީ ސިޔާސަތުތަކަށް ކޮންމެވެސް ކަހަލަ ނުފޫޒުތަކެއް ފޯރުވުމަށް ކަމަށް ޑރ. ހާލާ ތުހުމަތު ކުރެއްވިއެވެ.

comment ކޮމެންޓް