އެމެރިކާ ސިފައިންގެ ތައްޔާރީ ހާލަތު އޮތީ ވަރަށް ދެރަވަރުގައި : ދިފާއީ ވަޒީރު

މާޓިސް

ވޮޝިންޓަން (ޖޫން 13) : އެމެރިކާ ސިފައިންގެ ތައްޔާރީ ހާލަތު އޮތީ ވަރަށް ދެރަވަރުގައި ކަމަށާ އެކަމާމެދު ހައިރާންވެ ވަޑައިގަންނަވާ ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ޖިމް މާޓިސް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ސިފައިންގެ ކަންތައްތަކާ ބެހޭ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން މާޓިސް ވިދާޅުވީ އެމެރިކާއަކީ ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބާރުކަމަށްވާ އިރު ގަދަފަދަ ގައުމަކާ ދެކޮޅަށް ހަނގުރާމައެއް ފެށުމަށް ބޭނުންވާ ތައްޔާރީ ހާލަތުގައި އެމެރިކާގެ އަސްކަރިއްޔާ ނެތްކަމުގަ އެވެ. އޭނާ ވިދާޅުވީ ތަނަކަށް ވައިގެ ހަމަލާތަނެއް ދިނުމަކީ ހަނގުރާމައަށް ތައްޔާރުވެ ތިބުން ނޫންކަމަށާއި އެމެރިކާ ސިފައިންގެ ތައްޔާރީ ހާލަތު އޮތީ ވަރަށް ދަށުގައި ކަމުގަ އެވެ.

އެކަމުގެ ސަބަބެއް ކަމުގައި މާޓިސް ވިދާޅުވީ އެމެރިކާ ސިފައިންގެ ބަޖެޓް ކުޑަވުމެވެ. އޮބާމާގެ ވެރިކަމުގެ ފަހު ދެއަހަރުގައި އެމެރިކާގެ އަސްކަރީ ބަޖެޓް ކޮންމެވެސް ވަރަކަށް ކުޑަކުރި ނަމަވެސް އެމެރިކާގެ އަސްކަރީ ބަޖެޓަކީ އޭރުވެސް ހަސަތޭކަ ބިލިޔަން ޑޮލަރަށްވުރެ ބޮޑު ބަޖެޓެކެވެ. މިވަރުގެ ބޮޑު ބަޖެޓެއް އަސްކަރީ ކަންކަމަށް އޮތްއިރު ވެސް އެމެރިކާ ސިފައިންގެ ގިނަކަންތައްތަކެއް ބަޖެޓް ނެތިގެން ނުކުރެވިފައިވާކަން މާޓިސް ފާހަގަ ކުރެއްވި އެވެ. މާޓިސް ވިދާޅުވީ އެމެރިކާ ސިފައިން ގެ ތައްޔާރީ ހާލަތު ފުރިހަމަ ކުރުމަށްޓަކައި ބޮޑު ބަޖެޓެއް އެތައް އަހަރެއް ވަންދެން އޮތުން ބޭނުންވެ އެވެ.

ޕެންޓަގަން އިންވަނީ 2018 ވަނަ އަހަރުގެ ދިފާއީ އަސާސީ ބަޖެޓަކީ 639 މިލިޔަން ޑޮލަރުކަމާއި އިތުރުކަންކަމަށް 65 ބިލިޔަން ޑޮލަރުގެ ބަޖެޓެއް އެކުލަވާލާފަ އެވެ. ކޮންގްރެސް އިން މި ވަރަށް ބަޖެޓް ފާސްކޮށްދޭނެ ކަމުގެ ޔަގީންކަން ނެތްނަމަވެސް 600 ބިލިޔަނަށް ވުރެ ކުޑަނޫން ބަޖެޓެއް ފާސްކޮށްދޭނެކަމަށް ވަނީ ބެލެވިފަ އެވެ. އެމެރިކާ ފިޔަވައި ދުނިޔޭގައި އަސްކަރީ ބަޖެޓް އެންމެ ބޮޑީ ޗައިނާގެއެވެ. ޗައިނާގެ މުޅި އަސްކަރީ ބަޖެޓަކީ 180 ބިލިޔަން ޑޮލަރެވެ.

އެމެރިކާގެ އަސްކަރީ ބަޖެޓް ބޮޑުނަމަވެސް އެމެރިކާގެ އަސްކަރިއްޔާ ތެރޭގައި ނުސީދާ ގޮތެއްގައި ހިންގާ ކޮރަޕްޝަންގެ ހަރަކާތްތައް ބޮޑުކަމަށް ރިޕޯޓްތައް ބުނެ އެވެ. (އާރުޓީ)

ގުޅޭ ޓެގު
comment ކޮމެންޓް