ޖޯން 10 އަހަރަށް ޑީޕޯޓްކޮށްލައިފި

ޖޯން ސޭފަޓްގެ ދުލަށް ލިބުނު އަނިޔާއަކަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ހޯދަނީ -- ސަން ފޮޓޯ: ކިޔުންތެރިއެއް

ޕާސްޕޯޓުގެ މުއްދަތު ހަމަވެ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނި އެމެރިކާގެ ރައްޔިތެއް ކަމުގައިވާ ޖޯން ޗާލްސް ސޭފަޓް 10 އަހަރު ވަންދެން ރާއްޖެ ނާދެވޭ ގޮތަށް ރޭ ޑީޕޯޓްކޮށްލައިފިއެވެ.

އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް މިއަދު "ސަން" އަށް ވިދާޅުވީ ރޭ ޖޯން ޑީޕޯޓްކޮށްލީ އެމެރިކާ އެމްބަސީން އޭނާގެ ޓްރެވެލް ޑޮކިއުމެންޓެއް ފޮނުވުމުން ކަމަށެވެ.

ޕާސްޕޯޓްގެ މުއްދަތުހަމަވިފަހުން ރާއްޖޭގައި އުޅޭތީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

ޖޯންގެ ވަކީލުން ވިދާޅުވީ އޭނާ ރާއްޖޭގައި އުޅުނީ ދިވެހީންގެ ބަޔަކާ ގުޅިގެން ހުޅުމާލޭގައި ގެސްޓްހައުސްގެ ވިޔަފާރި ކުރުމަށް ކަމަށެވެ. އެކަމަށް މާލީގޮތުން ބޮޑު ހޭދައެއް ޖޯން ކުރެއްވި ކަމަށާއި ނަމަވެސް ޕާސްޕޯޓް ވަގަށް ނެގުމަށްފަހު ޖޯން އަށް "ލަނޑުދީފައިވާ ކަމަށް" ވަކީލުން ވަނީ ވިދާޅުވެފައެވެ.

ޑީޕޯޓްކޮށްލިއިރު، ޖޯންގެ ފައިސާއާ ގުޅޭ މައްސަލަތަކެއް ރާއްޖޭގެ ކޯޓުތަކުގައި އެބަހުއްޓެވެ. އެއިން ބައެއް މައްސަލަތަކުގެ ހުކުމް އިއްވާފައިވާއިރު، ޖޯންއާ އެއްކޮޅަށް ވެސް ބައެއް މައްސަލަ ވަނީ ނިމިފައެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި އަނބުރައިގަނެގެން ވެއްޓި ޖޯންގެ ދުލުގެ ބައެއް ވަނީ ބުރިވެފައެވެ. އެކަމަށް އޭނާ ވަނީ ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ވެސް ހޯދާފައެވެ.

comment ކޮމެންޓް