ގަތަރު އެއާވޭސްގައި މަސައްކަތް ކުރި ސައުދީ މުވައްޒަފުން އަނބުރާ ގެންދަނީ

ސައުދީގެ ބަޖެޓު އެއާލައިނު ފްލައިނަސް --

ގަތަރު އެއާވޭސްގައި މަސައްކަތް ކުރަމުން ދިޔަ ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ ޕައިލެޓުންނާއި މުވައްޒަފުން އެގައުމުގެ އެހެން އެއާލައިނަކުން ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި އެވެ.

އަލްއަރަބިއްޔާ ނޫހުން ބުނި ގޮތުގައި ގަތަރު އެއާވޭސްގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައި ވަނީ ސައުދީގެ ބަޖެޓު އެއާލައިނެއް ކަމަށްވާ "ފްލައިނަސް" އިންނެވެ.

އެ އެއާލައިނުގެ ރަސްމީ ޓުވިޓާ އިން ކޮށްފައިވާ ޓްވީޓަކާ ހަވާލާދީ އެނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ގަތަރު އެއާވޭސްގެ އެއާބަސް އޭ320 މަރުކާރުގެ ބޯޓުތަކުގައި މަސައްކަތް ކުރާ އެގައުމުގެ ޕައިލެޓުންނާއި އެހެނިހެން މުވައްޒަފުންނަށް އެ އެއާލައިނުގައި ވަޒީފާ އަދާ ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. އަދި އެފުރުސަތު ބޭނުންވާ މުވައްޒަފުންނަށް އެ އެއާލައިނުން މަރުހަބާ ކިޔާ ކަމަށް ވެސް އެ ނޫހުން ބުނެފައިވެ އެވެ.

ފްލައިނަސް އެއާލައިނުން މިކަން އިއުލާންކޮށްފައިވާ އިރު، މިދިޔަ ހަފްތާގެ ތެރޭގައި ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ، ބަހްރެއިން އަދި މިސްރު ފަދަ އިސްލާމީ ބައެއް ބޮޑެތި ގައުމުތަކުން ވަނީ ގަތަރުން ޓެރަރިސްޓު ޖަމާއަތްތަކަށް ހިތްވަރުދޭ ކަމަށް ބުނެ އެގައުމާ އެކު އޮތް ސިޔާސީ އަދި އިގްތިސާދީ ގުޅުން ނިމުމަކަށް ގެނެސްފަ އެވެ. އެއާ އެކު ގަތަރު އެއާލައިނުގެ ދަތުރުތައް ސައުދީ އަރަބިއްޔާ އިން ވަނީ މެދުކަނޑާލާފަ އެވެ.

ގަތަރާ އެކު ގުޅުން ކަނޑާލި ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ. ރާއްޖެ އިން އެގައުމާ ކަނޑާލީ ހަމަ އެކަނި ސިޔާސީ ގުޅުމެވެ.

comment ކޮމެންޓް