ސެކިއުރިޓީ އެންމެ ދަށްކޮށް ވެބްސައިޓު ފަރުމާ ކުރަނީ އޮންލައިން ނޫސްތަކުން: ދިރާސާ

ވެބްސައިޓުތަކުގެ ތެރޭގައި އެންމެ ސެކިއުރިޓީ ފީޗާސް ދަށްކޮށް ފަރުމާކޮށްގެން އުފައްދަނީ އޮންލައިން ނޫސްތަކާއި ސްޕޯޓްސް ޕްލެޓްފޯމުތައް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޖާނަލް އޮފް ސައިބާ ސެކިއުރިޓީ ޓެކްނޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އެންމެ ދަށް ލެވެލްގެ ސެކިއުރިޓީ ފީޗާސްތައް އެޑޮޕްޓްކޮށްފައިވަނީ އޮންލައިން ނޫސްތަކާއި ސްޕޯޓްސް ވެބްސައިޓުތަކުގައެވެ.އެ ދިރާސާއިން އެގޮތަށް ދައްކާއިރު، ދިރާސާގެ ދިރާސީ ރިޕޯޓު ނެރެފައިވަނީ އެކި ދާއިރާތަކުގެ ވެބްސައިޓުތަކުގެ ތެރެއިން މުޅި ދުނިޔޭގެ އެންމެ މަޝްހޫރު 500 އެއްހައި ވެބްސައިޓުތަކުގެ ސެކިއުރިޓީ ޕްރޮޓޮކޯލްސް ބެލުމަށްފަހު އެވެ.

އެ ދިރާސާ ކޮށްފައިވަނީ ޔުނިވާސިޓީ އޮފް ސުރޭގެ ސެކިއުރިޓީ އެކްސްޕާޓުންގެ ޓީމަކުންނެވެ. އެ ޓީމުގެ ދިރާސާއިން ދެއްކި ގޮތުގައި ޓެސްޓު ކުރި 500 އެއްހައި ވެބްސައިޓުތަކުގެ ތެރެއިން އެންމެ އާދައިގެ އެޗްޓީޓީޕީ އަދި ޓީއެލްއެސް ސެކިއުރިޓީ ޕްރޮޓޮކޯލްސް ބޭނުންކޮށްފައިހުރީ އެންމެ 10 ޕަސެންޓު ވެބްސައިޓުތަކުގައެވެ. އެފަދަ ސެކިއުރިޓީ ޕްރޮޓޮކޯލްސް ބޭނުން ކުރާ ފަރާތްތަކުންވެސް އެންމެ ފަހުގެ ޒަމާނީ ސެކިއުރިޓީ ފީޗާސް ބޭނުން ނުކުރާ ކަމަށް ދިރާސީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

"ދުވަސްތައް ފާއިތުވާ ވަރަކަށް ހުރިހާ ވައްތަރެއްގެ އެންކްރިޕްޝަނެއް ދަނީ ހަމަ އޭގެ އަސްލު ބާރަށްވުރެ ބާރު ދެރަވަމުން. ސަބަބަކީ އެ ޑީކްރިޕްޓު ކުރާނެ ގޮތްތައް މީހުން ދަނީ ހޯދަމުން" އެ ޔުނިވާސިޓީގެ ސައިބާ ސެކިއުރިޓީ އެކްސްޕާޓު، ޕްރޮފެސަރ އެލަން ވުޑްވާޑް ބީބީސީއަށް ވިދާޅުވެފައިވެއެވެ.

އެ ދިރާސާއިން، އޮންލައިން ނޫސްތަކާއި ސްޕޯޓްސް ވެބްސައިޓުތަކުގެ ސެކިއުރިޓީ ފީޗާސް ދަށްކަމަށް ދެއްކި ނަމަވެސް، ކޮމްޕިއުޓަރު ވިޔަފާރިއާއި ޓެކްނޮލޮޖީ ކުންފުނިތަކުގެ އިތުރުން ފިނޭންޝަލް އޯގަނައިޒޭޝަންތަކުގެ އޮންލައިން ޕްލެޓްފޯމުތަކުގެ ސެކިއުރިޓީ ޕްރޮޓޮކޯލްސް އަބަދުވެސް ހުންނަނީ އެންމެ ޒަމާނީ ފެންވަރަށް ބައްޓަންކުރެވިފައެވެ. އޭގެ ތެރޭގައި އޮންލައިން ޝޮޕިން ޕްލެޓްފޯމާއި ގޭމިން ޕްލެޓްފޯމުތައް ހިމެނެއެވެ.

އޮންލައިން ސެކިއުރިޓީ ޕްރޮޓޮކޯލްސްގެ ތެރޭގައި ޓީއެލްއެސް އާއި އެޗްޓީޓީޕީ އަދި އެޗްއެސްޓީއެސް ހިމެނެއެވެ. މީގެ ތެރެއިންވެސް އެންމެ ވަރުގަދަ ޕްރޮޓޮކޯލަކީ އެޗްއެސްޓީއެސް އެވެ.

comment ކޮމެންޓް