ބަންގާޅުގެ އާ ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

ރައީސް ޔާމީނަށް ބަންގާޅު ސަފީރު ފަތްކޮޅު އަރުވަނީ -- ފޮޓޯ/ ރައީސް އޮފީސް

ބަންގްލަދޭޝުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، އެބޭފުޅާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަރުވައިފި އެވެ.

ބަންގާޅުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަކީ ރިއަރ އެޑްމިރަލް އަޚްތަރު ހަބީބެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި، ސަފީރު ވަނީ ރައީސް ޔާމީނަށް ފަތްކޮޅު އަރުވައިފަ އެވެ.

އެއަށް ފަހު ދެ ބޭފުޅުން ބޭއްވި ބައްދަލުކުރެއްވުމުގައި، ރައީސް ޔާމީން ވަނީ ބަންގްލަދޭޝްގެ ރައީސް އަބްދުލްހާމިދަށާއި ބޮޑުވަޒީރު ޝައިޚް ހަސީނާއަށް ހެޔޮ އެދުންތައް ރައްދުކޮށްދެއްވުމަށް ސަފީރު އަރިހުން އެދިވަޑައިގެންފަ އެވެ. އަދި ބަންގާޅާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި ރަހުމަތްތެރިކަމުގެ މައްޗަށް ރައީސް އަލުއަޅުވައިލެއްވި އެވެ. ރައީސް ޔާމީން ވިދާޅުވީ، ސަފީރު އަޚްތަރުގެ ދައުރުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރު އަޚްތަރު ހަބީބު ވަނީ ރާއްޖެއާ ބަންގާޅާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ގިނަ ބަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ޔާމީނަށް ދެއްވައިފަ އެވެ.

ސަފީރު އަޚްތަރުގެ ކުރިން ރާއްޖޭގައި ހުންނެވި ބަންގާޅު ސަފީރަކީ ރިއަރ އެޑްމިރަލް ގާޒީ ސަރުވާރު ހުސައިނެވެ.

ބަންގްލަދޭޝާއި ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރީ 22 ސެޕްޓެމްބަރު 1978 ގައެވެ.

comment ކޮމެންޓް