ޕާކިސްތާނުން ދިވެހި ޒުވާނުންނަށް 600 ބޯޅަ ހަދިޔާކޮށްފި

ޕާކިސްތާން ސަފީރު ވައިސް އެޑްމައިރަލް ރިޓަޔަޑް ސައީދު ކަވާރު އަލީ(ކ)މިނިސްޓަރ އިރްތިޝާމް އާދަމް(ވ)--ފޮޓޯ/ ޔޫޫތްމިނިސްޓްރީ

ޕާކިސްތާން ސަރުކާރުން ދިވެހި ޒުވާނުންނަށް 600 ބޯޅަ މިއަދު ހަދިޔާކޮށްފިއެވެ.

މިއަދު މެންދުރު މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރާއި މި ބޯޅަތައް ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމައިރަލް ރިޓަޔަޑް ސައީދު ކަވާރު އަލީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެ ބޯޅަ ތަކާއި ހަވާލުވީ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އިރްތިޝާމް އާދަމްއެވެ.

ޕާކިސްތާނުން ހަދިޔާކޮށްފައިވަނީ 500 ފުޓްބޯޅައާއި 100 ފުޓްސަލް ބޯޅައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިރްތިޝާމް ވިދާޅުވީ ޕާކިސްތާން ސަރުކާރުން އަބަދުވެސް ދިވެހި ޒުވާނުންނާއި ގުޅޭ އެންމެހާ ކަންކަން ހަމަޖެއްސުމުގައި ހާއްސަ އެހީ ތެރިކަމެއް ފޯރުކޮށްދެމުން ގެންދަވާ ކަމަށާއި އެކަމަށްޓަކައި ޕާކިސްތާން ސަރުކާރަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ޕާކިސްތާނުން ހަދިޔާ ކުރި 600 ބޯޅަ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ކުޅެން ބޭނުންވާ ޒުވާނުންނަށް މިނިސްޓްރީ މެދުވެރިކޮށް ފޯރުކޮށްދެމުން ގެންދަވާނެ ކަމަށެވެ.

ޮޕާކިސްތާނުގެ ސަފީރު ވިދާޅުވީ މިއީ ޕާޚިސްތާނުން ރާއްޖޭގެ ޒުވާނުންނަށް ހަދިޔާ ކުރި ބޯޅަ ތަކެއް ކަމަށާއި ރާއްޖެ ފަދަ ކުޅިވަރަށް ލޯބި ކުރާ ޒުވާނުން ތަކެއް ދިރިއުޅޭ ގައުމަކަށް ޕާކިސްތާނުން ކުޅިވަރުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެވުމަކީ ލިބިގެންދާ ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ އަކީ އެކިއެކި ބައިނަލް އަގުވާމީ ކުޅިވަރުތަކުގައި ރަނގަޅު ވަނަތަކެއް ހޯދޭނެ ގައުމެއް ކަމަށާއި އެ ވަނަތައް ހާސިލް ކުރުމުގައި ޕާކިސްތާނުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.

މުޅި ދުނިޔެއަށްވެސް ބޯޅަ އުފެއްދުމުގައި މަޝްހޫރު ޕާކިސްތާނުން މިއަދު ހަދިޔާ ކުރި ބޯޅަ ތަކުގައިވަނީ ޔޫތް މިނިސްޓްރީގެ ލޯގޯ ޖަހާފައެވެ. އަދި މިނިސްޓްރީން ބުނީ މި ބޯޅަ ތަކަކީ ފެންވަރު ރަނގަޅު ބޯޅަތަކެއް ކަމަށެވެ.

comment ކޮމެންޓް