ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މީހަކަށް މަރުގެ ހުކުމް ޕާކިސްތާނުގެ ކޯޓަކުން އިއްވައިފި

ލާހޯރު (ޖޫން 12) : މުރުތައްދު ވުމާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ކުށް ސާބިތުވި މީހަކަށް މަރުގެ އަދަބު ދިނުމަށް ޕާކިސްތާނުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

މުސްލިމަކަށްހުރެ މުރްތައްދުވުމަކީ ޕާކިސްތާނުގެ ގާނޫނުގައި މަރުގެ އަބަދު ދެވޭ ކުށެކެވެ. މިފަދަ މައްސަލަތަކުގައި މަރުގެ އަދަބު ދިނުމަށް ޕާކިސްތާނުގެ ކޯޓްތަކުން ކުރިން ހުކުމްކޮށްފައިވެ އެވެ. ނަމަވެސް މިއީ ފޭސް ބުކްގައި މުރްތައްދުވިކަމަށް އެއްބަސްވެ ސޯޝަލް މީޑިޔާގައި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ކުށާ ގުޅިގެން މަރުގެ އަދަބު ދިނުމަށް ޕާކިސްތާނުގެ ކޯޓަކުން ހުކުމްކުރި ފުރަތަމަ ފަހަރެވެ.

މުރުތައްދު ވުމުގެ މައްސަލަ ޕާކިސްތާނުގައި ވަރަށް ގިނަ އެވެ. ނަމަވެސް ޕާކިސްތާނުގެ އާންމުން ބޮޑަށް ރުޅިއަންނަނީ ކީރިތި ރަސޫލާގެ މާތް ޝަޚްސިއްޔަތަށް ފުރައްސާރަ ކުރުމާއި އެކަލޭގެފާނަށް އިހާނާތް ކުރުމުންނެވެ. މިފަދަ ފަރާތްތަކާ ދެކޮޅަށް ގާނޫނުން ބޭރުގައި ބަދަލުހިފުމުގެ އަމަލުތައް ހިންގައި މަރާލުން ފަދަ ކަންކަން ކުރުމަކީ ޕާކިސްތާނުގައި ވަރަށް ގިނައިން ހިނގާ ކަމެކެވެ.

މުރުތައްދު ވުމާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ކުށް ސާބިތުވި ޕާކިސްތާން މީހަކީ އުމުރުން 30 އަހަރުގެ ތައިމޫރު ރިޒާއެވެ. އޭނާގެ މައްޗަށް ދައުވާކުރި ޕާކިސްތާނުގެ ޕްރޮސެކިއުޓަރު ޝަފީޤް ގުރައިޝީ ވިދާޅުވީ ރިޒާވަނީ ކީރިތި ރަސޫލާއަށާއި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް އިހާނާތްތެރިވާ އެތައް އިބާރާތެއް ބޭނުންކޮށްގެން އެތަށް ފަހަރަކު ސޯޝަލް މީޑިއާގައި އެކިއެކި ލިޔުންތައް ލިޔެފަ އެވެ. އަދި ބައެއް ސަޙާބީންނާއި ކީރިތި ރަސޫލާގެ އަނބިއަނބިކަނބަލުންނާ ގުޅުވައިގެން ވެސް ހަޑިހުތުރު ބަސްތައް ބޭނުންކޮށް ލިޔުންތައް ލިޔެފައިވާ ކަމާއި އެކަމަށް އޭނާ އިޢްތިރާފްވާ ކަމަށް ވެސް ގުރައިޝީ ވިދާޅުވި އެވެ.

މިމައްސަލާގައި ރިޒާއަށް ޕާކިސްތާނުގެ އާންމުންގެ ފަރާތުން އަތުވެދާނެ ހަމަލާއަކުން އޭނާ ސަލާމަތް ކުރުމުގެ ގޮތުން ޝަރީޢަތުގެ މަޖިލީސް ބޭއްވީ ވެސް ލާހޯރުގެ ކައިރީގައިވާ ޖަލެއްގަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް