ލޯންޗު އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވި މީހާ އަންނަނީ ރަނގަޅުވަމުން: އޭޑީކޭ

އެކްސިޑެންޓުގައި ޒަހަމްވި މީހަކު އޭޑީކޭއަށް ވައްދަނީ --- ސަން ފޮޓޯ/ މުހައްމަދު ސަމާހް

މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ ސަމާ އައިލެންޑް ރިސޯޓުގެ ސްޓާފުންނާ އެކު ދަތުރު ކުރި ލޯންޗެއް ދޯންޏެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އެންމެ ބޮޑަަށް އަނިޔާވި މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

އެ އެކްސިޑެންޓުގައި 14 މީހަކަށް އެކިވަރުގެ އަނިޔާވެގެން އޭޑީކޭގައި ފަރުވާ ދީފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު އަނިޔާއެއް ވެފައި ވަނީ، ސ. މީދޫ ހަނދުވަރުމަތީގޭ، އަލީ ވަސީމް އަށެވެ.

އެ އެކްސިޑެންޓުގައި ވަސީމްގެ ބޮލަށް ވަނީ ޒަހަމްތަކެއް ލިބިފަ އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް 'ސަން' އަށް ވިދާޅުވީ، ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ރަނގަޅު ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އޭނާ ވޯޑަށް ބަދަލުކުރެވޭނެ ކަމަށެވެ.

"އިރާދަކުރެއްވީތީ ވަރަށް ބޮޑަށް ރިކަވާ ވެއްޖެ. ކުރިއަށް އޮތްތަނުގައި ކުރާނީ އޭނާ އައިސީޔޫ އިން ނެރެވޭނެ އިންތިޒާމުތައް،" އައްފާލު ވިދާޅުވި އެވެ.

އައްފާލު ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ވަސީމްގެ އިތުރުން މިހާރު އޭޑީކޭގައި ފަރުވާ ދެމުން ދަނީ ދެ މީހަކަށް ކަމަށެވެ. އެ ދެމީހުންނަށް ފަރުވާ ދެމުންދަނީ ވޯޑުގައި ބާއްވައިގެންނެވެ.

ސަމާ އައިލެންޑް ރިސޯޓުން ފުރައިގެން، އެ ރިސޯޓްގެ 15 ސްޓާފުންނާ އެކު ދަތުރުކުރި އެ ލޯންޗް އެކްސިޑެންޓްވީ ރީތިރަށް ރިސޯޓް ކައިރީ އަޅާފައި އޮތް ދޯންޏަކާ ޖެހިގެންނެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވީ އެ ދޯނި އަޅާފައި އޮތް އިރު އޭގައި އެއްވެސް އަލިކަމެއް ނެތުމުން ލޯންޗުގެ ކައްޕިއަށް ދޯނި ނުފެނިގެންނެވެ. އެމްއެންޑީއެފުން ބުނެފައި ވަނީ އެކްސިޑެންޓުގައި ދެފަރާތުގެ ވެސް އިހުމާލުވާ ކަމަށެވެ.

ފުލުހުން ވަނީ އެ ދޯނީގެ ކައްޕިއާ އެކު ހަތަރު ފަޅުވެރިން ވެސް ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް