ރަންވީރު، ކެޓްރީނާ އާއެކު ފިލްމު ކުޅެން އެއްބަސްނުވީ ދީޕިކާގެ ސަބަބުން؟

ހުނަރުވެރި އެކްޓަރު ރަންބީރު ކަޕޫރުގެ ކުރީގެ ދެ ލޯބިވެރިން ކަމުގައިވާ ދީޕިކާ ޕަދުކޯން އަދި ކެޓްރީނާ ކައިފް އާދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގައި ރަންވީރު ސިންގ ވެސް ބެދިއްޖެ އެވެ.

ދީޕިކާ އާއި ކެޓްރީނާ އާ ދެމެދު މައްސަލަ ޖެހުނީ، ފިލްމު 'އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ' ގައި މަސައްކަތް ކުރި ދުވަސްވަރު، ކެޓްރީނާ އާއި ރަންވީރު އާ ދެމެދު ގުޅުމެއް އުފެދުނު ހިސާބުންނެވެ. އޭރު ދީޕިކާ އަކީ ރަންބީރުގެ ލޯބިވެރިޔާ އެވެ.

ރަންބީރު އާއި ކެޓްރީނާ ވެސް ވަނީ ދިގު މުއްދަތަކަށް ލޯބީގެ ގޮތުން ގުޅިގެން އުޅެފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ކުރީކޮޅު ދެމީހުން ވަކިވުމަށް ފަހު، އެކަކު އަނެކަކާ ވާހަކަ ދައްކާ ނުހަދަ އެވެ. އަދި އެކުގައި މަސައްކަތް ކުރުމަށް އުނދަގޫ ވާ ހިސާބަށް މައްސަލަ ގޯސްވި އެވެ.

ކެޓްރީނާ އާއި ރަންބީރު ރުޅިވި ފަހުން، ކެޓްރީނާ އާއި ދީޕިކާގެ ގުޅުން ރަނގަޅު ވާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރި އެވެ. ކުރިއާ ޚިލާފަށް ދެމީހުން ވާހަކަ ދައްކާ ހެދި ނަމަވެސް، ގުޅުމަށް މާބޮޑު ކުރިއެރުމެއް ނުލިބެ އެވެ.

މިފަހަރު ދީޕިކާ އާއި ކެޓްރީނާ އާ ދެތެރޭ މި ތާށިވީ، ދީޕިކާގެ ލޯބިވެރިޔާ ކަމަށް ބުނާ ރަންވީރު އެވެ.

ޚަބަރުތައް ބުނަގޮތުން 'ބާރް ބާރް ދޭކޯ'ގެ ޑައިރެކްޓަރު ނިތުޔާ މެހެރާގެ ކުރިއަށް އޮތް ފިލްމު ހުށަހެޅީ ރަންވީރު އަށެވެ. ފިލްމުގެ ބަތަލާ އަކީ ކެޓްރީނާ އެވެ. ރަންވީރު ފިލްމަށް ނޫނެކޭ ބުނީ އެހެންވެ ކަމަށް ޚަބަރުތައް ބުނެ އެވެ.

ރަންވީރު އާއި ކެޓްރީނާ އާ ދޭތެރޭގައި އެއްވެސް މައްސަލަ އެއް ނެތެވެ. އެހެން ނަމަވެސް ދީޕިކާ ނުރުހޭ ފަދަ ކަމެއް ރަންވީރު ކުރަން ބޭނުން ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

comment ކޮމެންޓް