Sun Online
ހުކުރު މިސްކިތުގެ ތާރީހީ މުންނާރު: އިސްލާމީ ހަޒާރަތާއި ދިވެހިވަންތަކަމުގެ ރީތި ގުޅުވުމެއް ---
ހުކުރު މިސްކިތުގެ ތާރީހީ މުންނާރު: އިސްލާމީ ހަޒާރަތާއި ދިވެހިވަންތަކަމުގެ ރީތި ގުޅުވުމެއް ---

ޞަޙާބިއްޔާތުންގެ ނަމޫނާ–8

އަބްދުﷲ ފާރޫގް ހަސަން
ދިޔަތިކިއަބްދުﷲ ފާރޫގް ހަސަން

ޢިލްމީ ޚިދްމަތް

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތަކީ ޢިލްމާއި އުނގަންނައިދެއްވުމުގެ ރިސާލަތެކެވެ. ޖަހާލަތުގެ އަނދިރީގެ ތެރެއިން އިންސާނުން ޢިލްމާއި އަލިކަމުގެ ތެރެއަށް ގެނެސްދެއްވުމުގެ ރިސާލަތެކެވެ. އެކަމުގައި އިންސާނުންގެ ތެރެއިން އެއްވެސް ޖަމާޢަތެއް އިސްތިސްނާ ކުރެއްވުމަކީ އިތުރުސާހިބާގެ މަޤްޞަދެއްނޫނެވެ. އެހެންކަމުން އެމާތްސާހިބާ އަންހެނުންގެ ޚާއްޞަ ޖަމާޢަތަކަށްވެސް ފުރިހަމައަށް ތަޢުލީމާއި ތަރުބިޔަތުދެއްވިއެވެ. އެޖަމާޢަތަކީ އެމާތްސާހިބާގެ ޠާހިރު އަނބިއަނބިކަނބަލުންނެވެ.

މިގޮތުން އިސްލާމީ ފިޤުހުގެ މައްސަލަތަކުގެ ތެރެއިން ޙައިޟުނިފާސްކަމާއި، ޖުނުބުވެރިވުމާއި، ހިނައިގަތުމާ މިފަދަ އަންހެނުންނާ ޚާއްޞަ ގުޅުމެއް ހުރި މައްސަލަތަކުގެ އިތުރަށް ޙަދީޘު ޢިލްމާއި، ތަފްސީރު ޢިލްމާއި، އަސްރާރުއްދީން ފަދަ ތަނަވަސް ފުޅާ ދާއިރާތަކުގައިވެސް ޞަޙާބީންނަށް ދޫނުކުރައްވާފަދަ ޢާލިމާއިން ޞަޙާބިއްޔާތުންގެ ތެރެއިން ވަނީ އުފެދިފައެވެ.

ތަފްސީރު ޢިލްމު

ޢާންމުކޮށް ޞަޙާބިއްޔާތުންގެ ގިނަ ބޭބޭކަނބަލުންނަކީ ކީރިތި ޤުރުއާނުގެ ތަފްސީރާމެދު ޚިޔާލުފުޅު ހިންގަވައި، ކީރިތި ޤުރުއާން ތަދައްބުރު ކުރެއްވި ބޭކަނބަލުންނެވެ. ނަމަވެސް ޞަޙާބިއްޔާތުންކުރެ ތަފްސީރުޢިލްމުގައި ޞަޙާބީންގެ ކުރިއަށް ތިއްބެވި ބޭކަލުންނަށް ދޫނުކުރައްވާފަދަ ޢަލިމާއެއް ކަމުގައި ހިމެނިވަޑައިގެންފައިވަނީ ހަމައެކަނި އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއެވެ. ޢާއިޝަތުގެފާނަކީ ހިތްޕުޅު އަލިކަމާއި، ހަނދުމަފުޅު ގަދަކަމާއި، ބުއްދިފުޅު ތަނަވަސްކަމުގައި ލާމަޘީލު ބޭކަނބަލެކެވެ. ކީރިތި ޤުރުއާނުގެ އާޔަތެއްގެ މާނައާމެދު އެކަމަނާގެ ހިތްޕުޅުގައި ސުވާލެއް އުފެދިއްޖެނަމަ އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އޮޅުންފިލުއްވައެވެ. އެޒަމާނުގެ ވަރަށްގިނަ ޞަޙާބިއްޔާތުން އެބޭކަނބަލުންގެ މައްސަލަތަކުގައި އިތުރުސާހިބާގެ އަރިހުން މަޢުލޫމާތު ހޯއްދެވުމުގެ މެދުވެރިޔަކަށް ހައްދަވައިފައިވަނީވެސް އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއެވެ. އެހެންކަމުން ޢާއިޝަތުގެފާނު ވަރަށްގިނަ މާނަފުން އާޔަތްތައްވެސް ނުހަނު ފަސޭހަފުޅުކަމާއެކު ތަފްސީރު ކުރައްވައިފައިވެއެވެ. ޚާއްޞަކޮށް ކާވެންޏާއި ވަރިއާއި، ޙައްޖު ޢުމްރާފަދަ ބައެއް ކަންކަމާ ބެހޭގޮތުން އެކަމަނާގެ އަރިހުން ތަފްސީރު ރިވާވެފައިވާ އާޔަތްތަކުން މިފަންނުގައި އެކަމަނާގެ ކުޅަދާނަފުޅުކަން ސާބިތުވެއެވެ.

އަސްރާރުއްދީން

އަސްރާރުއްދީނާބެހޭ ޢިލްމަކީ ޝަރީޢަތުގެ ޙުކުމްތައް އެގޮތަށް ކަނޑައެޅުނު ސަބަބުތަކާއި އެކަންކަމުގެ މަޞްލަޙަތުތަކާމެދު ބަޙުޘުކުރުމުގެ އިލްމެވެ. މިޢިލްމުގެ "ކަވި" ކަމާއި އުނދަގޫކަމުން މިޢިލްމުގެ ތެރެއަށް ވަދެވަޑައިގެން މިޢިލްމުގެ އުޞޫލުތަކާއި ހަމަތައް ވިދާޅުވެދެއްވައިފައިވަނީ ޞަޙާބީންގެ ތެރެއިންވެސް ފިޤުހުވެރި މަދު ބޭކަލުންކޮޅެކެވެ. ޢުމަރު ރަޟިޔަﷲ ޢަންހު އާއި ޢަލީ ރަޟިޔަﷲ ޢަންހު އާއި ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު އާއި، ޒައިދު ބިން ޘާބިތު ރަޟިޔަﷲ ޢަންހު އާއި ޢަބްދުﷲ ބުނު ޢައްބާސް ފަދަ މަދު ބޭކަލެކެވެ. ދެން ތިއްބެވި ޞަޙާބީންގެ މަސައްކަތްޕުޅު މިޢިލްމުގެ ދާއިރާގައި ދާދި މަދެވެ. ޚާއްސަކޮށް ޞަޙާބިއްޔާތުންގެ މަސައްކަތްޕުޅެއް މިޢިލްމުގެ ދާއިރާއިން ފެނުމަކީ ނާދިރުކަމެކެވެ. ނަމަވެސް ޞަޙާބިއްޔާތުންގެ ފަރާތްޕުޅުގެ މިއުނިކަން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އާއި އުއްމުލް މުއުމިނީން އައްސައްޔިދާ އުއްމު ސަލަމަތު ރަޟިޔަﷲ ޢަންހާ ވަނީ ފުރިހަމަކުރައްވައިފައެވެ. އެއްނަޒަރަކުން ވިސްނާއިރު ޞަޙާބިއްޔާތުންގެ ކޮޅަށް ތިލަފަތް ބަރުވެސް ކުރައްވައިފައެވެ. ޙަދީޘު ޢިލްމުގެ ފޮތްތަކުގައިހުރި މިޢިލްމުގެ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ޢާއިޝަތުގެފާނު ރިވާކުރައްވައިފައިވާ މައްސަލަތެކެވެ.

ޙަދީޘު ޢިލްމު

ޞާޙާބީންނާއި ޞަޙާބިއްޔާތުން ހަދީޘު ރިވާކުރައްވައިފައިވާ ޢަދަދުތަކާމެދު ވިސްނައިވަޑައިގެން މުޙައްދިޘުން ވަނީ ޙަދީޘު ރިވާކުރެއްވި ބޭބޭކައުކަނބަލުން ފަސްބަޔަކަށް ބައްސަވައިފައެވެ. އޭގޭތެރެއިން އެންމެ ބައެއް ފިޔަވައި އަނެއް ހަތަރުބައިގައިވެސް ޞަޙާބީންނާއެކު ޞަޙާބިއްޔާތުން ހިމެނިވަޑައިގެންފައިވެއެވެ. އެބައިތައް ތިރީގައި މިދަންނަވަނީއެވެ.

  1. އެއްހާސް ނުވަތަ އެއްހާހަށްވުރެ ގިނަ ޙަދީޘު ރިވާކުރެއްވި ބޭބޭކައުކަނބަލުން

މިބައިގައި އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ހިމެނިވަޑައިގެންފައިވެއެވެ. ޞަޙާބީންގެ ތެރެއިން އެންމެގިނަ ޙަދީޘު ރިވާކުރައްވައިފައިވަނީ އަބޫހުރައިރާ ރަޟިޔަﷲ ޢަންހުއެވެ. އެކަލޭގެފާނު ރިވާކުރެއްވި ޙަދީޘުގެ ޢަދަދަކީ 5374 އެވެ. ދެވަނައަށް އެންމެގިނަ ޙަދީޘު ރިވާކުރައްވައިފައިވަނީ ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުއެވެ. އެކަލޭގެފާނުގެ ރިވާޔަތްތަކުގެ ޢަދަދަކީ 2660 އެވެ. ތިންވަނައަށް އެންމެގިނަ ޙަދީޘު ރިވާކުރައްވައިފައިވަނީ އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އެވެ. އެކަމަނާ ރިވާޔަތްތަކުގެ ޢަދަދަކީ 2210 އެވެ. އޭގެތެރޭގައި ދެއިމާމުން އިއްތިފާޤުވެވަޑައިގަންނަވާ 174 ޙަދީޘުވެއެވެ. އޭގެއިތުރަށް އަލްއިމާމުލް ބުޚާރީ 54 ޙަދީޘު، އައްއިމާމު މުސްލިމް 69 ޙަދީޘު އެބޭކަލުންގެ ޞަޙީޙުގައި ހިމެނުއްވަފައިވެއެވެ.

  1. ފަސްސަތޭކަ ޙަދީޘު ނުވަތަ ފަސްސަތޭކައަށްވުރެ ގިނަ އެއްހާހަށްވުރެ މަދު ޙަދީޘު ރިވާކުރެއްވި ބޭކަލުން މިބައިގައި އެއްވެސް ޞަޙާބިއްޔާއެއް ހިމެނިވަޑައިގެންފައެއް ނުވެއެވެ.
  2. ސަތޭކައަށްވުރެ ގިނަ އެކަމަކު ފަސްސަތޭކައަށްވުރެ މަދު ޙަދީޘު ރިވާކުރެއްވި ބޭބޭކައުކަނބަލުންގެ ތެރޭގައި

ޞަޙާބިއްޔާތުންކުރެ އުއްމުލް މުއުމިނީން އައްސައްޔިދާ އުއްމުސަލަމަތު ރަޟިޔަﷲ ޢަންހާ މިބައިގައި ހިމެނިވަޑައިގަންނަވައެވެ. އެކަމަނާ 378 ޙަދީޘު ރިވާކުރައްވައިފައިވެއެވެ.

  1. ސާޅީހާއި އެއްސަތޭކައާ ދެމެދުގެ ޢަދަދަކަށް ޙަދީޘު ރިވާކުރެއްވި ބޭބޭކައުކަނބަލުން

މިބައިގައި ވަރަށްގިނަ ޞަހާބިއްޔާތުން ހިމެނިވަޑައިގެންފައިވެއެވެ. އޭގެތެރޭގައި އުއްމުލް މުއުމިނީން އައްސައްޔިދާ އުއްމު ޙަބީބާ އާއި، އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ އާއި، އުއްމުލް މުއުމިނީން އައްސައްޔިދާ ޙަފްޞާ އާއި، އައްސައްޔިދާ އުއްމު ޢަޠިއްޔާ އާއި، އައްސައްޔިދާ އަސްމާ ބިންތި އަބީ ބަކުރު އާއި އައްސައްޔިދާ އުއްމު ހާނީ ރަޟިޔަﷲ ޢަންހުންނަ ފަދަ ބޭކަނބަލުން ހިމެނިވަޑައިގަންނަވައެވެ.

  1. ސާޅީސް ޙަދީޘު ނުވަތަ ސާޅީހަކަށްވުރެ މަދު ޙަދީޘު ރިވާކުރެއްވި ބޭބޭކައުކަނބަލުން

މިބައިގައިވެސް ވަރަށްގިނަ ޢަދަދެއްގެ ޞަޙާބިއްޔާތުން ހިމެނިވަޑައިގަންނަވައެވެ.

ދިރާޔަތުގެ ފަންނު

ޞަޙާބިއްޔާތުންގެ ތެރެއިން އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އަކީ އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެންމެ ލޮބުވެތި އަނބިކަނބަލުންނެވެ. އެކަމަނާއަކީ އާދަޔާޚިލާފަށް ވިސްނުންފުޅު ތޫނު ބޭކަނބަލެކެވެ. ޢިލްމު ހޯއްދެވުމަށް ޝައުޤުވެރިވެވަޑައިގެންނެވި ބޭކަނބަލެކެވެ. އެހެންކަމުން އެކަމަނާއަކީ އިސްލާމީ އުންމަތުގެ އެންމެ އަރައިތިއްބެވި ޢިލްމުވެރީންކުރެވެސް ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތެކެވެ. އެކަމަނާ ހަމައެކަނި ދީނީކަންތައް ދެނެވަޑައިގަންނަވަނީކީ ނޫނެވެ. އަދިކީއްތޯއެވެ. އެކަމަނާ ދީނީކަންތަކާމެދު ނުހަނު ފުން ވިސްނުންފުޅެއްވެސް ގެންގުޅުއްވިއެވެ. ނުހަނު ހަރުދަނާކަމާއެކު ރައުޔުތައް ޤާއިމްކުރެއްވުމުގެ ޤާބިލިއްޔަތުވެސް އެކަމަނާއަށް ވަނީ ލިބިވަޑައިގެންފައެވެ.

އެހެންކަމުން އެކަމަނާއަށް އެކިއެކި ޞަޙާބީންގެ ފަރާތްޕުޅުން އިވިވަޑައިގަންނަވާ ބައެއް ޙަދީޘުފުޅުތަކާމެދު ކީރިތި ޤުރުއާނާއި ރަސޫލާގެ އަރިހުން އެކަމަނާއަށް ލިބިވަޑައިގެންފައިވާ ތަނަވަސް މަޢުލޫމާތުގެ އަލީގައި ފާޑުވިދާޅުވެ ހެއްދެވިއެވެ. ނަތީޖާއެއްގެ ގޮތުން އިސްލާމީ ޢިލްމުތަކުގެ ތެރެއަށް އިތުރުވެގެންދިޔަ ބޭނުންތެރި އެއް ޢިލްމަކީ ދިރާޔަތުގެ ޢިލްމެވެ.

އުއްމުލް މުއުމިނީން ދިރާޔަތުގެ ޢިލްމަށް ކުރެއްވި އަގުހުރި ޚިދްމަތަށް ވިސްނާލާއިރު އެޢިލްމުގެ ހަމަތަކާއި އުސޫލުތައް އެކަށައެޅުއްވުމުގައި އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު އާއި އަމީރުލް މުއުމިނީން ޢަލީ ބިން އަބީ ޠާލިބު ރަޟިޔަﷲ ޢަންހު އާއި ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު އަށްވުރެ އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ޙިއްޞާ ވަކި ކުޑައެއް ނޫނެވެ.

ޝައްކެއްނެތެވެ. ޞަހާބިއްޔާތުން ވަނީ މާތްކަމާއި މަތިވެރިކަމުގެ ހުރިހައި މައިދާންތަކެއްގައި ޞަޙާބީންނާ ވާދަކުރައްވައިފައެވެ. ޞަޙާބިއްޔާތުންނަށް މާތްކަމާއި މަތިވެރި ދަރަޖަ ލިބިވަޑައިގަތީ އެކަނބަލުންގެ ދީންވެރިކަމާއި، ޚުލުޤުފުޅުގެ ރީތިކަމާއި، އުޅުއްވުމުގެ ހަރުދަނާކަމާއި، އަބުރުވެރިކަމާއި، ޢިލްމުވެރިކަމާއި، ޢިއްފަތްތެރިކަމުންނެވެ. އެހެންކަމުން މިއަދުވެސް އިސްލާމީ އުއްމަތުގެ އަންހެންކުދީންނަށް ޤަދަރާއި ޝަރަފު ޙާޞިލުވާން އޮތީ ޞަޙާބިއްޔާތުން ދެއްކެވި ރީތި ނަމޫނާއަށް ތަބާވެގެންނެވެ. އަރަހުށި މާތްﷲ އެބޭބޭކަނބަލުންނަށް ރުއްސުން ލައްވާށިއެވެ.

(ނިމުނީ)

infinity loading...
×
DB released 01.