ރޮނާލްޑޯއަށް އެއްމާބަނޑު ދެބެން، މިފަހަރުވެސް މަންމަ ސިއްރު!

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ދަރިފުޅު ކްރިސްޓިއާނޯ ޖޫނިއާ، ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް -- ފޮޓޯ: މިރާ

ރެއާލް މެޑްރިޑްގެ ސުޕަރސްޓަރ ކްރިސްޓިއާނޯ ރޮނާލްޑޯއަށް އެއްމާބަޑު ދެކުދިން ލިބިއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޕޯޗްގަލްގެ މީޑިއާތަކާ ހަވާލާދީ އިނގިރޭސި ވިލާތުގެ މިރަރ ނޫހުން ބުނީ، މިދިޔަ ބުރާސްފަތި ދުވަހު، ރޮނާލްޑޯއަށް ލިބުނު އެއްމާބަނޑު ދެބޭންގެ ތެރޭން ފިރިހެން ކުއްޖާއަށް ކިޔަނީ މަޓިއޯ ކަމަށާއި އަންހެން ކުއްޖާއަށް ކިޔަނީ އީވާ ކަމަށެވެ.

ރޮނާލްޑޯގެ ފަރާތުން މިކަމާގުޅޭ ރަސްމީބަހެއް މިހާތަނަށް ލިބިފައި ނެތް ނަމަވެސް، މިދިޔަ މާޗު މަހުގެ ތެރޭގައި ވަނީ، ވަރަށް އަވަހަށް ރޮނާލްޑޯއަށް އެއްމާބަނޑު ދެކުދިން ލިބެންއުޅޭކަމުގެ ޚަބަރެއް ފެތުރިފައެވެ.

"ކްރިސްޓިއާނޯއާއި އޭނާގެ އާއިލާއަށް މިހާރު ކެތްކުރެވެނީކީ ނޫން، އާއިލާގެ އާ މެންބަރުންނާ ބައްދަލުކުރާން،" އޭރު ފެތުރުނު ރިޕޯޓުތަކުގައިވެއެވެ.

"ރޮނާލްޑޯގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް އޭނާ ވަރަށް ސިއްރުކޮށްގެން ގެންގުޅެނީ، އެހެން ނަމަވެސް ވަރަށް އަވަހަށް އެއްމާބަނޑު ދެކުދިން ލިބޭނޭ ކަމުގެ ވާހަކަ އޭނާގެ ވަރަށް ގާތް މީހުންނާއި އާއިލާއާ ހިއްސާކޮށްފައި ވަނީ."

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ދަރިފުޅު ކްރިސްޓިއާނޯ ޖޫނިއާ، -- ފޮޓޯ: މިރާ

ރޮނާލްޑޯއަށް އެއްމާބަނޑު ދެކުދިން ލިބިފައި މިވަނީ، ''ސަރޮގެޓް މަދަރ''އެއްގެ އެހީގައި ހޯދި، އޭނާގެ ދޮށީ ދަރިފުޅު ކްރިސްޓިއާނޯ ޖޫނިއާއަށް ހަތް އަހަރު ވާން ގާތްވެފައި ވަނިކޮށެވެ. ކްރިސްޓިއާނޯގެ މަންމަގެ މައުލޫމާތުވެސް ރޮނާލްޑޯ ވަނީ ސިއްރުކޮށްފައެވެ.

އެހެންކަމުން އުމުރުން 32 ރޮނާލްޑޯގެ 23 އަހަރުގެ ލޯބިވެރިޔާ، ޖޯޖީނާ ރޮޑްރިގޭޒަށް، ސަރޮގެޓް މަންމައެއްގެ އެހީގައި ރޮނާލްޑޯ ދަރިން ހޯދުން އެއީ މައްސަލައަކަށް ނުވާކަމަށް ވެއެވެ.

ސަރޮގެޓް މަދަރ އަކީ، ފިރިހެން މީހާގެ ދަރި ފަންޏާއި، އެހެން އަންހެނެއް، ނުވަތަ މާބަނޑުވާ އަންހެން މީހާގެ ބިސް، އެ އަންހެން މީހާގެ ރަހިމުގައި ދަރިމައިކޮށްގެން މާބަނޑުވެ ދަރިން އުފަންކުރުމެވެ.

ދަ ސަންއިން ބުނެފައިވާ ގޮތުން، ރޮނާލްޑޯ ގަބޫލުކުރާ ގޮތުގައި، މިހާރު މިއީ އޭނާގެ ދަރިފުޅު ކްރިސްޓިއާނޯ ޖޫނިއާއަށް ކޮއްކޮމެންނާއެކު އުޅެން އެންމެ މުހިއްމު ދުވަސްވަރެވެ. އެހެންކަމުން ތުއްތު ކްރިސްޓިއާނޯއާއި އަލަށް ލިބުނު އެއްމާބަނޑު ދެބެންވެސް ބެލުމުގައި އެހީތެރިވެދޭނީ ރޮނާލްޑޯގެ މަންމަ ޑޮލޮރެސްއާއި، އަންހެން ކޮއްކޮ ކަޓިއާއެވެ.

ރޮނާލްޑޯ ވަނީ 2010 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، އޭނާއަށް 2010 ޑިސެމްބަރުގައި ދަރިއަކު ލިބޭންއުޅޭކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ޚަބަރު ފަތުރައިފައެވެ. އެއީ އޭނާގެ ފުރަތަމަ ދަރިފުޅު ކްރިސްޓިއާނޯ ޖޫނިއަރ އެވެ. އެ ދަރިފުޅުގެ މަންމައަކީވެސް ސަރޮގެޓް މަންމައެކެވެ.

ރޮނާލްޑޯގެ ފުރަތަމަ ދަރިފުޅު އުފަންވީ، އެމެރިކާގެ ފްލޮރިޑާގެ ހޮސްޕިޓަލަކަށެވެ. އަދި ދެވަނައަށް ލިބުނު ދެބެން އުފަންވީ، މެކްސިކޯގެ ހޮސްޕިޓަލަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެން ނަމަވެސް މި ދެފަހަރުވެސް އެކުދީން ވިހެއި މީހާއަށް ވިހެއުމަށް ފަހު އެ ދެކުދީން ފެނިފައި ނުވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ރޮނާލްޑޯ އާއި އޭނާގެ ދަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާ ---

މަންމައަކާ ނުލައި ދަރިން ގެންގުޅެނީ ކީއްވެތޯ، ޖޮނަތަން ރޮސް ކިޔާ ޝޯއެއްގައި ރޮނާލްޑޯއާ ސުވާލުކުރުމުން އޭނާ ބުނީ، އެއީ އޭނާއަށް އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.

"އަހަންނަށް އެއީ މައްސަލަ އެއް ނޫން. އަހަރެން ދުނިޔެއަށް ބުނެލަން އޮތީ، ބައިވަރު ކުދީން ބޮޑުވެއޭ، މަންމަ ނުވަތަ ބައްޕައާ ނުލައި. މަންމަ ނުވަތަ ބައްޕަ މަރުވެފައި... ކްރިސްޓިއާނޯގެ އެބަހުރި އޭނާދެކެ އިންތިހާއަށް ލޯބިވާ ބައްޕައެއް،" ރޮނާލްޑޯގެ ދޮށީ ދަރިފުޅުގެ މަންމައާ ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ބުންޏެވެ.

"އޭނަގެ މާމައެއް އެބަހުރި، އަހަންނަށް އާއިލޭގެ އެހީއާ އެއްބާރުލުން ލިބޭ."

ރޮނާލްޑޯ ބުނީ، ކޮންމެ މީހެއްގެ ވެސް އަމިއްލަ ޒާތީ ދިރިއުޅުމެއް އޮންނާނޭ ކަމަށާއި، އެކަމަށް އެހެން މީހުން އިހްތިރާމް ކުރާން ޖެހޭނޭކަމަށެވެ.

"ކްރިސްޓިއާނޯ ބޮޑުވަމުން ދާވަރަކަށް އޭނާއަށް އަހަރެން ހަގީގަތް ކިޔައިދޭނަން. އޭނާއަށް އެކަން އެނގެން ޖެހޭނެ، އެކަމަކު އޭނަކައިރީ އަހަރެން އެވާހަކަ ދައްކާނީ އެއީ އަހަރެންގެ ދަރިފުޅަށްވީމަ އަދި އޭނާއަށް އެކަން ހައްގުވާތީ. ކޮންމެ ކޮންމެ މީހެއްގާތު އެވާހަކަ ދައްކާކަށް ނުޖެހޭ." ޕޯޗްގީޒް ކެޕްޓަން އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭގޮތުން ބުނެފައި ވެއެވެ.

comment ކޮމެންޓް