ޒިމްބާބުވޭގެ ރައީސް، އެގައުމުގެ ޕްރޮސެކިއުޓާ ޖެނެރަލް މަގާމުން ވަކިކޮށްފި

މަގާމުން ވަކިކޮށްފައިވާ ޒިމްބާބުވޭގެ ޕްރޮސިކިއުޓާ ޖެނެރަލް ޖޮހަނެސް ޓޮމާނާ --

ހަރާރޭ (ޖޫން 11): ޒިމްބާބުވޭގެ ރައީސް ރޮބާޓް މުގާބޭ އެގައުމުގެ ޕްރޮސިކިއުޓާ ޖެނެރަލް ޖޮހަނެސް ޓޮމާނާ މަގާމުން ވަކިކޮށްފި އެވެ.

ޓޮމާނާ މަގާމުން ވަކިކުރީ އޭނާ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލަ ތަހުގީގު ކުރަން މުގާބޭ އެކުލަވާލެއްވި ޓްރައިބިއުނަލް އިން އެކަމަށް ލަފާ ދިނުމުންނެވެ. އަދި އެމައްސަލައިގައި ޓޮމާނާގެ މައްޗަށް އަވަސް މުސްތަގުބަލެއްގައި ދައުވާ ކުރާނެ ކަމަށް ޒިމްބާބުވޭގެ މީޑިއާތަކުން ބުންޏެވެ.

މީގެ ކުރިން މިދިޔަ އަހަރު ޓޮމާނާ މަގާމުން ސަސްޕެންޑު ކުރީ މުގާބޭ އާއި އަނބިކަނބަލުން ގްރޭސްގެ ފެކްޓަރީއެއް ގޮއްވާލަން ރޭވި ދެ ސިފައިންގެ މައްޗަށް އުފުލި ދައުވާ އަނބުރާ ގެންދިޔުމުންނެވެ. އެ ދެ ސިފައިން ވަނީ މުގާބޭގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކޮށްފައި ކަމަށް ތުހުމަތު ކުރެވުނެވެ.

އޭގެ ސަބަބުން އެ ދެ ސިފައިންގެ މައްޗަށް ހަތިޔާރު ގެންގުޅުމާއި ގައުމަށް ގައްދާރުވުމުގެ ދައުވާ ކުރި ނަމަވެސް ޓޮމާނާ ވަނީ އެ ދައުވާތައް އަނބުރާ ގެންގޮސްފައެވެ. އެހެންކަމުން އޭނާ ވަނީ އިންސާފަށް ހުރަސް އަޅާފައި ކަމަށް ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ތުހުމަތު ކުރި އެވެ. (ބީބީީސީ)

comment ކޮމެންޓް