ދުވާފަރުގައި ފެންފުޅި އުފައްދާ ފެކްޓްރީ އަޅައިދޭނެ ފަރާތެއް ހޯދަނީ

އެމްޑަބްލިއުއެސްސީގެ ބޮޓެލިން ފެކްޓަރީއެއް ރ. ދުވާފަރުގައި އެޅުމަށް އެ ރަށު ކައުންސިލުގެ ފަރާތުން އެ ކުންފުންޏަށް ބިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ވޯޓާރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ރ. ދުވާފަރުގައި އަޅަން ނިންމާފައިވާ ބޮޓެލިން ފެކްޓަރީ އަޅައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ސަރުކާރުގެ ފެން ކުނިން، ރ. ދުވާފަރުގައި އަޅަން ނިންމާފައިވާ ފެންފުޅި އުފައްދާ ފެކްޓަރީއަކީ އެ ކުންފުނިން އަތޮޅު ތެރޭގައި ގާއިމްކުރާ އެފަދަ ފުރަތަމަ ފެކްޓަރީ އެވެ. އަދި އެކަމަށް ބޭނުންވާ ބިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދުވާފަރު ކައުންސިލުން، އެމްޑަބްލިއުއެސްސީއާ ވަނީ ހަވާލުކޮށްފަ އެވެ.

އެމްޑަބްލިއުއެސްސީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ ކުންފުނީގެ ފަރާތުންދޭ މައުލޫމާތުތަކާ އެއްގޮތަށް ދުވާފަރުގައި ބޮޓްލިން ބިލްޑިންގް ފެކްޓްރީއެއް (ސްޓީލް ސްޓްރަކްޗާއެއް އިންސްޓޯލްކޮށް އެކަމާ ގުޅުންހުރި މަސައްކަތްތައް) ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި އެކަމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބުނެފައިވެ އެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައި ވަނީ 500 ރުފިޔާ އަށެވެ.

ބީލަން ފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު ފަހު 1:00 އަށް ފެން ބިލްޑިންގްގެ ދެވަނަ ބުރިންނެވެ. އަދި ބީލަން ފޮތް ދޫކުރުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރަސްމީގަޑީގައި ފެން ބިލްޑިންގ ގެ 5 ވަނަ ބުރިންނެވެ.

އެމްޑަބްލިއުއެސްސީ ބުނީ، ބިޑް ހުށަހަޅަން ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށާއި ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށަހަޅާއިރު 1000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށައަޅަންވާނެ ކަމަށެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓާއެއްގައެވެ.

އެމްޑަބްލިއުއެސްސީގެ އެމްޑީ ފަޒުލް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން، އެ ކުންފުނިން ދުވާފަރުގައި ގާއިމްކުރަނީ ގަޑިއަކު 6000 ފުޅި އުފެއްދޭ ފެކްޓަރީއެކެވެ. އަދި ފެކްޓަރީ އެޅުމަށް 15 މިލިއަން ހަރަދުވާނޭ ކަމަށް ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް