މޫސުމަށް އަންނަ ބަދަލަކީ އިމެއްނެތް މައްސަލައެއް: މިނިސްޓަރު ތޯރިގު

ޖީ7 ބައްދަަލުވުމުގައި މިނިސްޓަރު ތޯރިގު --- ފޮޓޯ/ އެންވަޔަރަންމަންޓު މިނިސްޓްރީ

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ އިމެއް ނެތް މައްސަލައެއް ކަމަށް އެންވަޔަރަންމަންޓު މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެެވެ.

އިޓަލީގެ ބޮލޯނާގައި ކުރިއަށްދާ ގްރޫޕު އޮފް ސެވަން (ޖީ7)ގެ ގައުމުތަކުގެ އެންވަޔަރަންމަންޓް މިނިސްޓަރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އެންމެ ގައުމަކުން ނުވަތަ ގައުމުތަކަކުން މަސައްކަތް ކޮށްގެން ހައްލެއް ނުގެނެވޭނެ ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އެކަމުގެ ނުރަނގަޅު އަސަރު އަހަރަކަށް ފަހު އަހަރެއް އިތުރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެގޮތުން މޫސުމީ ނުރައްކާތަކާއި ކާރިސާތަކާއި ހަނަފަސްކަމުގެ އިތުރުން ފެންބޮޑުވުމާއި ހޫނުމިން އިތުރުވުން، އިތުރުވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެކަމުގެ ނުރައްކަލާ ހުރިހާ ގައުމަކުން ވެސް ކުރިމަތިލާން ޖެހޭ ކަމަށެވެ. ނަމަވެސް އެކަމުގެ ނުރައްކަލުގެ އަސަރު އެންމެ ބޮޑަށް ކުރާމުންދަނީ ކުދި ޖަޒީރާ ގައުމުތަކަށް ކަމަށް ވިދާޅުވި އެވެ. އަދި އެފަދަ ގައުމުތަކުގެ އިގްތިޞާދަށާއި އެހެނިހެން ކަންކަމަށް ވެސް ނުރަނގަޅު އަސަރު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޖީ7 ބައްދަަލުވުމުގެ ތެރެއިން -- ފޮޓޯ/ އެންވަޔަރަންމަންޓު މިނިސްޓްރީ

ޖީ7ގެ މެމްބަރު ގައުމުތައް ކަމުގައިވާ އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، ޖަޕާނު، ޖަރުމަނު ވިލާތް، ފަރަންސޭސިވިލާތް އަދި އިޓަލީވިލާތުގެ މިނިސްޓަރުންނާއި ޔޫރަޕިއަން ޔޫނިއަންގެ އެންވާރަމެންޓް އަދި ކްލައިމެންޓް ޗޭންޖްގެ ކޮމިޝަނަރުން އެ ބައްދަލުވުމުގައި ބައިވެރިވާ އިރު، މާދަމާގެ ނިޔަލަަށް އެ ބައްދަލުވުން ކުރިއަށްދާނެ އެވެ.

އެ ބައްދަލުވުމުގައި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ތަސްދީގުކޮށްފައިވާ ޕެރިސް ކްލައިމެޓް ޗޭންޖް އެގްރިމެންޓް ތަންފީޒުކުރުމާ ބެހޭ ގޮތުންނާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމާ ބެހޭ ގޮތުންނާއި، ތިމާވެއްޓާ ގުޅުންހުރި މުހިންމު ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުންޏެވެ.

ބައްދަލުވުމުގެ ހަވާސާގައި ރާއްޖެއިން އިޓަލީގެ އެންވާރަންމެންޓް މިނިސްޓަރާ ބައްދަލުކޮށް، ރާއްޖޭގައި ތިމާވެށީގެ ދާއިރާގައި އިތުރަށް އެހީ ހޯދުމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ އެވެ. އަދި އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީގެ އިސްވެރިންނާ ވެސް ރާއްޖެއިން ބައްދަލުކުރާނެ އެވެ.

comment ކޮމެންޓް