ސެމްސަންގުން އުފެއްދި އެންމެ ފުޅާ ކޮމްޕިއުޓާ މޮނިޓާ ތައާރަފްކޮށްފި

ސެމްސަންގުގެ ސީއެޗްޖީ90 މޮނިޓާ -- ފޮޓޯ: ސެމްސަންގް

ގޭމް ކުޅޭ ފަރާތްތަކަށް ކަމުދާ ގޮތަށް ސެމްސަންގުން ނެރެމުން އަންނަ މޮނިޓާތަކުގެ ތެރެއިން އިއްޔެ އެކުންފުނިން ވަނީ މިހާތަނަށް އެންމެ ފާހަގަކޮށްލެވޭ އެއް މޮނިޓާ ތައާރަފްކޮށްފަ އެވެ. އެއީ މިހާރު ދުނިޔޭގެ ބާޒާރުން ލިބެން ހުރި އެންމެ ފުޅާ މޮނިޓަރު ކަމަށް ބެލެވޭ ސީއެޗްޖީ90 އެވެ.

ކާވްޑް މޮނިޓާއެއް ކަމަށްވާ ސީއެޗްޖީ90ގެ ފުޅާ މިނުގައި 49 އިންޗި ހުރެ އެވެ. އަދި އޭގެ ރެޒޮލިއުޝަނަކީ 3840x1080 ކަމަށްވާ އިރު އެސްޕެކްޓް ރޭޝިއޯ އަކީ 32:9 އެވެ.

ސެމްސަންގްގެ ސީއެޗްޖީ90 އިން އެއް ފަަހަރާ ގިނަ ކަންތައް ކުރެވޭ -- ފޮޓޯ: ބިޒްނަސް އިންސައިޑާ

ސީއެޗްޖީ90ގައި ބޭނުން ކުރަނީ އެމޮނިޓަރަށް ހާއްސަކޮށް ހަދާފައިވާ ސޮފްޓްވެއާއެކެވެ. އޭގެ ސަބަބުން ސްކްރީން ގިނަ ވެގެން ހަ ބަޔަކަށް 'ސްޕްލިޓްކޮށް'އެއް ފަހަރާ ގިނަ ކަންތައްތައް ކުރެވޭނެ އެވެ. އަދި ސްކްރީންގެ ކުލަ އާއި އަލި ހުންނަ މިންވަރު ރަނގަޅު ކުރުމަށް ޓަކައި ސީއެޗްޖީ90ގައި ބޭނުން ކުރަނީ ސެމްސެންގުގެ ކުއެންޓަމް ޑޮޓް ޓެކްނޮލޮޖީ އެވެ.

މީގެ އިތުރުން ސީއެޗްޖީ90ގައި ޑިސްޕްލޭޕޯޓަކާއި، މިނީ ޑިސްޕްލޭ ޕޯޓަކާއި، ދެ އެޗްޑީއެމްއައި ޕޯޓާއި ތިން ޔޫއެސްބީ 3.0 ޕޯޓު ހުރެ އެވެ.

ސީއެޗްޖީ90ގެ އިތުރުން ސެމްސަންގުން ވަނީ ސީއެޗްޖީ70ގެ ނަމުގައި 31.5 އިންޗި އާއި 27 އިންޗީގެ ދެ މޮނިޓާ ތައާރަފްކޮށްފަ އެވެ. ސީއެޗްޖީ90ގެ އަގު 1،499 ޑޮލަރަށް އަރާ އިރު 31.5 އިންޗި އާއި 27 އިންޗި ހުންނަ މޮނިޓަރުގެ އަގަކީ 699 ޑޮލަރާއި 599 ޑޮލަރެވެ. އެތިން މޮނިޓަރު ވެސް ސެމްސަންގުން މިހާރު ޕްރީއޯޑާ ކުރެވޭނެ އެވެ. (ވާޖް)

comment ކޮމެންޓް