ވެކޭޝަންސް އެކްސްޕޯގެ ކޯސްޕޮންސަރުންނަށް ލަންކާގެ ކިންގްސްބަރީ އަދި އަމާޔާ ރިސޯޓްސް!

ސްރީލަންކާގެ ކޮލޮމްބޯގެ ކިންގްސްބަރީ ހޮޓެލް ---

ހައިރައިޒްއިން މިއަހަރު ބާއްވާ ދެވަނަ ވެކޭޝަންސް އެކްސްޕޯގެ ކޯސްޕޮންސަރުންގެ ގޮތުގައި، ސްރީލަންކާގައި ފަތުރުވެރިކަމުގެ މަޝްހޫރު ދެ ބްރޭންޑެއް ހަމަޖައްސައިފިއެވެ. ކޯސްޕޮންސަރުންގެ ގޮތުގައި ހަމަޖެހިފައިވަނީ ސްރީލަންކާގެ ކޮލޮމްބޯގެ މަޝްހޫރު ލަގްޒަރީ ހޮޓެލް، "ދަ ކިންގްސްބަރީ"އާއި، ލަންކާގެ ހޮޓެލް ޗެއިން "އަމާޔާ"އެވެ.

ވެކޭޝަންސް އެކްސްޕޯއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޓްރެވަލް އިންޑަސްޓްރީ ތަމްސީލު ކުރާ ފެއާއެވެ. އެ ފެއާގެ މަގުސަދަކީ ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބޭރު މީހުންނަށް ރާއްޖެއާއި ރާއްޖެ ކައިރި ގައުމުތަކުގައި ހުރި ހޮލިޑޭ އޮޕްޝަންސްތައް ތަމްސީލު ކުރުމެވެ.

ވެކޭޝަންސް އެކްސްޕޯގެ ފުރަތަމަ މައުރަޒު ބޭއްވީ މިދިޔަ އަހަރުގައެވެ. މީގެ ދެވަނަ މައުރަޒު އޮންނާނީ އަންނަ ޖުލައި މަހުގެ ހަޔަކުން އަށަކަށް، މާލޭގައެވެ.

އަންނަ މަހު އޮންނަ މައުރަޒުގެ ކޯ ސްޕޮންސަރުކަން ނެގި ކޮލޮމްބޯގެ ކިންގްސްބަރީ ހޮޓެލްއަކީ، ކޮލޮމްބޯގެ އެންމެ މަތިފަޑީގައި ގުނާލެވޭ، ފަސް ތަރީގެ ހޮޓަލެކެވެ. "ސިލޯން ކޮންޓިނެންޓަލް ހޮޓެލް"ގެ ނަމުގައި ކުރިން އޮޕަރޭޓުކުރި ކިންގްސްބަރީ ހޮޓެލުގައި 229 ކޮޓަރި ހުރެއެވެ.

އަމާޔާ ކުޑަރަށް ރިސޯޓު --

ވެކޭޝަންސް އެކްސްޕޯގެ ކޯސްޕޮންސަރެއްގެ ގޮތުގައި ދެން ހަމަޖެހިގެން ދިޔައީ ލަންކާގެ އަމާޔާ ރިސޯޓްސްއެވެ. އަމާޔާ ބްރޭންޑުގެ ދަށުން ހަ ރިސޯޓެއް ހިންގާ އިރު، ރާއްޖޭގައިވެސް ރިސޯޓެއް ހިންގައެވެ. ލަންކާގައި ހިންގާ ހަ ރިސޯޓަކީ ދަނބުއްލާގައި ހުންނަ "ސިގްނޭޗަރ ބައި އަމާޔާ"، އެލްކަޑުވަގައި ހުންނަ "ހުނާސް ފޯލްސް ބައި އަމާޔާ"، ސީގިރިޔަގައި ހުންނަ "އަމާޔާ ލޭކް"، ކެންޑީގައި ހުންނަ "އަމާޔާ ހިލްސް"، ޕާސިކުޑަގައި ހުންނަ "އަމާޔާ ބީޗް" އަދި ނުވަރައެލިޔާގައި ހުންނަ "ލެންގްޑޭލް ބައި އަމާޔާ"އެވެ. މީގެ އިތުރުން ރާއްޖޭގައި ހިންގާ ރިސޯޓަކީ އދ. ކުޑަރަށުގައި ހިންގަމުން އަންނަ އަމާޔާ ކުޑަރަށް ރިސޯޓެވެ.

އަމާޔާ ހޮޓެލް ޗެއިނާއި، ކިންގްސްބަރީ ހޮޓެލްއަކީ ސްރީލަންކާގެ ވިޔަފާރި ކޮންގްލޮމަރޭޓް "ހޭލީސް"އިން ލެއިޝާގެ ދާއިރާއިން ހޮޓެލްސް އެންޑް ޑެސްޓިނޭޝަންސްގެ ދަށުން ހިންގާ ދެ ވިޔަފާރިއެވެ.

comment ކޮމެންޓް