ގަތަރުން ގޮންޖަހަން ފެެށުމާއެކު ސައޫދީއާއި ޔޫއޭއީއަށް ރައްދު ނުދެވިފައި

ލަންޑަން (ޖޫން 10): ސައޫދީ އަރަބިޔާއާއި ޔޫއޭއީ އިސްކޮށް އޮވެގެން ގަތަރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަންޖެހޭ ކަމަށާއި އެއީ ގަބޫލުކުރެވޭނެ ފިޔަވަޅުތަކެއް ނޫންކަމަށް ޖަރުމަނާއި ތުރުކީއާއި ޔޫރަޕްގެ އިއްތިޙާދުން ބުނެފިއެވެ.

ޖަރުމަނުގެ ޚާރިޖީ ވަޒީރު ޒަގްމާރު ގަބްރިއޭލް ވިދާޅުވީ ގައުމުތަކުގެ މެދުގައި އުފެދޭ ދެބަސްވުންތައް ހައްލުކުރަންޖެހޭނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެންނާއި ފިއްތުންތައް ކުރިމަތިކޮށްގެންނޫންކަމަށާއި ވާހަކަ ދައްކައިގެން ކަމުގައެވެ. ޖަރުމަނަށް ވަޑައިގެން އުޅުއްވާ ގަތަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަޙްމާން އާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށްފަހު ފަހު ދެބޭފުޅުން އެކުގައި ބޭއްވި ނޫސް ކޮންފަރެސްގައި ގަބްރިއޭލް ވިދާޅުވީ، އަރަބި ސަރަހައްދުގައި މިހާރުވެސް ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމަތަކެއް ހިނގަމުންދާއިރު އިރާގާއި ސޫރިޔާ ޔަމަން އަދި ލީބިޔާގެ ރައްޔިތުންދަނީ މިހަނގުރާމަތަކުގައި ހަފުސްވަމުން ކަމަށާއި އިތުރު ހަނގުރާމައަކަށް މަގުފަހިވާފަދަ ފިޔަވަޅަކަށް ޖަރުމަނުން ތާއީދު ނުކުރާނެ ކަމުގައެވެ.

އަދި ޖަރުމަނުގެ ވިޔަފާރީގެ މަސްލަހަތުތައް ގަލްފުގެ ހުރިހާ ގައުމުތަކެއްގައިވެސް ވާކަމަށާއި އެހެންކަމުން ގަތަރާއި ގަލްފުގެ ބައެއް ގައުމުތަކާދެމެދު މިހާރު އުފެދިފައިވާ މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރުމަށް ޖަރުމަނުން މަސައްކަތްކުރާނެކަމަށް ގަބްރިއޭލް ވިދާޅުވިއެވެ.

ޖަރުމަނުގެ އެތަށް ކުންފުންޏެއް ގަތަރާއި ސައޫދީއާއި ޔޫއޭއީގައި އެތަށް ސަތޭކަ މިލިޔަން ޑޮލަރެއްގެ ކޮންޓްރެކްޓްތަކުގައި މަސައްކަތްކުރާތީ ގަލްފުގައި އުފެދޭ ކޮންމެ މައްސަލައެއްގެ ނޭދެވޭ އަސަރު ޖަރުމަނުގެ އިގްތިސާދަށް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ގަތަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަޙްމާން ވިދާޅުވީ، ސައޫދީއާއި ޔޫއެއީން ގަތަރަށް ހުށަހަޅާފައިވާ ޝަރުތުތަކަކީ އަމާންދިނުމުގެ ހަރުކަށި ޝަރުތުތަކެއް ކަމަށާއި އެޝަރުތުތައް ގަތަރުން ގަބޫލުނުކުރާނެ ކަމުގައެވެ. އަދި ފިއްތުންތައް ކުރިމަތިކޮށްގެން ގަތަރުގެ ސިޔާސަތުތައް ބަދަލުކުރެވޭނެ ކަމަށް ހީވާނަމަ އެއީ ކުށްހީއެއްކަމަށްވެސް ޝައިޚް މުހައްމަދު ވިދާޅުވިއެވެ.

ޖަރުމަނަށްފަހު ގަތަރުގެ ޚާރިޖީ ވަޒީރުވަނީ ބްރަސަލްސް އަށް ވަޑައިގެން ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާބެހޭ ވެރިޔާ ފްރެޑްރިކާ މޮގިރީނީ އާ ބައްދަލުކުރައްވާފައެވެ. މޮގިރިނީ ވެސްވަނީ މިމޭރުމުން ވާހަކަދައްކަވައި ގަތަރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ގޮވާލައްވާފައެވެ.

ސައޫދީއާއި ޔޫއޭއީ ބަހްރައިން އަދި މިސްރުން ކުއްލިގޮތަކަށް ގަތަރާ ގުޅުންތައް ކަނޑާލައި ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައްއެޅީ ގަތަރުން ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވާ ކަމަށް ބުނެ ބަހަނާތަކެއް ދެއްކުމަށްފަހު މިދިޔަ އާދީއްތަ ދުވަހުއެވެ. މިއީ ސައޫދީ އާއި ޔުއޭއީ ބޭނުންވާ ގޮތަށް ގަތަރުގެ ސިޔާސަތު ބަދަލުކޮށް ސައޫދީންގެ ބާރާއި ނުފޫޒު ގަލްފުގެ ހުރިހާ ގައުމުތަކަކަށް ހިންގުމުގެ ސިޔާސީ ބޭނުމުގައި ގަތަރާ ދެކޮޅަށް އެޅި ފިޔަވަޅުތަކެކެވެ.

ނަމަވެސް މި ކަންތައްގަނޑުގެ ތެރެއަށް ސަރަހައްދުގެ އެންމެ ބޮޑު ދެގައުމު ކަމަށްވާ އީރާނާއި ތުރުކީ ވަނުމުންނާއި މިފިއްތުންތަކަށް އެމެރިކާގެ ތާއީދުވެސް ނުލިބުމުން ގަތަރަށް ބޮޑު ހިތްވަރެއްލިބިފައިވާތީ ސައޫދީއާއި ޔޫއޭއީއަށްވަނީ މަގްސަދު ހާސިލް ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މީގެއިތުރުން އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ޓިލާސަންވެސް ވަނީ ގަތަރާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަކީ ޚުދު އެމެރިކާއަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ފިޔަވަޅުތަކެއް ކަމަށް ސިފަކުރައްވައި އެފިޔަވަޅުތައް ލުއިކުރުމަށް ސައޫދީއާއި ޔޫއޭއީ އަށް ގޮވާލައްވާފައެވެ. ރަޝިޔާވެސްވަނީ މިމޭރުމުން ވާހަކަ ދައްކާފައެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކާއި ސަރަހައްދީ ބާރުތަކުގެ ސްޓޭންޑްތަކުން ހިތްވަރު ލިބިގެން ގަތަރުންވަނީ ސައޫދީއާއި ޔޫއޭއީގެ ޝަރުތުތައް ގަބޫލު ނުކުރާނެކަމަށް ބުނެ އެދެގައުމަށް ފާޅުގައި ގޮންޖަހާފައެވެ. އަދި މިއާއެކު ސައޫދީއާއި ޔޫއޭއީގެ މަސްއޫލުވެރިންގެ ޝަރުތުތަކަށް ބަދަލުތައް އައިސް އެދެގައުމުގެ މަސްއޫލުވެރިންގެ ފަރާތުންވަނީ މާޔޫސްކަން ފެންނަން ފަށާފައެވެ.

މީގެއިތުރުން ސައޫދީންގެ އެންމެ ބޮޑު ދުޝްމަންކަމަށްވާ އީރާނަށްވަނީ ގަލްފުގެ ކަންތައްތަކުގެ ތެރެއަށް ވަނުމުގެ ފުރްސަތު ކުރިޔަށްވުރެ އެތަށް ގުނައެއް ބޮޑަށް ލިބިގެން ގޮސްފައެވެ. އެއީ ގަތަރުން ފާޅުކަން ބޮޑުގޮތެއްގައި އީރާނުގެ އެހީއަށް އެދުމާއި މިމައްސަލައިގެ ތެރެއަށް ވަނުމުގެ ފުރްސަތު އީރާނަށް ދިނުމުންނެވެ. އަދި ތުރުކީއަށްވެސް ވަނީ ގަތަރުގެ ހިމާޔަތަށްޓަކައި އަސްކަރީގޮތުން ގަތަރަށް ވަނުމުގެ ފުރްސަތު ލިބިފައެވެ. އަދި ސައޫދީގެ އެންމެ ގާތްގައުމުގެ ގޮތުގައި ކުރިންއޮތް ޕާކިސްތާނުންވެސް ގަތަރުގެ ހިމާޔަތުގައި ގަތަރަށް އަސްކަރީ ބާރެއް ފޮނުވަން ތައްޔާރުވަމުންދާކަމުގެ މައުލޫމާތުވަނީ ފެންމަތިވެފައެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރެއް ގަތަރުގެ އަމީރުގެ ޙިމާޔަތުގައި ހަރަކާތްތެރިވާކަމުގެ މައުލޫމާތު ފެތުރިފައިވާއިރު ތުރުކީގެ ލަޝްކަރުތަކުގެ ބައެއްވެސްވަނީ އިއްޔެ ގަތަރަށް ގޮސްފައެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންވަނީ ގަތަރު ހިމާޔަތްކޮށްދޭނެ ކަމުގެ ޖާމިނުވުން ދެއްވާފައެވެ. އުރުދުޣާން ވިދާޅުވީ ގަތަރު އެކަނިމާއެކި ދޫކޮށްނުލާނެ ކަމަށާ ގަތަރުގެ ފަހަތުގައި ތުރުކީ އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

އީރާނުގެ ތިން ބަނދަނރު ގަތަރުގެ ޚިދުމަތުގައި ހުޅުވާލާފައިވާއިރު އީރާން އެއަރލައިންގެ ކާގޯ މަތިންދާބޯޓުތަކުންވަނީ ގަތަރަށް ކާބޯތަކެތީގެ ޝިޕްމަންޓެއް ވައިގެ މަގުން ގެންގޮސްފައެވެ. އަދި ގަތަރު އެއާވޭސްގެ ދަތުރުތައް ސައޫދީގެ މަތިން ނުކުރެވޭތީ އޭގެ ބަދަލެއްގެ ގޮތުގައިވެސް ބޭނުން ކުރަމުން ގެންދަނީ އީރާނުގެ ވައިގެ ސަރަހައްދެވެ. ސައޫދީއާއި ޔޫއޭއީ ރޭވިގޮތަށް ގަތަރުގެ މައްސަލަ ނުދިޔުމުން އެދެގައުމުގެ މަސްއޫލުވެރިންގެ އަޑުތައް މިހާރުވަނީ ވަރަށް ބޮޑަށް މަޑުވެފައެވެ. (އަލްޖަޒީރާ)

comment ކޮމެންޓް