ޖަޕާނުގެ އެމްޕެރަރ އިސްތިއުފާ ދިނުމުގެ ހުއްދަ ދޭ ގާނޫނެއް ހަދައިފި

ޖަޕާނުގެ އެމްޕެރަރ އަކިހީޓޯ (ކ) އަދި ވަލީއަހުދު ނަރުހީޓޯ (ވ) ---

ޖަޕާނުގެ އެމްޕެރަރ އަކިހީޓޯއަށް އެމްޕެރަރކަމުގެ މަގާމު ދޫކޮށްލުމުގެ ހުއްދަ ދިނުމަށް ޚާއްސަ ގާނޫނެއް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

އުމުރުފުޅުން 83 އަހަރުފުޅުގެ އެމްޕެރަރ އަކިހީޓޯ މިދިޔަ އަހަރުގެ ތެރޭގައި ވަނީ، އުމުރުފުޅުން ދުވަސްވެ، ސިއްހީ މައްސަލަތަކެއް ކުރިމަތިވަމުން ދާތީ އެމްޕެރަރގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ދަތިތަކެއް ކުރިމަތިވަމުންދާކަން ހާމަކުރައްވައިފައެވެ.

"އަހަރެންނަށް މިހާރު 80 އަހަރު ވެއްޖެ. ނަސީބު މެދުވެރިކުރެއްވި ގޮތުން އަހަރެންގެ ސިއްހަތު މިހާރު ރަނގަޅު. އެކަމަކު އަހަރެންގެ ފިޓްނަސް ދަނީ ދަށް ވަމުން. އަހަރެން ބިރުގަންނަނީ މިގޮތަށް ގޮސް، ޖަޕާނުގެ ދައުލަތުގެ ރަމްޒުގެ ގޮތުގައި އަދާކުރަންޖެހޭ ޑިއުޓީތައް އަދާ ނުކުރެވިދާނެތީ،" ރަސްގެފާނު ވިދާޅުވިއެވެ.

ޖަޕާނުގައި އެމްޕެރަރއަށް މަގާމުން އިސްތިއުފާ ދިނުމަކީ އެގައުމުގެ ގާނޫނުތަކުން މިހާތަނަށް ތަން ދެމުން އައި ކަމެއް ނޫނެވެ. ސަބަބަކީ، ޖަޕާނުގެ ގާނޫނުއަސާސީ ބުނާ ގޮތުން އިސްތިއުފާ ދިނުމަކީ ސިޔާސީ ކަމަކަށް ވާ އިރު، ޝާހީ އާއިލާއަށް ގައުމުގެ ސިޔާސީ އެއްވެސް ކަމެއްގައި ޝާމިލުވުމުގެ ފުރުސަތެއް އެ ގާނޫނު އަސާސީއިން ނުދިނުމެވެ.

ނަމަވެސް އެމްޕެރަރ އަކިހީޓޯގެ ހާލަތު ހުރި ގޮތުން، އެމަނިކުފާނު އިސްތިއުފާ ދެއްވުމުގެ ހުއްދަ ދިނުމަށްޓަކައި ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުން މިއަދު ވަނީ ޚާއްސަ ގާނޫނެއް ފާސްކޮށްފައެވެ.

އެއްފަހަރު ބޭނުންކުރުމުގެ މަގްސަދުގައި ހެދި މި ގާނޫނުގެ ދަށުން އެމްޕެރަރ އަކިހީޓޯ އިސްތިއުފާ ދެއްވުން ވެގެން ދާނީ މިދިޔަ 200 އަހަރު ތެރޭގައި ޖަޕާނުގައި އެމްޕެރަރއަކު އިސްތިއުފާ ދެއްވާ ފުރަތަމަ ފަހަރަށެވެ. އެންމެ ފަހުން ރަސްކަލަކު މަގާމު އަމިއްލަފުޅަށް ދޫކުރައްވާފައި ވަނީ 1817 ވަނަ އަހަރު، އޭރުގެ އެމްޕެރަރ ކޮކަކޫއެވެ.

އެމްޕެރަރ އަކިހީޓޯ އިސްތިއުފާ ދެއްވައިފި ނަމަ، ދެން ޖަޕާނުގެ އެމްޕެރަރގެ މަގާމަށް އަންނާނީ އަކިހީޓޯގެ ދޮށީ ދަރިކަލުން އަދި ވަލީއަހުދު ނަރުހީޓޯއެވެ.

comment ކޮމެންޓް