ކޯޓިނިއޯ ބާސާއަށް ގެނައުމާ މެދު މެސީއާ ނޭމާގެ ޚިޔާލު ތަފާތުވެއްޖެ

ބާސެލޯނާގެ ލިއޮނަލް މެސީ، ނޭމާ، އަދި ފިލިޕޭ ކޯޓީނިއޯ-- ގެޓީ ފޮޓޯ: އެކްސްޕްރެސް

ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލް މިޑްފީލްޑަރު ފިލިޕޭ ކޯޓީނިއޯ ބާސެލޯނާއަށް ގެނައުމާ މެދު އެ ޓީމުގެ ދެ ތަރީން ކަމަށްވާ ލިއޮނަލް މެސީއާއި ނޭމާގެ ޚިޔާލު ވަރަށް ބޮޑަށް ތަފާތުވެއްޖެއެވެ.

ނޭމާ ބޭނުންވަނީ، އޭނާއާއެކު ބްރެޒިލްގެ ގައުމީ ޓީމަށް ކުޅޭ ކޯޓީނިއޯ މިހިނގާ ހޫނުމޫސުމުގެ ޓްރާންސްފާގައި ބާސާއަށް ބަދަލުވުމަށެވެ. އެހެން ނަމަވެސް، މެސީ ބޭނުންވަނީ ޕީއެސްޖީގެ މާކޯ ވެރާޓީ ފަދަ ފަހަތުން މެދުތެރެއަށް ކުޅޭ ޕްލޭމޭކަރެކެވެ.

ބާސެލޯނާގެ ލިއޮނަލް މެސީ އާއި ނޭމާ -- ގެޓީ ފޮޓޯ: އެކްސްޕްރެސް

މެސީ ގަބޫލުކުރާ ގޮތުގައި، ބާސާއަށް މިހާރު އެންމެ ބޮޑަށް ބޭނުންވަނީ، އަންދްރޭ އިނިއެސްޓާއާއި ޒަވީގެ ރަންޒަމާނުގައި އެދެކުޅުންތެރީންގެ ފަރާތުން ފެނުނުފަދަ ކުޅުމެއް ދައްކާނޭ ކުޅުންތެރިއެކެވެ.

މިދިޔަ މަހު ކޯޓީނިއޯ ހާމަކޮށްފައިވާގޮތުން، ބަޔާން މިއުނިކް ނުވަތަ ބާސެލޯނާއާ ގުޅުމަށްވުރެ އެންފީލްޑްގައި މަޑުކުރަން އޭނާ ހިތްހަމަޖެހެއެވެ. އެހެން ނަމަވެސް، މިއަހަރުގެ ޖެނުއަރީގައި ލިވަޕޫލާއެކު އެއްބަސްވުން އާކުރިފަހުންވެސް އޭނާ އެހެން ކްލަބަކަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ.

ލިވަޕޫލަށް ކުޅޭ ބްރެޒިލްގެ މިޑްފީލްޑަރު ފިލިޕޭ ކޯޓީނިއޯ -- ގެޓީ ފޮޓޯ: އެކްސްޕްރެސް

ކޯޓީނިއޯ ވަނީ، 2022 ވަނަ އަހަރާ ހަމައަށް ލިވަޕޫލްގައި މަޑުކުރުމަށް އޭނާ ވެފައިވާ އެއްބަސްވުން އުވާނުލާނޭކަމަށް ބުނެފައެވެ. އަދި ޕްރިމިއަރ ލީގު ކްލަބާއެކު ލެޖެންޑަކަށް ވުމަށް ބޭނުންވާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ލިވަޕޫލަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކޯޓީނިއޯ އިންޓަ މިލާން ދޫކޮށް އެ ޓީމަށް ބަދަލުވީ 2013 ވަނަ އަހަރު 8.5 މިލިއަން ޕައުންޑުގެ އަގަކަށެވެ.

comment ކޮމެންޓް