10 މަހާ 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒުވެ ނިމުމުން މަހްލޫފު މިނިވަންވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު އޭނާގެ އާއިލާއާއެކު-- ފޭސްބުކް ފޮޓޯ: އަހްމަދު މަހްލޫފް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްޗަށް ކޮށްފައިވާ 10 މަހާ 24 ދުވަހުގެ ޖަލުހުކުން ތަންފީޒުކޮށް ނިމުމުން އޭނާ މިނިވަން ވެއްޖެއެވެ.

މަހުލޫފު މިނިވަންވެގެން އެނބުރި ގެއަށް ވަޑައިގެންފައިވާކަން އޭނާގެ ބައްޕަ މުޙައްމަދު ޙައްސާން ވަނީ ސަންއަށް ކަށަވަރުކޮށްދެއްވައިފައެވެ.

މަހުލޫފު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ، ފުލުހުންގެ ދައުރު އަދާކުރަން ދަތި ކުރުމުގެ ދެ ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވުމުންނެވެ. އެގޮތުން އޭނާގެ މައްޗަށް ފުރަތަމަ އިއްވާފައިވަނީ، ހަތަރު ހަމާ 24 ދުވަހުގެ ޖަލުހުކުމެކެވެ. އަދި ފަހުން އޭނާގެ މައްޗަށް ކޮށްފައިވަނީ ހަމަހުގެ ޖަލުހުކުމެކެވެ.

ޖަލުހުކުމް ތަންފީޒުކޮށް ނިމުމަށް ފަހު އެނބުރި ގެއަށްވަޑައިގެން މަހުލޫފު ވަނީ، "ގެއަށް އެނބުރި އާދެވުމުން ވަރަށް އުފާވެއްޖެ" ކަމަށް ވިދާޅުވެ، އޭނާއަށް ތާއީދުކޮށް އަދި ހެޔޮއެދޭ އެންމެހާ ފަރާތްތަކަށް، ފޭސްބުކް މެދުވެރިކޮށް ޝުކުރުއަދާކުރައްވައިފައެވެ. އަދި މިރޭ އެފަރާތްތަކާ ބައްދަލުކުރާނޭކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މަހުލޫފުގެ މައްޗަށް އިއްވި ހަ މަހުގެ ޖަލު ހުކުމް އިސްތިއުނާފު ކުރުމުން ހައިކޯޓުން އިއްޔެ ވަނީ، ކުރިމިނަލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށްބުނެ އެހުކުމް ދަމަހައްޓައިފައެވެ.

މަހުލޫފުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުގެ ރޭ 9:30 އިން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ބަޔަކު މުޒާހަރާ ކުރަމުންދަނިކޮށް ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއީލް ދީދީގޯޅި ބެރިކޭޑުޖަހައި ބަންދުކޮށްފައި ވަނިކޮށް ބެރިކޭޑުތައް ކޮށްޕައި ދުރަށް ޖެއްސުމަށް ފަހު މަހުލޫފް ގަދަކަމުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާކަން ހެކީންގެ ހެކި ބަހުން ސާބިތުވާ ކަމަށެވެ.

comment ކޮމެންޓް