ލ. އަތޮޅުގެ ހަތް ރަށަކަށް މުދާ ހިފައިގެންދިޔަ ބޯޓެއް ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ލ. ދަނބިދޫ "ބަސްމަލާ ބޯޓު" ފަރަށް އަރާފައި --- ސަން ފޮޓޯ: ކިޔުންތެރިއެއް

ލ. އަތޮޅުގެ ހަތް ރަށަކަށް މުދާ ހިފައިގެން ދިޔަ ބޯޓެއް ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ފުލުހުން ބުނީ ލ. ދަނބިދޫ "ބަސްމަލާ ބޯޓު" ފަރަށް އެރި ކަމުގެ މައުލޫމާތު ލިބުނީ އިރުއޮއްސި 6:30 އެހައިކަންހާއިރު ކަމަށާއި ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ދަނބިދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝަރީފް "ސަން" އަށް ވިދާޅުވީ އެ ބޯޓު ފަރަށް އެރީ މާލެއިން ފުރައިގެން ގޮސް އެރަށު ފަޅުތެރެއަށް ވަންނަން އުޅެނިކޮށް ނެރުގެ ބޭރުކޮޅުގައި ޖެހިގެން ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.

ދަނބިދޫ ކައުންސިލްގެ ނައިބު ރައީސް ޝަރީފް ވިދާޅުވީ އެ ބޯޓަކީ ދަނބިދޫގެ އިތުރުން އެ އަތޮޅު އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، ފޮނަދޫ، މުންޑޫ އަދި ގަމުގެ ފިހާރަތަކަށް މުދާ ގެންދާ ބޯޓެއް ކަމަށެވެ.

ފިހާރަތަކުގެ މުދަލުގެ އިތުރުން އެ ހަތް ރަށުގެ ރައްޔިތުންގެ މުދާވެސް އެ ބޯޓުގައި ހުރި ކަމަށާއި ގިނަ މުދާތައް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު މަސައްކަތް ކުރަމުން އެ ގެންދަނީ އޭގެއިން ސަލާމަތްކުރެވެންހުރި ތަކެތި ސަލާމަތްކުރެވޭތޯ،" ޝަރީފް ވިދާޅުވިއެވެ.

އެ ބޯޓުގައި ހުރި މުދާތަކުގެ ތެރޭގައި ކާޑުގެ ބާވަތްތަކާއި ސިމެންތިއާއި އަދި އެނޫން ވެސް ދިރިއުޅުމުގެ އެކި ބޭނުންތަކަށް މުހިންމު ތަކެތި ހިމެނެއެވެ.

އެ ހާދިސާ ހިނގީ އޮއިބާރުވުމުގެ ސަބަބުން ކަމަށާއި އޮއިބާރުވާއިރު ބޯޓު ނެރާ ދިމާކުރުމަކީ އާންމުކޮށް އުދަގޫކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވިގޮތުގައި އެރަށު ނެރުގައި ބައްތިއެއްވެސް ނުހުރެއެވެ. ހަމައެހެންމެ އެފަދަ ހާދިސާތައް ދިމާވިޔަ ނުދިނުމަށްޓަކައި ނެރަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނެރުގައި ރަށާވީކޮޅަށް ހުރި ފުޅާމިން ބޭރުން ވަންނަން ހުރި ކޮޅުގައި ނެތީމަ މިކަހަލަ މައްސަލަތައް މިދިމާވަނީ. އެކަންކަން އެބަޖެހޭ ރަނގަޅުކުރަން،" ޝަރީފް ވިދާޅުވިއެވެ.

ހުޅަނގު މޫސުމުގައި ވައިބާރުވާއިރު، އަރާ ރާޅުތައް ނެރުމައްޗަށް ބިންދައިގެންދާތީ އެއްގޮތަކަށް ވެސް އެ ދުވަސްވަރު ނެރު ބޭނުންނުކުރެވޭ ކަމަށް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

ފަރަށް އެރި ބޯޓު ފުންކޮށް އޭގައި ތިބި މުދާ ސަލާމަތްކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން ދަނބިދޫގެ އިތުރުން މާބައިދު އާއި އިސްދޫ އަދި ކަލައިދޫގެ ބައެއް ރައްޔިތުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް