މެސީގެ ތައުރީފް ރޮނާލްޑޯއަށް!

ބާސެލޯނާގެ އާޖެންޓީނާ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ (ވ). ރެއާލް މެޑްރިޑްގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ (ވ) -- ގެޓީ ފޮޓޯ

ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރީންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށާއި، އެހެން ނަމަވެސް އޭނާއާ މެދު އެހާބޮޑު ވާދަވެރިކަމެއް ނެތްކަމަށް ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ ބުނެފިއެވެ.

ސްޕެއިންގެ ފުޓްބޯޅައިގެ އެންމެ ވާދަވެރި ދެ ބާރުކަމަށްވާ، ރެއާލާއި ބާސާ އަޅައިކިޔާއިރު މި ދެ ކުޅުންތެރީންނަކީ ދެކްލަބުގެ ފޭނުންވެސް އަދި އެހެން ފަރާތްތަކުންވެސް "އެންމެ މޮޅު އަދި އެންމެ ބޮޑު ވާދަވެރީން"ގެ ގޮތުގައި ސިފަކުރާ ދެ ކުޅުންތެރީންނެވެ.

އެހެން ނަމަވެސް މި ދެކުޅުންތެރީންވެސް މިވަނީ، އެފަދަ އެއްވެސް ވާދަވެރިކަމެއް ނެތްކަމަށާއި ދެމީހުންނަކީ، ގާތް ރަހްމަތްތެރީން ނޫންކަމަށްވިޔަސް ދެމީހުންވެސް އެކަކު އަނެކަކަށް އިހްތިރާމްކުރާ ކަމަށް ބުނެފައެވެ. އެގޮތުން ރޮނާލްޑޯ ވަނީ މެސީއާ އަޅައިކިޔުމަކީ އޭނާ އެހާ ގަޔާވާކަމެއް ނޫންކަމަށް ބުނެފައެވެ.

"އަހަރެން ބޭނުންވޭ މޮޅެތި ހުރިހާ ކުޅުންތެރީންވެސް ކުޅޭތަން ބަލަން، މެސީއަކީވެސް އޭގެ ތެރޭން އެއް ކުޅުންތެރިއެއް،" ފޮކްސް ސްޕޯޓްސް އާޖެންޓީނާއަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ މީގެ ކުރީން ބުނެފައިވެއެވެ.

ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފީފާ ބެލަންޑޯ އެވޯޑް ހަފްލާގައި -- ފޮޓޯ: ޑެއިލީމެއިލް

މިހާރު މެސީ މިވަނީ އޭގެ އެންމެ ފުރިހަމަ ބަދަލު ރޮނާލްޑޯއަށް ދީ، ރޮނާލްޑޯއަކީ އަބަދުވެސް މޮޅުވާން މަސައްކަތްކުރާ، މޮޅުވުން ހައްގު ކުޅުންތެރިއެއް ކަމަށް ބުނެފައެވެ.

"ހަގީގަތަކީ، އަހަރެމެން ދެމީހުންގެ ދެމެދުގައި ވާދަވެރިކަން އޮންނަކަން ދައްކަނީ މީޑިއާއިން. އަހަރެމެން ނުދެކެން އެގޮތަކަށް،" ޓެންސެންޓް ސްޕޯޓްސްއަށް މެސީ ބުންޏެވެ.

"އަހަރެމެން ބޭނުންވަނީ ކޮންމެ އަހަރަކުވެސް އެންމެ މޮޅަށް ކުޅެން، އަދި އަހަރެމެންގެ ޓީމަށް އެންމެ ރަނގަޅަށް މަސައްކަތްކޮށްދިނުން. އޭގެ ބޭރުން ދައްކާހާ ވާހަކަތަކަށް އަހަރެން މާ ބޮޑު ސަމާލުކަމެއް ނުދެން."

މެސީ ބުނީ، ރޮނާލްޑޯ ދަނީ އަހަރުން އަހަރަށް އޭނާގެ ހުނަރާއި ކުޅުން ރަނގަޅުކުރަމުން ކަމަށާއި "އޭނާއަކީ މިވަގުތު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރީންގެ ތެރޭން އެކަކު" ކަމަށެވެ.

"އޭނާއަކީ އާދަޔާ ހިލާފު ހުނަރުތަކެއް ލިބިފައިވާ މޮޅު ކުޅުންތެރިއެއް."

ފުޓްބޯޅައިގެ ދުނިޔޭގައި މިވަގުތު ތިބި އެންމެ ނުފޫޒުގަދަ މި ދެކުޅުންތެރީން ވަނީ، ވޭތުވެ ދިޔަ ނުވަ އަހަރު ދުވަހުގެ ތެރޭގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑު އެހެން ދިމާއަކަށް ދިޔަ ނުދީ ހިފަހައްޓައިފައެވެ. އެގޮތުން، މެސީ ފަސްފަހަރު އެ އެވޯޑް ހޯދާފައި ވާއިރު، އަނެއް ހަތަރު ފަހަރު އެ އެވޯޑް ހޯދީ ރޮނާލްޑޯއެވެ.

comment ކޮމެންޓް