ޕީއެސްއެމް ކޭބަލް ޓީވީން ދައްކާ ޗެނަލްތައް އުރީދޫ މެދުވެރިކޮށް ސްމާޓް ޑިވައިސްތަކަށް

ޕީއެސްއެމްއާއި އުރީދޫއިން މިއަދު ވީ އެއްބަސްވުމުގއި ސޮއިކުރުން -- ފޮޓޯ/ އުރީދޫ

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ފޯރުކޮށްދޭން ހަމަޖައްސާފައިވާ ކޭބަލް ޓީވީގެ ޚިދުމަތުގެ ދަށުން ދައްކާ ޗެނަލާއި ކޮންޓެންޓްތައް، އުރީދޫ ނެޓްވޯކު މެދުވެރިކޮށް ސްމާޓް ޑިވައިސްތަކުން ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް އެއްބަސްވެއްޖެ އެވެ.

ޕަބްލިކް ސާވިސް މީޑިއާއިން މިއަހަރުގެ ތެރޭގައި ކޭބަލް ޓީވީގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދޭނެކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ.

މިއަދު ޕީއެސްއެމްގައި އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫގެ ސީއީއޯ ނަޖީބު ޚާނާއި، ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހީމް ޚަލީލެވެ.

ޕީއެމްއެމްގެ އެމްޑީ ޚަލީލް ވިދާޅުވި ގޮތުގައި، އުރީދޫ މެދުވެރިކޮށް ޕީއެސްއެމް ކޭބަލް ޓީވީގެ ހުރިހަ ޗެނަލަކާއި ކޮންޓެންޓެއް ސްމާޓްފޯނާއި ޓެބްލެޓް އަދި ސްމާޓް ޓީވީން ބަލައިލެވޭނެ ކަމަށެވެ. އަދި ކޭބަލް ޓިވީގައި ހިމެނޭ އެހެނިހެން ޒަމާނީ ޚިދުމަތްތަކާއި ވަސީލަތްތައް ވެސް ލިބޭނެ ކަމަށް ޚަލީލް ވިދާޅުވި އެވެ.

މިއީ ރާއްޖޭގައި ޓެލެކޮމް ކުންފުންޏަކާއި ސަރުކާރުގެ ކުންފުންޏަކުން ކޮންޓެންޓް ޕާޓްނަޝިޕު އެއްބަސްވުމެއް ހެދި ފުރަތަމަ ފަހަރެވެ. ޚަލީލް ވިދާޅުވީ ދެ ކުންފުނި ގުޅިގެން މުސްތަގުބަލުގައި އިތުރު މަސައްކަތްތަކެއް ވެސްކޮށް، އާ ޚިދުމަތްތަކެއް ތައާރަފު ކުރާނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ހުރިހާ ސްމާޓް ޑިވައިސަކަށް ވެސް ލިބޭނެ ފަދައިން ޑިޖިޓަލް ކޮންޓެންޓް ފޯރުކޮށްދެވޭނެ ކަމަށެވެ.

"މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް، ހުރިހާ ސްމާޓް ޑިވައިސްތަކަށް ލިބޭނެހެން ޑިޖިޓަލް ކޮންޓެންޓް ފޯރުކޮށްދެވޭނެ. މިވަސީލަތްތައް ބޭނުން ކުރައްވައިގެން ކޮންމެތާކު، ކޮންމެ ވަގުތަކު ތިޔަބޭފުޅުން ބޭނުންފުޅުވާ ގޮތަކަށް ލޯކަލް ޗެނަލްތައް ބަލާލެވި، ޑޮކިއުމެންޓްރީތަކާއި، ވީޑިއޯ އޮން ޑިމާންޑްފަދަ ތަފާތު މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ބޭނުންކޮށްލެވޭނެ." ނަޖީބު ވިދާޅުވިއެވެ.

comment ކޮމެންޓް