ބައްޕަގެ އުރުން ފައިބާ ހިނގާލުމުގެ އުންމީދުގައި

އަޒްފާ އާއި އަޒާފްގެ މައިންބަފައިން ސަން އަށް މައުލޫމާތު ދެނީ--

ގދ.ގައްދޫ، މިރިޔާސް، އުމުރުން އަށް އަހަރުގެ އަޒްފާ ނަބީލްއާއި ތިން އަހަރުގެ އަޒާފް ނަބީލް، ފެންނަ ފެނުމަށް އެއްވެސް މައްސަލައެއް ފާހަގަކައެއް ނުކުރެވެއެވެ. އުމުރާއި ހަށިގަނޑުގެ ހެދިބޮޑުވުންވެސް ހަމަ އެއްވަރެވެ. ހަށިގަނޑުގެ ބޭރުން އައިބެއް ފާހަގަ ކުރެވެން ނުހުރެއެވެ. ނަމަވެސް އެ ދެ ކުދިންނަކީވެސް ނުހިނގޭ ދެކުދިންނެވެ.

ގދ. ގައްދޫ އަހުމަދު ނަބީލް އާއި ގއ. ކަނޑުހުޅުދޫ އައިމިނަތު ނަބީލާ ކައިވެނީގެ ގޮތުން ގުޅުނީ ފޮނި އުންމީދުތަކަކާއެކުއެވެ. އޭގެ ކުރިން އެ ދެ މީހުން ވެސް އެހެން ކައިވެންޏެއްކޮށް ދަރިން ތިބެއެވެ. އެ ކައިވެންޏަށް ފުރަތަމަ ލިބުނު ދަރިފުޅު އަޒްފާއަކީ ބަލި ކުއްޖެއްކަން ވެސް އެ މީހުންނަށް އިނގުނީ މާފަހުންނެވެ.

އަޒްފާ އާއި އަޒާފްގެ މައިންބަފައިން ސަން އަށް މައުލޫމާތު ދެނީ-- ސަން ފޮޓޯ

މައްސަލަ ހުންނަހެން ހީވެސްނުވޭ

"ވިހެއި އިރުވެސް ޑޮކްޓަރުން ބުނީ ރަނގަޅޭ، ދެން އެއްވެސް ކަމެއް އޭގެ ފަހުންވެސް ފާހަގައެއް ނުކުރެވޭ،" އެ ކުދިންގެ ބައްޕަ ނަބީލް ބުންޏެވެ.

ކުޑަ އެ ދެކުދިންގެ މަންމަ ނަބީލާ ބުނިގޮތުގައި ދަރިންގެ މައްސަލައެއް އުޅޭކަން ފާހަގަކުރެވެން ފެށީ ހިނގާ އުމުރަށް ދިއުމުންވެސް ނުހިނގާތީއެވެ.

"ނުވަމަސް ދިހަ މަސް މިއީ ކުދިން ހިނގާ އުމުރެއްނު، އޭރުވެސް ނުހިނގާ، ދެން ޑޮކްޓަށް ދެއްކީ، ދެއްކީމަ ބުނީ ނާރުގެ ކަމެއްހެނޭ ހީވަނީ،" ނަބީލާ ބުންޏެވެ.

ރާއްޖެއިން ވާގޮތެއް ނޭނގިގެން އަޒްފާ ގޮވައިގެން އެ މީހުން ވަނީ އިންޑިއާއަށް ވެސް ގޮސްފައެވެ. ނަބީލް ބުނީ އިންޑިއާ ޑޮކްޓަރުން ބުނީ ރަނގަޅަށް ފަރުވާދެވިއްޖެނަމަ ރަނގަޅު ކުރެވޭނެ ކަމަށެވެ.

"އެކޮޅު {އިންޑިއާ} ޑޮކްޓަރުން ބުނި ރަނގަޅުކުރެވޭނޭ، އެކަމަކު މިދަރިފުޅު {އަޒާފް} ލިބުމާ، ފައިސާ ނެތުމާއެކު ނުދެވިވަނީ،" ނަބީލް ބުންޏެވެ.

ބޮޑަށް ބެލެވޭގޮތުގައި އެ ބައްޔަކީ "ސްޕައިނަލް މަސްކިއުލާ އެޓްރޮފީ" ނަމަކަށް ކިޔާ ބައްޔެކެވެ. ޖެނެޓިކް މައްސަލައެއްގެ ސަބަބުން ދިމާވާ އެބަލީގެ ސަބަބުން މަސްތަކުގެ ބާރު ދަށްވެއެވެ.

އަޒާފްގެ އޭނާގެ މަންމަ ނަބީލާއާއެކު-- ސަން ފޮޓޯ

އުޅެމުންދިޔައީ ބައްޕަ ކޮނޑުގައި

އެ ދެ ކުދީންނަކީވެސް ނުހިނގޭ ދެ ކުދީންނަމަވެސް ތައުލީމް ދިނުމަށް އެ ދެމަފިރީން ދަނީ އެތައް މަސައްކަތެއް ކުރަމުންނެވެ. އެގޮތުން މީގެ ކުރިން އެއްތަނުން އަނެއްތަނަށް އެކުދިން ގެންދަނީ އުރައިގެންނެވެ.

ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާއެކު އެ ދެކުދިީންނަށްވެސް މިހާރު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ދެ ގޮނޑި ލިބިފައެވެ.

އާސަންދަ ލިޔުން ޑޮކްޓަރު ދީފި

އެ ދެ ކުދިީންނަށް ވެސް ފަރުވާ ހޯދުމަށް އެ ދެމަފިރީން އަނެއްކާވެސް ވަނީ މާލެ އައިސްފައެވެ. ނާރުގެ ޑޮކްޓަރަކަށް ދެއްކުމުން ސީދާ އެއީ ކޮން ބައްޔެއްކަން ދެނެނުގަނެވޭތީ ޖެނެޓިކް ޓެސްޓްތަކެއް ހެދުމަށް ވަނީ ދީފައެވެ. އޭގެ ބައެއް ޓެސްޓްތައް ރާއްޖެއަކުން ނުހެދެއެވެ.

"ނާރުގެ ޑޮކްޓަރު ވަނީ އާސަންދަ ލިޔުންދީފަ. އަޅުގަނޑުމެން މިދަނީ އާސަންދަ ލިބޭތޯ މަސައްކަތް ކުރަމުން،،" އެ ކުދިން ޑޮކްޓަރުން ދެއްކުމާއި ހަވާލުވެ އުޅޭ އަހުމަދު ހިޝާން ބުންޏެވެ.

ނަބީލް ބުނިގޮތުގައި އާސަންދަ ހަމަޖެހުނު ނަމަވެސް އެމީހުންގެ ދަރިންގެ ހައްގުގައި ފުރެންއޮތީ ދީލަތި އެހީތެރިކަމެއް ލިބިގެންނެވެ. އެމީހުންގެ އެދުމަކީ ދީލަތި އެހީއެކެވެ.

މިދެކުދިންނަށް އެހީތެރިވުމަށް:

ނަބީލް: 7723815

އެކައުންޓް:

7701124432101 އަހުމަދު ނަބީލް

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް 9992747 ނުވަތަ9982747އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް