ތަޤްވާ – ރޯދައިގެ އަޞްލު މަޤްޞަދު

އިސްލާމީ މަރުކަޒުގައި ބަޔަކު ޤުރުއާން ކިޔަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޯޓު: މިމަޒުމޫނުގެ އަސްލަކަށް ބަލައިފައިވަނީ މައުލާނާ ޚާލިދު ސައިފުﷲ ރަޙްމާނީގެ ލިޔުއްވުމެކެވެ. މައުލާނާ ޚާލިދު ސައިފުﷲ ރަޙްމާނީއަކީ މިވަގުތު އިސްލާމީ ދުނިޔޭގައި ތިއްބެވި އެންމެ ބޮޑެތި ފަޤީހުންކުރެ އެއްބޭކަލެކެވެ.

އިސްލާމްދީނުގައި ފަރުޟުކުރައްވައިފައިވާ ހުރިހާ އަޅުކަމެއްވެސް ވަނީ އިންސާނާގެ ތަރްބިޔަތާއި އިޞްލާހަށްވެސް އަމާޒުކުރައްވައިފައެވެ. ރޯދައަކީވެސް މިދެންނެވިފަދަ އަޅުކަމެކެވެ. ރޯދައަކީ އިންސާނާގެ ނަފުސު ތަރްބިޔަތު ކުރެއްވުމާއި ނަފުސު ޠާހިރު ކުރެއްވުމުގެ އާދަޔާ ޚިލާފު ބާރުތަކެއް ލައްވައިފައިވާ އަޅުކަމެކެވެ. ކީރިތި ޤުރުއާނުގައި މިދެންނެވި ޙަޤީޤަތަށް އިޝާރަތްކުރައްވައި ވަޙީކުރައްވައިފައިވަނީ "ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރައްވައިފިއެވެ. އެއީ ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ." (އަލްބަޤަރާ : 183) މިފަދައިންނެވެ.

ޢިލްމުވެރީން ލިޔުއްވާގޮތުގައި "ތަޤްވާ" މިބަސް އައިސްފައިވަނީ "ވިޤާޔާ" މި ކަލިމައިންނެވެ. ވިޤާޔާގެ މާނައެއްކަމުގައި ލިޔުއްވައިފައިވަނީ އިންތިހާދަރަޖައަށް ރައްކާތެރިވުމެވެ. (ތަފްސީރު ކަބީރު : 1/381) ހަމައެފަދައިން ތަޤްވާގެ މާނަތަކުގެ ތެރޭގައި ސަލާމަތްވެގަތުމާއި، ބިރުވެތިވުމާއި ޖެހިލުންވުންވެސް ވަނީ ހިމެނިފައެވެ. ކީރިތި ޤުރުއާނުގެ އެކިއާޔަތްތަކުގައި މިދެންނެވި މާނަތަކުގައި އެކިފަހަރުމަތިން ތަޤްވާ ބޭނުންކުރައްވައިފައިވެއެވެ. ( އައްނިސާއު :10،އައްޝޫރާ:106 ، އާލުޢިމްރާން: 102 )

އާދެ، އިންސާނާއަށް ފާފަތަކުން ސަލާމަތްވެވޭނީ މާތްﷲ އަށް ބިރުވެތިވެގެންކަމަށާއި، ތަޤްވާއެވެ ކިޔެނީ އެކަމަށް ކަމުގައި އަންގަވާ ކަހަލައެވެ.

ސަލަފުއްސާލިހުންގެ ވަނީ އެކިބަސްފުޅުތަކުންވެސް ތަޤްވާ ތަޢުބީރު ކުރައްވައިފައެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘުފުޅު ތަކުގައިވެސް ތަޤްވާ ޝަރަޙަކޮށްދެއްވައިފައިވެއެވެ. މިފަދަ ބަސްފުޅެއްގައި ވާގޮތުން މާތްﷲގެ އަޅާ ފާފަވެރި ޢަމަލުތަކުން ސަލާމަތްވުމަށްޓަކައި ރައްކާތެރިވުމުގެ ގޮތުން ހުއްދަ ބައެއްކަންތައްތައްވެސް ދޫކޮށްނުލާހައި ހިނދަކު ތަޤްވާވެރީންގެ ދަރަޖަޔަކަށް އޭނާއަށް ވާޞިލެއްނުވެވޭނެއެވެ. (ތަފްސީރު ކަބީރު: 1/381)

އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު އެއްދުވަހަކު އުބައްޔު ބުނު ކަޢުބު ރަޟިޔަﷲ ޢަންހުއާ ސުވާލުކުރެއްވިއެވެ. ތަޤްވާވެރިކަމަކީ ކޮބައިތޯއެވެ. އުބައްޔު ރަޟިޔަﷲ ޢަންހު މިސާލެއްގެ ޒަރީއާއިން ތަޤްވާ ޝަރަޙަކޮށްދެއްވިއެވެ. އުބައްޔު ޢުމަރުގެފާނާ ސުވާލުކުރެއްވިއެވެ. ކަލޭގެފާނު ދުވަހަކުވެސް ކަށިގަސްތައްގެ ތެރެއިން ދެވޭ ވަލުހިނގާ މަގަކުން ވަޑައިގެންނެވީމުތޯއެވެ. ޢުމަރުގެފާނު އާނއެކޭ ވިދާޅުވުމުން އުބައްޔު ވިދާޅުވިއެވެ. އެދުވަހު ކަލޭގެފާނުވަޑައިގެންނެވީ ކޮންގޮތަކުންތޯއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. އަޅުގަނޑުގެ ހެދުމުގެ ފަސްބައިކޮށިކޮށް ކަށިތަކާމެދު ރައްކާތެރިވެގެންނެވެ. އުބައްޔުވިދާޅުވިއެވެ. ތަޤްވާވެރިވުމަކީ އެއީއެވެ. ( ތަފްސީރު ޤުރުޠުބީ : 1 /162)

އާދެ، ދުނިޔެއަކީ ކަށިބުރުގަސްތަކެއްގެ ތެރެއިން ކުރިއަށް ދެވޭ ވަލުހިނގާ މަގެއް ކަހަލައެވެ. ނަފްސާނީ އެދުންތަކާއި، ފާފަވެރިކަމާއި، ކެހިވެރިކަމާއި، ހެއްލުންތެރިކަމުގެ ކަށިކުނބުރުގޮފިތައް އިންސާނާގެ ޢަމަލީ ފަސްބައިގައި އޮޅިގަތުމަށް ތައްޔާރަށް ހުންނަފަދައެވެ. ތަޤްވާވެރިޔަކީ ތިމާގެ އީމާނާއި، ޢަމަލުގެ ދާވަނި މާތްﷲ އަށް އުރެދުމާއި ފާފަތަކަށް އަރައިގަތުމުގެ ކަށިކުނބުރު ގޮފިތަކުން ސަލާމަތްކޮށްގެން އޭނާގެ ދުނިޔަވީ ދަތުރުގައި ކުރިޔަށްދާ މީހާފަދައެވެ.

ތަޤްވާގެ މާނާގައި ރައްކާތެރިވުމުން ހިމެނޭ ފަދައިން ތަޤްވާއަކީ އެލަފުޒުގެ މާނާގައި ހުރިހާ ހެޔޮ ޢަމަލުތަކެއްވެސް ޝާމިލުވާ ލަފުޒެކެވެ. ( ޤުރުޠުބީ : 1 /262)

މުސްލިމުންގެ މަޝްހޫރު ޒާހިދު އަޅުވެރިއެއްކަމުގައިވާ އަބޫ ޔަޒީދު ބަސްޠާމީ ރަހިމަހުﷲ ވިދާޅުވާ ގޮތުގައި ތަޤްވާވެރިޔަކީ އޭނާ ބުނާ ކޮންމެ ބަހެއް ﷲއަށްޓަކައި ބުނާމީހާއެވެ. އެނާ ކުރާ ކޮންމެ ކަމެއް ﷲ އަށްޓަކައި ކުރާމީހާއެވެ. ( ޤުރުޠުބީ : 1/262) ތަޤްވާގެ ވަރަށް ތަނަވަސް މަފުހޫމެއް ކީރިތި ޤުރުއާނުގެ އަންނަނި ދެއާޔަތުގައިވެސް ވަނީ ބަޔާންކުރައްވައިފައެވެ.

" މިފޮތަކީ ތަޤްވާވެރީންނަށް ހުރި ހިދާޔަތެކެވެ. އެއުރެންނީ ޣައިބަށް އީމާންވާ އަދި ނަމާދު ޤާއިމުކުރާ، އަދި ތިމަންރަސްކަލާގެ އެއުރެންނަށް ދެއްވި ތަކެތީން ހޭދަކުރާމީހުންނެވެ." (އަލް ބަޤަރާ : 3،2)

ކީރިތި ޤުރުއާނުގެ މިދެއާޔަތުން އެނގޭގޮތުގައި ތަޤްވާވެރިކަމުގައި ތިންކަމަކަށް އަސާސީ އަހަންމިއްޔަތެއް ލިބެއެވެ. އެންމެ ފުރަތަމަކަމަކީ އީމާންކަމާއި އަޤީދާގެ އިސްލާޙެވެ. ދެވަނަކަމަކީ ނަމާދުޤާއިމުކުރުމެވެ. ތިންވަނަކަމަކީ ހެޔޮކަންކަންކަމަށް ހޭދަކޮށް ނިކަމެތީންނަށް އެހީތެރިވުމެވެ.

އީމާންކަން ވަރުގަދަ ކުރުމާއި އަޤީދާ އިސްލާޙުކުރުން.

އީމާންކަންވަރުގަދަ ކުރުމާއި، އީމާންކަން ފުރިހަމަ ކުރުމަކީ އިސްލާމްދީނުގެ ބިންގަލެވެ. ދީނުގެ މުޅި ޢިމާރާތް ބިނާވެފައިވަނީ އެބިންގަލުގެމަތީގައެވެ. އީމާންކަމަކީ މާތްﷲ އާއި އެކަލާނގެ ރަސޫލާ އަންގަވައިފައިވާ ލޮލަށް ނުފެންނަ ޙަޤީޤަތްތަކާ މެދު ޔަޤީންކަން ބޭއްވުމެވެ. ތިމާގެ އަމިއްލަ ލޮލުން ފެންނަ ކަންތަކާމެދު ޔަޤީންކަން ބާއްވާވަރަށެވެ. ޔަޤީންކުރުމޭ ބުނުމުން ބައެއް ފަހަރު އެއީ ވަރަށް ސާދާ ބަހެއްކަމުގައި މާނަކުރެވޭގޮތް ދިމާވެއެވެ. ނަމަވެސް ޔަޤީނަކީ އިންސާނާގެ ޙަޔާތަށް ވަރަށް ބޮޑު އިންޤިލާބެއް ގެންނަކަމެކެވެ.

މީހުން އެއްވާ ތަނެއްގައި ޕްލާސްޓިކް ހަރުފައެއް ބޭއްވިޔަސް ނުވަތަ ދާރުލްއާޘާރެއްގައި ސިންގާއެއްގެ މުޖައްސިމާއެއް ހަދައިފައި ބެހެއްޓިއަސް ކުދިބޮޑު، އަންހެންފިރިހެން، ޒުވާން މުސްކުޅި އެތައް ބަޔަކު އެތަކެއްޗާ ކުޅެހަދައެވެ. ބައެއްކަހަލަ ހަލަބޮލި ޒުވާނުން އެތަކެއްޗަށް ސަވާރުވާކަށެއްވެސް ފަހެއްނުޖެހެއެވެ. ނަމަވެސް މީހުން އެއްވާ ތަނަކަށް ދިރޭ ކުޑަކުޑަ ސިންގާއެއް އަޔަސް ނުވަތަ ވަރަށް އަދައިގެ ހަރުފައެއް ފެނުނުކަމުގައިވިޔަސް ބައެއްމީހުންގެ ހައްޓަކު ހެޔެއް ނުހުރެއެވެ. ގައިބާރުހުންނަ ހިތްވަރުގަދަ އެތައްބަޔަކު ވެސް ހޯދާނީ އެތަނަކުން ސަލާމަތްވެވޭނެގޮތެކެވެ. ކުޅިވަރެއް ސަމާސާއެއް ނޯވެއެވެ. އާދެ، މިއީ ޔަޤީނުގެ ތަފާތެވެ. ވިސްނާލަމާހިންގަވާށެވެ. ރަބަރު ހަރުފައަކާއި، ހަޤީޤީ ހަރުފައެއްގެ ބޭރުފުށުގެ ސިފަ ވަރަށް އެއްގޮތެވެ. ހަމައެފަދައިން ސިންގާއަކާއި ސިންގާގެ މުޖައްސިމާއަކާވެސް ފެންނަ ފެނުމުގައި ވަރަށް އެއްގޮތެވެ. އަސްލު ނޫންކަން އެނގޭ އެއްޗެއް ބޭރުފުށުން ކިތަންމެ އެއްގޮތްވިޔަސް އެކަކުވެސް އެ އެއްޗެއްދެކެ ބިރެއް ނުގަނެއެވެ. ނަމަވެސް ހަރުފައެއްކަން ނުވަތަ ސިންގާއެއްކަން ޔަޤީންވާއިރަށް ވިސްނުމަށް ވަރަށް ބޮޑު ބަދަލެއް އާދެއެވެ.

އީމާނަކީ މިދެންނެވިފަދަ އިންޤިލާބެއް ގެނުވާ ޔަޤީންކަމަށް ކިޔާނަމެކެވެ. އެފަދަޔަޤީންކަމަކުން އުފެދޭ އީމާނުގެ ބާރުގައި ހިތްތަކުގައި ވަރުގަދަ ރާޅު ބާނިތައް އުފެދެއެވެ. ވިސްނުމާއި، ފިކުރުގެ ކާއިނާތަށް އިންޤިލާބެއް ގެނުވައެވެ. މާތްﷲގެ ރަސްކަންފުޅަށް ހަޤީޤީ މާނާގައި ޔަޤީންކަމާއެކު އީމާންވުމުން އިންސާނާގެ ކިބައިގައި އުފައްދާ ޝުޢޫރަކީ ތިމާ ހުއްޓިމިހުރީ ތިމާގެ ޚާލިޤުވަންތަ ރަސްކަލާނގެ ޙަޟުރަތުގައިކަން ޔަޤީންވުމުން އުފެދޭ ޝުޢޫރެވެ. ތިމާ މިވަނީ އެކަލާނގެ ޙަޟުރަތަށް ސަޖިދަޔަށް ތިރިވެކަމުގެ އިޙްސާސެވެ. މާތްﷲގެ ރަސްކަންފުޅު ދެކެވާ ލޯބި އޭނަގެ ހިތުގައި އުތުރިއަރާން ފަށައެވެ. މާތްﷲ ރުހިވޮޑިގަންނަވާ ގޮތަށް ހިނގަމުންދާއިރު އޭނާހުންނާނީ އޭނާގެ ޚިޔާލަށްވެސް ގެނެވޭނެ އެންމެ ބޮޑު ނިޢުމަތް އޭނާއަށް ލިބުމުން ވާނެވަރަށް އުފާވެފައެވެ. މާތްﷲގެ ޢަޒާބާމެދު ގަންނަބިރުން އޭނާގެ ހަށިގަނޑު ހުންނާނީ ރޫރޫ އަޅައަޅައެވެ. އޭނާގެ ލޯލިތައް ހުންނާނީ ކޮޅަށް ޖެހިފައެވެ. އޭނާގެ ލޮލުން ހުންނާނީ ކަރުނައިގެ ސައިލު އޮހި އޮހިއެވެ. އެނާއަށް ހީވާނީ ސުވަރުގެ އާއި ނަރަކަ އޭނާގެ ކުރިމަތީގައި ފެންނާން ހުރި ހެންނެވެ. މާތްﷲގެ ފޮތާމެދު އޭނާގެ ހިތުގައި އޮންނާނީ އޭނާ ލޮލުންދެކެ އަމިއްލައަށް ތަޖްރިބާކުރާ ކަންތައްތަކަށްވުރެވެސް ބޮޑު ޔަޤީންކަމެކެވެ. އޭނާއަށް އިޙްސާސުވާނީ އެފޮތުގެ ކޮންމެ އާޔަތެއް ޚުދު އޭނާއާ މުޚާތަބުކުރާހެންނެވެ. ޚުދު އަރަހުށި މާތްﷲ އޭނާއާ ބަސްވަޙީކުރައްވާ ހެންނެވެ. މިދަރަޖައަށް އީމާންކަމާއި ޔަޤީންކަން ނުދާނަމަ އެމީހެއްގެ އީމާންކަމަކީ އުނި އީމާންކަމެކެވެ. ރޫޙެއްނެތް އީމާންކަމަކުން އިންސާނާ ފާފަޔާ ދިމާޔަށް ކުރިއަށް އަޅައަޅައިހުންނަ ފިޔަވަޅަށް ހުއްޓުމެއް އަރުވައެއް ނުލެވޭނެއެވެ. ހެޔޮކަންކަމާ ދިމާޔަކަށް ކުރިޔަކަށް ނުގެންދެވޭނެއެވެ. ތަޤްވާގެ ފުރަތަމަ ހަރުފަތަކީ މިދެންނެވި ފަދަ ޔަޤީންކަމެއް ހިތުގައި އުފެއްދުމެވެ.

ނަމާދު ޤާއިމުކުރުން

އިސްވެދިޔަ ތާނގައި ބަޔާންކުރި މޫރިތި އާޔަތުގައި އަރަހުށި މާތްﷲ ބަޔާންކުރައްވައިފައިވާ އަނެއްކަމަކީ ނަމާދު ޤާއިމުކުރުމެވެ. އިޤާމަތުއްޞަލާތިއެވެ. ނަމާދަކީ ކޮބައިތޯއެވެ. ޚާއްޞަ ތަޢުބީރަކުން ދަންނަވާނަމަ އެއީ އިންސާނާ އޭނާގެ މުޅި ހިތާއި ހަށިގަނޑު މާތްﷲގެ ޙަޟްރަތުގައި "ފަތުރައިލުމެވެ." މާތްﷲގެ ރުހިވޮޑިގަތުމުގެ ތައްގަނޑަށް ބޮލުންފެށިގެން ފުންނާބާ ހަމައަށް ފެތިލުމެވެ. އެނާގެ ދޫ އަބަދުވެސް މާތްﷲގެ ޒިކުރުން ތެތްވެފައި ހުރުމެވެ. މަޑުމޮޅިކަމާއި ބިރުވެތިކަމާއެކު ﷲގެ ހަޟުރަތުގައި ހަށަމަށް އަތް އަރުވައިގެން ހުރުމެވެ. އަޅެއްފަދައިން އިސްއޮބާލައި ނަޒަރު ތިރިކޮށްގެން ހުރުމެވެ. އަދަބު އިޙްތިރާމްގެ ގޮތުން ގުޑުމެއްވެސް އަރުވައިނުލައި ޤިޔާމުގައި ހުރުމެވެ. ރުކޫޢުކުރާއިރު މަޑުމޮޅިކަމާއި، ބިރުވެތިކަމާއި ޚުޝޫޢާއި ޚުޟޫޢުވަކީން އިތުރުވުމެވެ. ސަޖިދައަށް ދާއިރު އަޅުވެތިކަމާއި، ބޯލެނބުމާއި، ކިޔަމަންތެރިކަމާއި،ބިރުވެތިވުން އޭގެ އިންތިހާއަށްދިޔުމެވެ.

އިންސާނާގެ މޫނަކީ ނުވަތަ އޭނާގެ ނިތްކުރިއާއި ނޭފަތަކީ އޭނާގެ ޢިއްޒަތާއި ކަރާމަތުގެ އެންމެ ބޮޑު މަޒުހަރުތަކެވެ. ނަމަވެސް ނަމާދުގައި މާތްﷲގެ ހަޟްރަތުގައި އެޝަރަފުވެރި ގުނަވަންތައް އިންތިހާ ދަރަޖައިގެ ނިއަނެތިކަމާއެކު ވެލީގައި ޖައްސައިލާންޖެހެއެވެ. ތިމާގެ ހަށިގަނޑުގެ ކޮންމެ ތަންފުކެއް މާތްﷲގެ ރަސްކަންފުޅާ ޙަވާލުކުރުމުގެ ޖަޒުބާތުގައެވެ. އަޅުވެތިވެގަތުމާއި ނިކަމެތިވުމުގެ އިންތިހާއެވެ. ކޮންމެ ޙަރަކާތެއްގައި އަރަހުށި މާތްﷲގެ ކިބްރިޔާވަންތަކަން އިޢުލާން ކުރަމުންނެވެ. ޙަމްދާއިޘަނާ ފަށްފަށްކުރަމުންނެވެ. އާދޭސް ދެންނެވުމާއި ކިޔަމަންތެރިކަން އަދާކުރުމުގެ އިންތިހާގައެވެ.

މިގޮތުގައި ކުރެވޭ ނަމާދަކީ މާތްﷲ އަޅުކަންކުރުމުގެ އިންތިހާ ދަރަޖައިގެ އަސަރުހުރި ފިޠުރީ ގޮތެވެ. ނަމާދުގެ ކޮންމެ ޙަރަކާތެއްގައި ހިތާއި ރޫޙަށް އަޅުކަމުގެ ފުރިހަމަ ވައްޖިދު އައިސްފައިވުމަކީ ލާޒިމުކަމެކެވެ. ތިމާ ހުއްޓި މިހިރީ ޚުދު ތިމާގެ ސާހިބުވަންތަ ﷲގެ ހަޟުރަތުގައިކަމުގެ ވަރުގަދަ އިޙްސާސް ހިތުގައި އޮތުމާއެކުގައެވެ.

ނަމާދަކީ އިންސާނާ އޭނާގެ ހުރިހާ ޢަމަލުތަކެއް އަރަހުށި މާތްﷲ އާ ވީ ފަރާތަށް އަނބުރައިލުމުގެ ޢުންވާނެކެވެ. މަޤްސަދަކީ އަރަހުށި މާތްﷲގެ ޙައްޤު އަދާކުރުމެވެ. މާތްﷲގެ އެއްވެސް ޙުކުމުފުޅަކާ ވެލިފުކެއްގެ މިންވަރަށްވެސް ޚިލާފުނުވުމެވެ. ތިމާގެ ނަފްސާނީ އެދުންތަކާއި ބޭނުންތަކާ ދިމާޔަށް އެނބުރި އެކަންކަމާ މޮޔަވެވި ﷲގެ ރުޙިވޮޑިގަތުން އޮތްގޮތާއި އެކަލާނގެ އަންގަވާގޮތް ހަނދާނުން ކައްސައިލައިގެން ދިޔަނުދިނުމަށްޓަކައެވެ. މާތްﷲގެ ޙުކުމްފުޅު އެހެން ހުރިހާ އަމުރުތަކެއްގެ މައްޗަށް އިސްކުރުމަށްޓަކައެވެ. ތިމާގެ ނަފްސަށް ކިތަންމެ ބޮޑު ބުރަޔަކަށްވިޔަސް މާތްﷲ އާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅު ތިމާގެ މައްޗަށް ތަންފީޒުކުރުމަށްޓަކައެވެ.

ﷲގެ މަގުގައި ހޭދަކުރުން

ތަޤްވާވެރީންގެ ތިންވަނަ ސިފަޔަކީ ހޭދަކުރުމެވެ. މާތްﷲގެ މަގުގައި ޚަރަދުކުރުމެވެ. މިއީ ތަޤްވާވެރީންގެ ކިބައިގައި ހުރުމަށް ކީރިތި ޤުރުއާން ވަރަށް ބޮޑަށް ބާރުއަޅާ ސިފައެކެވެ. މާތްﷲ ތިމާއަށް ދެއްވި ތަނަވަސްކަމުގެ ބައެއް ތިމާގެ ނިކަމެތި އަޚުންނާއި އުޚުތުންނަށް ހޭދަކުރުމެވެ.

ދުނިޔޭގައި އިންސާނުންގެ ހިތްތައް އެންމެ ބޮޑަށް އެދިމާޔަށްދަމާ އެއްޗަކީ މުދަލެވެ. އިންސާނުން އެންމެ ބޮޑަށް މޮޔަކުރުވާ އެއްޗަކީ މުދަލެވެ. މުދަލުގެ ދަހިވެތިކަމުގެ ސަބަބުން މާތްﷲ ރަސްކަންފުޅު ހަނދާންނެތެއެވެ. މުދަލަށް ހެހެސްގަތުމަކީ މާތްﷲގެ މަގާ ދުރަށް އިންސާނާގެ މޫނު އަނބުރައިލާކަމެކެވެ. މުއްސަދިކަމާއި ފައިސާވެރިކަމުގެ މަސްތުވެރިވުމުން ބޮޑާކަމާއި ތަކައްބުރުން ހިތާއި ސިކުނޑި ފުރައިލައެވެ. ކިބުރުވެރިކަން މޯޅިޔަށް ދެމޭން ފަށައެވެ. ބޮޑާކަމާއި، ކިބުރުވެރިކަމަކީ ދީނާއި އަޚްލާޤަށްޓަކައި ގަދަ ޒަހަރެކެވެ. އޭގެ ސަބަބުން އަމިއްލަ އެދުމުން މީހާ ފޯވެއެވެ. ހިތްހަރުވެއެވެ. ހިތްހެޔޮކަމާއި ހަމްދަރުދީގެ ޖަޒުބާތު އާތްވަށްވެގެން ހިނގައިދެއެވެ. މީހެއްގެ ކިބައިގައި މި ނޭދެވޭ ސިފަ އަށަގެންފިނަމަ އޭނާ ދެކޭނީ އިންސާނުންގެ ޙައްޤުތަކަކީ ބޮޑުބަރެއްކަމުގައެވެ. މާތްﷲގެ މަގުގައި ހޭދަކުރުމަކީ މިނުރައްކާތެރި ބަލީގެ ފަރުވާއެވެ.

އަރަހުށި މާތްﷲ އަޅުގަނޑުމެންގެ އަޅުކަމަކަށް ބޭނުންވެ ވޮޑިއެއް ނުގަންނަވައެވެ. ނަމަވެސް އަޅުގަނޑުމެންގެ ނިކަމެތި ފަޤީރު އަޚުން އުޚުތުން ތިބެނީ އެބައިމީހުންގެ ފޯރުންތެރި އަޚުން އުޚުތުންގެ ދީލަތިކަމަށް ބޭނުންވެފައެވެ. ތަނަވަސްކަމުގެ އަހްލުވެރީންނާ ދިމާޔަށް އާދޭހުގެ ނަޒަރުން ބަލަހައްޓައިގެންނެވެ. އެހެންކަމުން ބައެއް ޙާލަތްތަކުގައި ﷲގެ ޙައްޤުފުޅުތަކަށްވުރެ މީސްތަކުންގެ ޙައްޤުތަކުގެ އަހަންމިއްޔަތު ވަކީން ބޮޑުވާތަންވެސް އާދެއެވެ.

އާދެ، މިގޮތުން ބަލާއިރު ކުރިންވެސް ދެންނެވި ފަދައިން ތަޤްވާގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ތިންކަމަކަށް އަސާސީ އަހަންމިއްޔަތެއް ދޭންޖެހޭކަމުގައި ދެންނެވިދާނެއެވެ. އެއްކަމަކީ ހިތުގެ އަޑީގެ އީމާންކަމާއި ޔަޤީންކަމެވެ. ހިތުގެ ދުނިޔެ ރަނގަޅު ހިނގުމަކަށް އަޅުވައިލާފަދަ އީމާންކަމަކާއި ޔަޤީންކަމެކެވެ. ދެވަނަޔަށް މާތްﷲގެ ޙައްޤުތައް އަދާކުރާމީހަކަށްވުމެވެ. ފަރުޟުތަކާއި ވާޖިބުތައް އަދާކުރާ މީހަކަށްވުމެވެ. ފާފަތަކުން އެއްކިބާވެ ފާފަތަކަށް ނަފުރަތުކުރާ މީހަކަށްވުމެވެ. ތިންވަނަޔަށް މާތްﷲގެ އަޅުތަކުންގެ ޙައްޤުތައް ބަރާބަރަށް އަދާކުރާމީހަކަށްވުމެވެ. ތިމާގެ ނިކަމެތި އަޚުންނާއި އުޚުތުންނަށް މާލީ ގޮތުން އެހީތެރި ވަމުންގެންދާ ފަދައިން ތިމާގެ އަތާއި ދުލުގެ ނުބައިކަމުން އެހެންމީހުން ސަލާމަތްކުރާ މީހަކަށްވުމެވެ. އެހެންމީހުންގެ އަބުރާއި އިއްޒަތާއި ކަރާމަތަށް ޙުރުމަތްތެރިކަން ބަހައްޓާ މީހަކަށްވުމެވެ. މިދެންނެވި މައިގަނޑު ތިން ދާއިރާއަށް ބަލާއިރު ތަޤްވާއަކީ އިންސާނާގެ މުޅި ޙަޔާތުގައި ޝާމިލުވާކަމެކެވެ. އިންސާނީ ޙަޔާތުގެ އެއްވެސް ދާއިރާއެއް ތަޤްވާގެ އިމަކުން ބޭރެއްނުވެއެވެ.

ރޫޙާނީ ބަލިތައް ދެނެގަތުން

އިންސާނާ އޭނާގެ ޖިސްމާނީ ބަލިތައް ދެނެގަންނަ ފަދައިން އޭނާގެ ރޫޙާނީ ބަލިތައްވެސް ފާހަގަކޮށް ދެނެގަތުން ލާޒިމެވެ. އެބަލިތަކުގެ ފަރުވާ ހޯދާންޖެހެއެވެ. ބައެއް މީހުންގެ ބަލި ފޮރުވިފައިވަނީ އެބައިމީހުންގެ އީމާނާއި އަޤީދާގައެވެ. އެފަދަބަލި މީހުން ނަމާދުކޮށް ރޯދަހިފައި އުޅުނުކުމުގައިވިޔަސް ތިބެނީ ޝައްކާއިވަހުމުގެ ޝިކާރަޔަކަށްވެފައެވެ. ތިމާގެ ފައިދާއާއި ގެއްލުން ދުންޔަވީ ވަސީލަތްތަކާ ގުޅުވައިގެންނެވެ. އަރަހުށި މާތްﷲގެ ޣައިބީ ޚަޒާނާއަށްވުރެ ބޮޑަށް ދުނިޔަވީ ސަބަބުތަކާ މެދު ޔަޤީންކޮށްގެންނެވެ. އެފަދަ މީހުންގެ ތަޤްވާއަކީ ތިމާމެންގެ އީމާންކަން އިސްލާޙުކުރުމެވެ.

މީހަކު ހެޔޮ ރަނގަޅު ހުރިހާ ކަންތައްތަކެއް ކުރަމުންގެންދާއިރު ނަމާދުކުރުމުން މަޙްރޫމްވެފައިވާނަމަ އޭނާގެ ތަޤްވާގެ މިންގަނޑަކީ ބަރާބަރަށް ނަމާދުޤާއިމުކުރުމެވެ. އަޅުކަމުގެ ހުރިހާ ކަމަކަށް ސަމާލުވުމާއެކުވެސް މީސްތަކުންގެ ޙައްޤުތަކާމެދު ޣާފިލުވެފައިވާ މީހެއްނަމަ އޭނާގެ ނިކަމެތި ފަޤީރު އަޚުން އުޚުތުންނަށް އެހީތެރިވުމެވެ. އޭނާގެ ބަސްފޮތުގައި މިދެންނެވި އެހީތެރިވުން ނެތްކަމުގައިވާނަމަ އޭނާގެ ތަޤްވާގެ މިންއަޅަން ޖެހޭނީ ހޭދަކުރުމުންނެވެ. ބަރާބަރަށް ނަމާދުކޮށް، ރޯދަހިފައި، ﷲގެ މަގުގައި ހޭދަކޮށްއުޅޭ މީހަކަށް ވިޔަސް އޭނާގެ އަޚްލާޤު ރަނގަޅު ކަމުގައި ނުވާނަމަ އޭނާގެ ތަޤްވާވެރިއަކަށް ނުވެއެވެ. އޭނާގެ ދުލުގެ ނުބައިކަމުން އެހެންމީހުން ސަލާމަތްވެގެން ނުވާނަމަ އޭނާ ތަޤްވާގެ މިންގަނޑަކަށް ނުފެތެއެވެ. އޭނާގެ ހިތުގައި އެހެންމީހުނަށް ހަސަދައާއި ނީހަ އަށަގެންފައި އޮވެއްޖެނަމަ އެއީ ތަޤްވާއާ ވަޑިފަތިވާ ކަންކަމެވެ. އޭނާގެ ކުރަކި މިޒާޖާހުރެ އެހެންމީހުން ސިހިސިހި ތިބޭ ކަމުގައިވާނަމަ އޭނާގެ ރޫޙާނީ ބަލިމަޑުކަން ފޮރުވިފައިއެވަނީ އޭނާގެ އަޚްލާޤުގައެވެ. އެކަންކަން ރަނގަޅުކޮށްލުމުން އެނާއަކީ ތަޤްވާވެރިޔެކެވެ.

ތަޤްވާއަކީ އިންސާނީ ޙަޔާތުގެ ހުރިހައި ދާއިރާތަކަކާވެސް ގުޅުންހުރި ކަމެކެވެ. ތަޤްވާޔަށް ވާޞިލުވެވޭނީ އިންސާނާ އޭނާގެ ރޫޙާނީ ބަލި ޙޯދައި ދެނެގަނެގެންނެވެ. "ފާފައިގެ ދޮސް" އުފެދިފައި ހުރި ތަނެއް ކަފައިލައި "ދޮސް ނެރެ" ފަރުވާދީގެންނެވެ. އަރަހުށި މާތްﷲގެ ރަޙްމަތްފުޅުން ހެޔޮޢަމަލުތަކުގެ ތެރެއިން މިންވަރެއް ލިބިފައިހުރި ކަމުގައިވިޔަސް ތިމާ މިހިރީ ރޫޙާނީ ގޮތުން ސައްތައިން ސައްތަ ދުޅަހެއިކޮށްކަމުގައި ދެކެގެންނުވާނެއެވެ. ބަލިމީހަކަށް އެންމެ ގެއްލުންހުރިކަމަކީ ބަލިދެނެގަތުމާމެދު ފަރުވާކުޑަކޮށްލުމެވެ. ބަލިމީހަކަށްވެހުރެ ތިމާ މިހިރީ ދުޅަހެއިކޮށް ކަމުގައި ބަލައިގެން ބައްޔާމެދު ފަރުވާކުޑަކޮށްލައިގެން ހުރުމެވެ.

ރޯދައިގެ މަޤްސަދަކީ މުސްލިމުން ތަޤްވާވެރިކަމަށް ވާޞިލުކޮށްދިނުމެވެ. ރަމަޟާންމަހުގެ ދެވަނަ ދިހަޔަށް މިވަނީ ފެށިފައެވެ. އަދިކީއްތޯއެވެ؟ ފުރަތަމަ ފަނަރަ ނިމޭން އުޅެނީއެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ "އުނގަށް ލެވުނީ" މިބަހާރުގެ ކިހާ މާމެލާމެއްޔެއްތޯ ބަލައިލަން އެބަޖެހެއެވެ. އިހްތިސާބުގެ ނަޒަރުން އަމިއްލަ ނަފުސާމެދު ވިސްނައިލަން އެބަ ޖެހެއެވެ. މިސުރާބުހުރީ ރަނގަޅު ދިމާޔަށްކަން ޔަޤީންކުރާން ޖެހެއެވެ. މި ބަރަކާތްތެރި މެހްމާނު އަޅުގަނޑުމެން ހީވެސް ނުކުރާހާ އަވަހަށް އަޅުގަނޑުމެންނާ ވަކިވެ ފުރައިގެން ހިނގައިދާނެއެވެ. މި އިއްޒަތްތެރި މެހްމާނު އަޅުގަނޑުމެންނާ ވަކިވެ ފުރައިގެން ދިޔުމުގެ ކުރީން އޭނާގެ ކިބައިން ވީހާވެސް ބޮޑު މަންފައެއް ހޯއްދަވަމާ ހިންގަވާށެވެ.

comment ކޮމެންޓް