ރާއްޖޭގެ ޒުވާން ތަރި ޒާން، ސްޕެއިންގައި ވިދާލައިފި

އިސްމާއިލް ޒާން އާމިރު، ލެވަންޓޭގެ ޒުވާން ޓީމާއެކު --- ފޮޓޯ/ ޓީއެންޖީއެސް

ރާއްޖޭގެ 19 އަހަރުންދަށުގެ ކެޕްޓަން އަދި ރާއްޖޭގެ ކްލަބު ވެލެންސިއާއަށް ކުޅެމުންދާ އިސްމާއިލް ޒާން އާމިރު، ސްޕެއިންގެ ފުޓްބޯޅައިގެ ތެރެއިން ވިދާލައިފިއެވެ.

ވެލެންސިއާގެ ޒުވާން ޓީމާއެކު މެޗުތަކެއް ކުޅުމަށްފަހު ސްޕެއިންގެ ވެލެންސިއާގައި ހުންނަ ޓީއެންޖީއެސްއަށް ތަމްރީން ފުރިހަމަކުރުމަށް ޒާން ދިޔައީ މިއަހަރުގެ ކުރީކޮޅުގައެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ އެކަޑަމީގައި ވެސް ކުރިން ތަމްރީންތަކެއް ފުރިހަމަކުރި ޒާން ވަނީ ސްޕެއިންގެ ބޮޑެތި ކްލަބުތަކުގެ ޒުވާން ޓީމުތަކާ ދެކޮޅަށް މެޗުތަކެއް ކުޅެފައެވެ. އެގޮތުން އެތުލެޓިކޯ މެޑްރިޑާއި ސެވިއްޔާ އެފްސީ އަދި މަލާގާ ފަދަ މަޝްހޫރު ކްލަބުތައް ފާހަގަކޮށްލެއެވެ.

ޓީއެންޖީއެސްގައި ދެއްކި ހުނަރުވެރި ކުޅުމުގެ ސަބަބުން ރާއްޖޭގެ ހުނަރުވެރި ޒުވާން މިޑްފީލްޑަރު ޒާންއަށް ވަނީ ސްޕެއިންގެ ލެވަންޓޭގެ ޒުވާން ޓީމާއެކު ފްރެކްޓިސްތަކުގައި ބައިވެރިވެ، މެޗުތަކުގައި ކުޅުމުގެ ފުރުސަތު ވެސް ލިބިފައެވެ. ލެވަންޓޭއަކީ ސްޕެނިޝް ލަލީގާގައި ދިގު ތާރީހެއް އޮތް ކްލަބެކެވެ. ދާދި ފަހުން އެކްލަބު ވަނީ އަލުން ލަލީގާއަށް ޕްރޮމޯޓްވެފައެވެ.

ސްޕެއިންގައި ޒާން ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ސްޕެއިންގެ ވަރުގަދަ ކްލަބު ވެލެންސިއާގެ ޔޫތު ޓީމާ ދެކޮޅަށް މިދިޔަ މަހުގެ 16 ވަނަ ދުވަހު ކުޅުނު މެޗެވެ. އެ މެޗުގެ ފުރިހަމަ ވަގުތު އޭނާ ދަނޑުމަތިން ފެނިގެންދިޔައެވެ. އެ މެޗުގައި އަދި މުޅި ޓްރޭނިންތަކުގެ ތަޖުރިބާތައް ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންނަށް ހިއްސާކުރުމަށް ޒާން ބޭނުންވެއެވެ.

އެ މެޗާ ގުޅޭގޮތުން ޒާން ބުނީ، އެ މެޗު ކުޅުނު ދުވަސް ވެފައިވަނީ އޭނާއަށް ވަރަށް ހާއްސަ ދުވަހަކަށް ކަމަށާއި ވެލެންސިއާއަކީ އުފަންވި ތަނަށްވެފައި ކުޑައިރުގެ ގިނަ ހަނދާންތަކެއް އާވެގެންދިޔަ ކަމަށެވެ. އަދި ވެލެންސިއާގެ ސީނިއާ ޓީމު ތަމްރީންތައް ހަދާ ދަނޑުގައި ކުޅެލަން ލިބުމުން ވަރަށް އުފާކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

ރާއްޖޭގެ ވެލެންސިއާގެ ކޯޗު އިސްމާއިލް އާސިފް (ކުޑަހީނާ)ގެ ކޮއްކޮއެއް ކަމަށްވާ ޒާންއަށް ސްޕެއިންގައި ތަމްރީންތައް ފުރިހަމަކުރުމަށް ފުރުސަތެއް ތަނަވަސްކޮށްދިނުމަށް ޒާންގެ މައިންބަފައިންގެ ބޮޑު އެހީތެރިކަމެއް ލިބުނުކަން އޭނާ ފާހަގަކުރެއެވެ.

comment ކޮމެންޓް