ސަރަހައްދީ ފަތުރުވެރިކަމުގައި ސްރީލަންކާއަށް ބޮޑު ޝަރަފެއް!

ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ ގާލާގައި ސްރީލަންކަން އެއާލައިންސްއަށް ލިބުނު އެވޯޑާ އެކު، އެ އެއާލައިންގެ އޮފިޝަލުންތަކެއް --- ފޮޓޯ/ ވޯލްޑް ޓްރެވަލް އެވޯޑްސް

މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގައި އޭޝިއާ ސަރަހައްދުން ސްރީލަންކާއިން ޝަރަފުވެރި އެވޯޑުތަކެއް ހޯދައިފިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑަކީ ވޯލްޑް ޓްރެވަލް އެވޯޑްސްއެވެ. ވޯލްޑް ޓްރެވަލް އެވޯޑްސް ސީރީޒްގައި ކޮންމެ އަހަރަކުވެސް ދުނިޔޭގެ 10 ސަރަހައްދެއްގައި، ސަރަހައްދީ ފެންވަރުގެ ގާލާއެއް ބާއްވައި، އެ ސަރަހައްދުން ފާހަގަކުރެވޭ ފަރާތްތަކަށް އެވޯޑު ދެއެވެ. އެއަށްފަހު މުޅި ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ފަރާތްތަކަށް އެވޯޑު ދިނުމަށް ގްރޭންޑް ފިނާލޭ ގާލާއެއް ބާއްވައެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ މިއަހަރުގެ ފުރަތަމަ ގާލާގެ ގޮތުގައި، އޭޝިއާ އަދި އޮސްޓްރެލޭޝިއާ ސަރަހައްދުގެ ގާލާ ވަނީ، އާދީއްތަ ދުވަހު ޗައިނާގެ ޝަންގްހާއީގައި ބާއްވައިފައެވެ.

އާދީއްތަ ދުވަހު ބޭއްވި ގާލާގައި، އަވަށްޓެރި ސްރީލަންކާއިން ވަނީ ޝަރަފުވެރި އެވޯޑުތަކެއް ހޯދައިފައެވެ. އެގޮތުން، ޗައިނާ، އިންޑިއާ، އިންޑޮނޭޝިއާ، މަކާއު، ކޮރެއާ، މެލޭޝިއާ، ސިންގަޕޫރު، ތައިލެންޑް އަދި ވިއެޓްނާމާ ވާދަކޮށްގެން، އޭޝިއާ ސަރަހައްދުގެ ލީޑިންގް ޑެސްޓިނޭޝަންގެ އެވޯޑު މިއަހަރު ހޯދީ ސްރީލަންކާއެވެ. މިއީ ސްރީލަންކާގެ ފަތުރުވެރިކަމަށް ސަރަހައްދީ ފެންވަރުގައި ލިބުނު މިފަދަ ފުރަތަމަ އެވޯޑެވެ.

ލީޑިންގް ޑެސްޓިނޭޝަން އެވޯޑުގެ އިތުރުން، އޭޝިއާގެ ލީޑިންގް އެޑްވެންޗަރ ޓޫރިޒަމް ޑެސްޓިނޭޝަންގެ އެވޯޑުވެސް ގެންދިޔައީ ސްރީލަންކާއިންނެވެ.

މިއީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އޭޝިއާ ރީޖަން އެވޯޑްސްގައި ސްރީލަންކާގެ ފަތުރުވެރިކަމަށް މިފަދައިން އެވޯޑެއް ލިބުނު ފުރަތަމަ ފަހަރެވެ.

އޭޝިއާގެ ލީޑިންގް ކަލްޗަރަލް އެއާލައިންގެ އެވޯޑު، ލަންކާގެ ގައުމީ އެއާލައިން ސްރީލަންކަން އެއާލައިންސްއިން ގެންދިޔަ އިރު، އޭޝިއާގެ ލީޑިންގް ޑިޒައިން ހޮޓެލްގެ އެވޯޑު މިއަހަރު ލިބުނީ ލަންކާގެ ކޮލޮމްބޯގައި ހުންނަ ކާސާ ކޮލޮމްބޯ ހޮޓަލަށެވެ.

ސްރީލަންކާއަކީ އޭޝިއާ ސަރަހައްދުގައި ކުރިއަރަމުން އަންނަ ޓޫރިޒަމް ވާދަވެރިއެކެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ ގާލާގައި އެވޯޑު ހާސިލުކުރި އެހެން ފަރާތްތަކަށް ބަލާއިރު، އޭޝިއާގެ ލީޑިންގް އެއާލައިން އަދި ބިޒްނަސް ކްލާހުންވެސް ލީޑިންގް އެއާލައިން އެވޯޑު ލިބުނީ ޗައިނާގެ ހައިނާން އެެއާލައިންސްއެވެ. ކެތޭ ފެސިފިކަށް އިކޮނޮމީ ކްލާހުގެ ލީޑިންގް އެއާލައިން އެވޯޑު ލިބުނު އިރު، ފަސްޓް ކްލާސް އެއާލައިން އެވޯޑާއި ލީޑިންގް އެއާލައިން ބްރޭންޑް އެވޯޑު ލިބުނީ ސިންގަޕޯ އެއާލައިންސަށެވެ. އަދި ލީޑިންގް ލޯކޮސްޓް އެއާލައިންގެ އެވޯޑު ލިބުނީ އެއާ އޭޝިއާއަށެވެ.

އޭޝިއާގެ ލީޑިންގް ހޮޓެލްގެ އެވޯޑު އިންޑިއާގެ "ދަ އޮބެރޯއި އުޑައިވިލާސް"އަށް ލިބުނު އިރު، އޭޝިއާގެ ލީޑިންގް ފުލީ އިންޓަގްރޭޓެޑް ރިސޯޓުގެ އެވޯޑު، ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސް ރިސޯޓަށް ވަނީ ލިބިފައެވެ. އޭޝިއާގެ ލީޑިންގް ބީޗު ޑެސްޓިނޭޝަންގެ އެވޯޑު ލިބުނީ ތައިލެންޑަށެވެ. އަދި އޭޝިއާގެ ލީޑިންގް އެއާޕޯޓަކަށް ހޮވުނީ ސިންގަޕޫރުގެ ޗަންގީ އެއާޕޯޓެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގާލާތަކުގެ ތެރެއިން ދެން އެންމެ އަވަހަށް އޮންނާނީ އިންޑިއަން އޯޝަން އެޑިޝަންގެ ގާލާއެވެ. ދިވެހިރާއްޖެ ބައިވެރިވެފައިވަނީ އިންޑިއަން އޯޝަން ސަރަހައްދުންނެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ގާލާ އޮންނާނީ އަންނަ ޖުލައި މަހުގެ އަށްވަނަ ދުވަހު، ސަން އަކުއާ ވިލުރީފް ރިސޯޓުގައެވެ.

comment ކޮމެންޓް