މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017 ލޯންޗުކޮށް، ޕާޓްނަރުންނާއެކު ސޮއިކޮށްފި

މޯލްޑިވްސް ޓްރެވަލް އެވޯޑު 2017 ގެ ޕާޓްނަރުންނާ އެކު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަން އޮންލައިނާ އެކު ސޮއި ކުރަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މޯލްޑިވްސް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ލޯންޗުކޮށް މިއަހަރުގެ ޕާޓްނަރުންނާއި ސްޕޮންސަރުންނާއެކު ސޮއިކޮށްފިއެވެ.

މިރޭ ހުޅުލެ އައިލެންޑު ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އެ އެވޯޑުގެ ޕްލެޓިނަމް، ގޯލްޑް އަދި ސިލްވާ ޕާޓްނަރުންނާ އެކު ވަނީ ސޮއިކޮށްފިއެވެ.

ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި ސޮއި ކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ އެކު އެވެ. މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ބްރޭންޑުގެ ދަށުން މިއަހަރު ތެރޭ ތިން އެޑިޝަނަކަށް ބަހާލައިގެން އެވޯޑު ދޭން ނިންމާފައިވާއިރު މިއަހަރުތެރޭ ބާއްވާ އެ ތިން އެޑިޝަންގެވެސް ޓައިޓަލް ސްޕޮންސަރަކީ އެމްއޭސީއެލް އެވެ. މިއީ އެމްއޭސީއެލުން، ޖެހިޖެހިގެން އެ އެވޯޑުގެ ޓައިޓަލް ސްޕޮންސާ ކުރާ ހަތް ވަނަ އަހަރެވެ.

ގޯލްޑް ސްޕޮންސަރެއްގެ ގޮތުގައި ސޮއި ކުރީ އެލިއާ އިންވެސްޓްމެންޓާ އެކު އެވެ. ސިލްވާ ސްޕޮންސަރުންގެ ގޮތުގައި އެމްޓީސީސީއާއި އެލައިޑު އިންޝުރެންސް އަދި އަނަންތާރާ ރިސޯޓްސް މޯލްޑިވްސް ހަމަޖެއްސި އިރު އޮފިޝަލް ހޯސްޓް ޕާޓްނަރެއްގެ ގޮތުގައި ސޮއި ކުރީ އަދާރަން ސެލެކްޓް ހުދުރަންފުށްޓާ އެކުއެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑު 2017 ގެ ޕާޓްނަރުންނާ އެކު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މުޅި އިވެންޓުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖެއްސައި މީގެ ކުރިންވެސް ސޮއި ކުރިއެވެ. މިރޭ އެޗްއައިއެޗްގައި ބޭއްވި ރަސްމިއްޔާތުގައި ސަން މީޑިއާ ގްރޫޕުގެ ފަރާތުން ވަނީ ރަސްމީކޮށް މަޓާޓޯއާ އެކު ސޮއި ކޮށްފައެވެ. އެ އެއްބަސްވުމުގައި މަޓާޓޯގެ ފަރާތުން އެ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ޣިޔާޒް ސޮއި ކުރެއްވި އިރު ސަން މީޑިއާގެ ފަރާތުން ސޮއި ކުރެއްވީ ސީއޯއޯ، މިންހާ ފާއިޒެވެ.

އޮފިޝަލް މޯބައިލް ކޮމާސް ޕާޓްނަރެއްގެ ގޮތުގައި މަޓާޓޯއިން މިއަހަރު ހަމަޖެއްސީ އެވްރީތިން ރެޑާއެވެ. ޕްރިންޓިން ޕާޓްނަރަކަށް ޕްރިންޓް ލެބް ހަމަޖެއްސިއިރު އޮފިޝަލް ޕްރިމިއަމް ޓްރެވަލް މީޑިއާ ޕާޓްނަރަކަށް ހަމަޖެއްސީ މޯލްޑިވްސް ނެޓް އެވެ.

އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖެއްސި އިރު އޮފިޝަލް ބްރޯޑްކާސްޓިން ޕާޓްނަރަކަށް ހަމަޖެއްސީ ޕީއެސްއެމާއި އެ ކުންފުނީގެ ދަށުން ހިންގާ މޯލްޑިވްސް ޓީވީ އެވެ. އަދި އޮފިޝަލް ބިޒްނަސް މީޑިއާ ޕާޓްނަރުގެ ގޮތުގައި ކޯޕަރޭޓް މޯލްޑިވްސް ހަމަޖެއްސިއިރު އޮފިޝަލް ޓްރެވަލް މީޑިއާ ޕާޓްނަރުންގެ ގޮތުގައި ހަމަޖެއްސީ އެމްވީ ހޮޓެލްސް އަދި ދަ އައިލެންޑް ޗީފެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑު 2017 ގެ ޕާޓްނަރުންނާ އެކު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދެމުން އަންނަ އެ އެވޯޑު މީގެ ކުރިން އޮންނަނީ އެންމެ އެޑިޝަނަކަށެވެ. ނަމަވެސް މިދިޔަ އަހަރުގެ އެވޯޑު ހަފްލާގައި އެ އެވޯޑު ތިން އެޑިޝަނަކަށް ބަހާލައިގެން ދިނުމަށް ނިންމާފައިވާ ކަން ވަނީ އިއުލާންކޮށްފައެވެ. އެއީ "ޓްރެވަލް އެވޯޑްސް ޕީޕަލްސް އެޑިޝަން" އާއި ޓްރެވަލް އެވޯޑްސްގެ "ގެސްޓް ހައުސް އެޑިޝަން" އަދި "މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގްރޭންޑް ގާލާ" އެވެ.

މީގެ ތެރެއިން ޕީޕަލްސް އެޑިޝަންގެ އެވޯޑު އަންނަ މަހުގެ 13 ވަނަ ދުވަހު އަދާރަން ހުދުރަންފުށި ރިސޯޓުގައި ބާއްވަން ހަމަޖައްސާފައިވާއިރު، އެ އެވޯޑުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ 10 ފަރާތެއްގެ އަގު ވަޒަންކޮށް އެވޯޑު ދޭނެ އެވެ.

"ޓްރެވަލް އެވޯޑްސްގެ ޕީޕަލްސް އެޑިޝަނަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގަ ގިނަ ދުވަހު މަސައްކަތްކޮށްދީފަ ތިބި މީހުންނާއި އިންޑަސްޓްރީއަށް ރީތި ނަން ހޯދައިދޭ މީހުންނާއި އިންޑަސްޓްރީއަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފަ ތިބި މީހުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެއް،" މިރޭ އެޗްއައިއެޗްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ މަޓާޓޯގެ ރައީސް، ޣިޔާސް ވިދާޅުވިއެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑު 2017 ގެ ޕާޓްނަރުންނާ އެކު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މޯލްޑިވްސް ޓްރެވަލް އެވޯޑަށް ހަ އަހަރު ވާއިރު މިހާރު އެވޯޑުގައި ފަންވަރުވެސް އެބަ ހުއްޓެވެ. ގައުމީ ފެންވަރުގައި ދެވޭ އެ އެވޯޑު އެންމެ ފުރަތަމަ 2012 ވަނަ ދިން އިރު އެވޯޑު ދިނީ 20 ކެޓަގަރީއަކުންނެވެ. ނަމަވެސް މިހާރު، އެ އެވޯޑުގެ ތިން އެޑިޝަންގައި 55 އަށް ވުރެ ގިނަ ކެޓަގަރީތައް ހިމެނެއެވެ.

އެވޯޑުގެ ބަރުދަން އިތުރުވެފައިވާއިރު، މަޓާޓޯއިން ދަނީ އެ އެވޯޑަކީ ބައިނަލް އަގުވާމީ ފެންވަރުގައި ބަލައިގަންނަ އެވޯޑަކަށް ހެދުމަށްޓަކައި މަސައްކަތް ކުރަމުންނެވެ. އަދި މިހާރުވެސް އެ އެވޯޑަކީ ބައިނަލް އަގުވާމީ ބައެއް ފަރާތްތަކުން ބަލައިގަންނަ، ބޮޑު އެވޯޑެކެވެ.

ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަންގެ އެވޯޑު މިއަހަރުގެ ސެޕްޓެމްބަރުގައި ބާއްވާ ގެސްޓް ހައުސް ކޮންފަރެންސްގެ ތެރެއިން ދޭން ނިންމާފައިވާއިރު ގްރޭންޑް ގާލާ ބާއްވަން ހަމަޖައްސާފައި ވަނީ މިއަހަރުގެ ނޮވެމްބަރު މަހުގައެވެ.

comment ކޮމެންޓް