ސަލާމަތީ މަޖިލީހުގެ ގޮނޑި ހޯދުމަށް ރާއްޖެއިން ކެމްޕޭން ފަށައިފި

އދގެ ސަލާމަތީ މަޖިލީސް --

އދގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ހޯދުމަށް ރާއްޖެއިން ނިންމާފައިވާ އިރު، އެ ގޮނޑި ހޯދުމަށްޓަކައި ރާއްޖޭގެ ފަރާތުން ކެމްޕޭން ފަށައިފިއެވެ. ދިވެހިރާއްޖެއިން އެކި ގައުމުތަކަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުން ގެންދަވަނީ އެ ގައުމުތަކުގައި ތިބި ޑިޕްލޮމެޓުންނާ ބައްދަލުކުރައްވައި، ތާއީދު ހޯދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ.

ރާއްޖެއިން ވަނީ 2019-2020 ގެ ދައުރަށް، އޭޝިއާ ޕެސިފިކް ސަރަހައްދުން އދގެ ސަލާމަތީ މަޖިލީހަށް ހޮވާ މެމްބަރުކަމުގެ ގޮނޑިއަށް ވާދަކުރާނެކަން އިއުލާން ކޮށްފައެވެ.

މި ހިނގާ ޖޫން މަހުން ފެށިގެން ބޭރުގައި ތިއްބަވާ ދިވެހި ސަފީރުން ވަނީ، އެ ގައުމުތަކުގައި ތިއްބަވާ އެކިއެކި މިޝަންތަކުގެ ސަފީރުންނާ ބައްދަލުވުންތައް ގިނަ ގިނައިން ބާއްވަމުންނެވެ.

ޖަަޕާނުގައި ހުންނަވާ ދިވެހި ސަފީރު މުންދު، ޖަޕާނުގައި ހުންނަވާ މޮރިޓޭނިއާ ސަފީރާ ބައްދަލުކުރައްވަނީ

އެގޮތުން، ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް ވަނީ، އެގައުމުގައި ހުންނަވާ މޮރިޓޭނިއާގެ ސަފީރު ޔަހުޔާ ންގަމްއާއި، އުރުގުއޭ ސަފީރު އެޑުއާޑޯ ބޫޒޫޓްއާ ބައްދަލުކުރައްވައިފަ އެވެ. އިންސްޓަގްރާމުގައި މުންދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއިން އދގެ ސަލާމަތީ މަޖިލީހަށް ކުރިމަތިލައްވާ ކުރިމަތިލެއްވުމާ ބެހޭގޮތުން އެދެބޭފުޅުންނާ މަޝްވަރާ ކުރެއްވި ކަމަށެވެ.

ޕާކިސްތާންގައި ހުންނަވާ ދިވެހި ސަފީރު ސަލީމް، އެގައުމުގައި ހުންނަވާ އާޖެންޓީނާ ސަފީރާ ބައްދަލުކުރައްވަނީ --

ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރު އަހްމަދު ސަލީމް މިއަދު ވަނީ، ޕާކިސްތާނުގައި ހުންނަވާ ނައިޖީރިއާ ސަފީރު އަމީން އަބްދުލްގާދިރާއި، ތުރުކީ ސަފީރު ބާބޫރު ގިރުގިންއާއި، އާޖެންޓީނާ ސަފީރު އިވާން އިވާނިސެވިޗްއާ ބައްދަލުކުރައްވައި، ރާއްޖޭގެ ކެންޑިޑަސީއާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި މި ހަފްތާގެ ކުރީކޮޅު ސަފީރު ސަލީމް ވަނީ ޕާކިސްތާނުގައި ހުންނަވާ ބޮސްނިއާ ސަފީރު ވެޔިސިލް ގޮޑިނިޔަކްއާއި، އެގައުމުގައި ހުންނަވާ މޮރީޝަސްގެ ސަފީރާ ވެސް ބައްދަލުކުރައްވައިފައެވެ.

އިންޑިއާގެ ދިއްލީގައި ހުންނަ ދިވެހި އެމްބަސީއިން މިއަދު ހާމަކުރި ގޮތުގައި، އދގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަމަށް ރާއްޖެ ކުރިމަތިލުމާ ބެހޭގޮތުން އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އަހްމަދު މުހައްމަދު މިއަދު ވަނީ، އިންޑިއާގައި ތިއްބަވާ މެކްސިކޯ، މިސްރު، ސޫދާން އަދި ޒެމްބިއާގެ ސަފީރުންނާ ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވައިފައެވެ.

ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރު ޖަމީލާ އަލީ، އެގައުމުގައި ހުންނަވާ އޮމާންގެ ސަފީރާ ބައްދަލުކުރައްވަނީ ---

މީގެ އިތުރުން ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރު ޖަމީލާ އަލީ ޚާލިދު މިއަދު ވަނީ އެގައުމުގައި ހުންނަވާ ސާބިއާ ސަފީރު ދޫސަން ޗްރްނޮގޮރްޗެވިޗް އާއި، އޮމާން ސަފީރު ލިޔުތާ ސުލްތާން މުޣައިރީއާ ބައްދަލުކުރައްވައި، މަޝްވަރާތަކެއް ކުރައްވާފައެވެ.

މިދިޔަ ތިން ދުވަހުގެ ތެރޭގައި އެންމެ ގިނަ ސަފީރުންނާ ބައްދަލުވުންތައް ބޭއްވެވީ ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ހުންނަވާ ދިވެހި ސަފީރު ޑރ. ހުސައިން ނިޔާޒެވެ. ނިޔާޒް މިއަދު ވަނީ އެގައުމުގައި ހުންނަވާ ތުރުކީ، އަލްޖީރިއާ އަދި މޮރޮކޯގެ ސަފީރުންނާއި، ކަޒާކްސްތާނު އެމްބަސީގެ ކައުންސިލަރާ ބައްދަލުކުރައްވައިފައެވެ.

ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު ޑރ. ނިޔާޒް، އެގައުމުގައި ހުންނަވާ ތުރުކީ ސަފީރާ ބައްދަލުކުރައްވަނީ ---

އަދި އިއްޔެ ސަފީރު ޑރ. ނިޔާޒް، ޔޫއޭއީގައި ތިއްބަވާ ފިލިޕީންސް، ތައިލެންޑް، ސްރީލަންކާ، ސެނެގޯލް އަދި އުރުދުންގެ ސަފީރުންނާ ބައްދަލުކުރެއްވި އިރު، ހޯމަ ދުވަހު މާލީ، ދެކުނު އެފްރިކާ އަދި ލުބުނާނުގެ ސަފީރުންނާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުންތަކުގައި މަޝްވަރާ ކުރެއްވި ކަންކަން ޔޫއޭއީގައި ހުންނަ ދިވެހި އެމްބަސީއިން ހާމަކޮށްފައި ނުވި ނަމަވެސް، ރާއްޖެއިން އދގެ ސަލާމަތީ މަޖިލީހަށް ކުރިމަތިލުމާ ގުޅޭ ވާހަކަތައް ދެކެވިފައިވާނެ ކަމަށް ބެލެވެއެވެ.

ސަލާމަތީ މަޖިލީސް އެކުލެވިގެންވާ ގޮތް

އދގެ ސަލާމަތީ މަޖިލީސް އެކުލެވިގެންވަނީ ދުނިޔޭގެ "ގަދަ ފަސް ބާރު"ކަމަށް ބެލެވޭ ފަސް ދާއިމީ މެމްބަރުންނާއި، ދެ އަހަރު ދުވަހަށް އިންތިޚާބުކުރާ 10 ގައުމުގެ މައްޗަށެވެ. ގަދަ ފަސް ބާރުގެ ގޮތުގައި ސަލާމަތީ މަޖިލީހުގައި ތިބޭ ފަސް ގައުމަކީ ޗައިނާ، ރަޝިއާ، އެމެރިކާ، އިނގިރޭސިވިލާތް އަދި ފަރަންސޭސި ވިލާތެވެ.

ބާކީ 10 ގައުމު އިންތިޚާބުކުރަނީ ދުނިޔޭގެ ފަސް ސަރަހައްދަކުން ބަހާލައިގެންނެވެ. އެއީ:

  • އެފްރިކާ
  • އޭޝިއާ ޕެސިފިކް
  • ލެޓިން އެމެރިކާ އަދި ކެރީބިއަން
  • ހުޅަނގު ޔޫރަޕު
  • އިރުމަތީ ޔޫރަޕު

ރާއްޖެ 2019-2020 ގެ ދައުރަށް ކުރިމަތިލާފައިވާ އިރު، އޭޝިއާ ޕެސިފިކް ސަރަހައްދުން ރާއްޖެއާ ވާދަކުރަނީ އިންޑޮނޭޝިއާއެވެ. މީގެ އިތުރުން އެ ދައުރަށް ދެން ހުސްވަނީ އެފްރިކާ ސަރަހައްދުން އެއް ގޮނޑިއާއި، ލެޓިން އެމެރިކާ ސަރަހައްދުން އެއް ގޮނޑި އާއި، ހުޅަނގު ޔޫރަޕުން ދެ ގޮނޑިއެވެ. ކޮންމެ އަހަރަކުވެސް މަޖިލީހުގެ ފަސް ގޮނޑިއެއް ހުސްވާ އިރު، މެމްބަރުން އިންތިޚާބުކުރާނީ ގޮނޑި ހުސްވުމުގެ ކުރިން ބާއްވާ އދގެ އާންމު މަޖިލީހެއްގައެވެ.

ރާއްޖެ ކުރިމަތިލާ ދައުރަށް ވޯޓުލުމުގެ އިންތިޚާބު އޮންނާނީ އަންނަ އަހަރު އޮންނަ އދގެ އާންމު މަޖިލީހުގައެވެ. އެއީ އެ މަޖިލީހުގެ 72 ވަނަ ސެޝަނެވެ. އެ އިންތިޚާބުގައި ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ލިބި، ރާއްޖެ އިންތިޚާބުވެއްޖެ ނަމަ 1 ޖެނުއަރީ 2019އިން ފެށިގެން ދެ އަހަރުގެ މުއްދަތަށް ދިވެހިރާއްޖެއަށް، އދގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ލިބޭނެއެވެ.

އދގެ އެންމެ ބާރުގަދަ ގުނަވަން

އދގެ ސަލާމަތީ މަޖިލީހަކީ އދގެ މައި ހަ ގުނަވަނުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ގުނަވަނެވެ. އެ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބައިނަލްއަގުވާމީ ސުލްހަ އާއި ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އދއަށް އާ މެމްބަރުން ވެއްދުމާ މެދު ގޮތް ނިންމުމާއި، އދގެ ޗާޓަރަށް ގެނައުމަށް ހުށަހަޅާ ބަދަލުތައް ފާސްކުރުން ހިމެނެއެވެ.

އދގެ ސަލާމަތީ މަޖިލީހަކީ އދގެ މެމްބަރު ގައުމުތަކުން އަމަލުކުރުން ލާޒިމު ގަރާރުތައް ފާސްކުރުމުގެ ބާރު ލިބިގެންވާ، އދގެ ހަމައެކަނި ގުނަވަނެވެ. އެ މަޖިލީހުގެ އިތުރު ބާރުތަކުގެ ތެރޭގައި ޕީސްކީޕިންގް އޮޕަރޭޝަންތައް ހިންގުމާއި، ގައުމުތަކާ މެދު ބައިނަލްއަގުވާމީ ފިޔަވަޅު އެޅުމާއި، ޚާއްސަ ގަރާރެއްގެ ދަށުން އަސްކަރީ ހަރަކާތްތައް ހިންގުމުގެ ހުއްދަ ދިނުން ހިމެނެއެވެ.

comment ކޮމެންޓް