ވެލާނާ އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް އަޅަން 32،000 އަކަމީޓަރުގެ ބިން ހިއްކައިފި

ވެލާނާ އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް އަޅާ ސަރަހައްދުގެ ބިން ހިއްކާފައި --- ފޮޓޯ/ އެމްއޭސީއެލް

ވެލާާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް އެޅުމަށް ހިއްކަން ފެށި ބިން ހިއްކައި ނިންމާލައިފިއެވެ.

ވެލާނާ އެއާޕޯޓުގައި އާ ސީޕްލޭން ޓާމިނަލެއް އަޅަނީ، އެ އެއާޕޯޓުގެ ދެ ވަނަ ރަންވޭ އަޅާ ސަރަހައްދާއި، މިހާރުގެ ސީޕްލޭން ޓާމިނަލް އޮތް ސަރަހައްދާ މާ ގާތްވުމުންނެވެ. ދެ ވަނަ ރަންވޭ ބޭނުން ކުރަން ފެށުމުގެ ކުރިން ސީޕްލޭން އޮޕަރޭޝަންތައް މިހާރު އޮތް ސަރަހައްދުން އެހެން ދިމާލަކަށް ބަދަލުކުރަން ޖެހެއެވެ.

ސީޕްލޭން ޓާމިނަލެއް އަލަށް އެޅުމަށް ބިން ހިއްކަން ފެށީ އޭޕްރިލް 26 ވަނަ ދުވަހުއެވެ. އެ މަސައްކަތް ކުރީ ހުޅުލޭގެ އިރުމަތީ ފަރާތުގައި، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާ ދިމާލުގައެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވި ގޮތުގައި، އާ ސީޕްލޭން ޓާމިނަލް އަޅާ ބިން ހިއްކައި ނިމުނުތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެދާނެއެވެ. އޭނާ ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތް ފެށިތާ ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި އެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.

ބިން ހިއްކުމުގެ މަސައްކަތް ކުރީ، އެއާޕޯޓުގައި އާ ރަންވޭ އެޅުމުގެ މަސައްކަތް ވެސް ކުރާ، ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ)އިންނެވެ.

ސީޕްލޭން އޮޕަރޭޝަންތައް ބަދަލުކުރުމަށް ހިއްކި 32،000 އަކަމީޓަރުގެ ބިމުގެ ތެރެއިން، ޓާމިނަލް އަޅާނީ 18،000 އަކަމީޓަރުގެ ބިމެއްގައެވެ. ބާކީ 14،000 އަކަމީޓަރުގައި ހުންނާނީ ސީޕްލޭންގެ ހޭންގާ އޭރިއާއެވެ.

ބިން ހިއްކައި ނިންމާފައިވާ އިރު، ސީޕްލޭން ޓާމިނަލް އެޅުމުގެ މަސައްކަތް ކުރާނެ ގޮތަކާ ބެހޭ މައުލޫމާތެއް އެމްއޭސީއެލުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޮޕަރޭޓުކުރާ ސީޕްލޭން ނެޓްވޯކު އޮންނަނީ ރާއްޖޭގަ އެވެ. އެ އޮޕަރޭޝަން ހިންގަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.

comment ކޮމެންޓް