ރާއްޖެ، އިނގިރޭސީންގެ ކުޅިބަޔަކަށް!

"އިނގިރޭސީން އަބަދު ވެސް ބޭނުން ވަނީ އެ މީހުން ބޭނުން ގޮތަށް އެމީހުން ބުނާގޮތް ހަދާވެރިކަމެއް ރާއްޖޭގައި އޮންނަން، އެމީހުން ބުނި ގޮތެއްހަދަން ޖެހޭނެ، އެއީ އެމީހުންގެ ބޭނުން، އިނގިރޭސީންގެ ސަރުކާރު ބަދަލުވިޔަސް އެ އުސޫލަށް އެމީހުން ބަދަލެއް ނުގެނޭ" ރާއްޖޭގެ ހާރިޖީ ދާއިރާގެ އެންމެ ތަޖުރިބާކާރު އެއް ބޭފުޅަކު ވިދާޅުވި އެވެ.

އޭނާގެ އެ ވާހަކައަށް ރާއްޖޭގެ ތާރީހު ވަރަށް ބޮޑަށް ހެކިދެ އެވެ. ޖިޒީ ދައްކަން މަޖުބޫރު ކުރި ޒަމާނުން ފެށިގެން ގޮސް މިއަދު ޑިމޮކުރަސީގެ ވާހަކައާ ހަމައަށް ވެސް ހަމަ އެހާލެވެ. ދިވެހީން ހަމަ އިނގިރޭސީންގެ ނުފޫޒުން އެއްކިބާނުވެވެވިގެންނެވެ.

ރައީސް މުހައްމަދު ނަޝީދު 1996 ޝާއިއު ކުރެއްވި "ދަގަނޑު ދަހަނާ"ގައި އެމަނިކުފާނު ލިޔުއްވާފައިވެ އެވެ. އިނގިރޭސީންގެ ކޮލޯނިއަލް ސިޔާސަތު ހިންގަމުން ގެންދިޔަ ޒަމާނުގައި އިނގިރޭސީން އެބައި މީހުންނަށް ވުރެ އަސްކަރީ ބާރުގެ ގޮތުން ދެރަ ގައުމުތަކުގެ ފަރާތުން އެދޭ ކަންކަން ކުރުމަށް ގަންބޯޓު ޑިޕްލޮމެސީގެ ގޮތުގައި ކިޔާން ފެށުނު އުސޫލެއް ގެންގުޅުނެވެ. މި ގޮތަށް ކަންތައް ކުރާ އިރުގައި މަތިފުށް ރީތި ސިޓީބިޓީ ބަހައްޓައިގެން އަސްލު ކަން ކުރަމުން ގެންދާނީ ބިރު ދައްކައިގެންނެވެ. ދިވެހި ރާއްޖެ އިނގިރޭސީންގެ ބެލެނިވެރިކަމުގެ ދަށުގައި ރާއްޖެއަކަށްވީ ގަންބޯޓު ޑިޕްލޮމެސީ އޭގެ އެންމެ އަނިޔާވެރި ގޮތުގައި އިނގިރޭސީން ބޭނުން ކުރީތީ އެވެ.

އިނގިރޭސި ވިލާތުގައި ރައީސް ނަޝީދު : މިހާރު ހުންނެވީ އިނގިރޭސީންގެ ހިމާޔަތުގައި--

އެއީ ރައީސް ނަޝީދު ދިވެހީން އިނގިރޭސީންގެ ހިމާޔަތުގައި އޮތްއޮތުން ސިފަކުރެއްވި ގޮތެވެ.

ހިމާޔަތައް ގެންދިއުމުގެ ކުރީން ވެސް؟

ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ގެންދިއުމުގެ ކުރިން ވެސް އިނގިރޭސީން ދިޔައީ ރާއްޖޭގެ ކަންކަމުގެ ތެރެއަށް ވަންވަނުންނެވެ. އޭގެ އެއް ހެއްކަކީ 1886 ވަނަ އަހަރު މާލޭގައި ހިންގި ބޮޑުހުޅު ހާދިސާ އެވެ.

ތާރީހީ ލިޔުންތެރިޔާ އަބްދުލްހަކީމު ހުސައިން ވިދާޅުވާ ގޮތުން މާލޭގެ އެތައް ތަނެއްގައި ހުޅުޖެހި އެ ޖަރީމާ ހިންގާފައި ވަނީ އޭރު ރަސްކަމުގައި އިންނެވި އައްސުލްޠާނު މުޢީނުއްދީނުއްޘާނީ އަށް ރާއްޖޭގެ ކަންކަން ނުބެލެހެއްޓޭކަން ލަންކާގައި ތިބި އިނގިރޭސީންނަށް، އޭރު ސަރުކާރާ ދެކޮޅު ދިވެހީން އެންގުމަށެވެ.

އެހެންކަމުން ދިވެހި ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި އިނގިރޭސީންނާއި އޭރު އޮތް ގުޅުން އެކަމުން ވެސް ވަރަށް ސާފެވެ. އަދި އޭރު ވެސް އިނގިރޭސީން ރާއްޖޭގެ ކަންކަމާއި ބެހެން ތައްޔާރަށް ތިބިކަން ސާފެވެ.

ހިމާޔަތަކަށް ގަދަކަމުން، ނުބެހޭކަމެއް ނެތް!

ދިވެހިބަހުގެ މާހިރެއް ކަމުގައިވާ އާދަމް ނަސީރު އިބްރާހިމް ވިދާޅުވާ ގޮތުގައި ދިވެހިރާއްޖެ އިނގިރޭސީންނާ އެކު ޙިމާޔަތުގެ އެއްބަސްވުމެއްގައި ސޮއިކުރުމަކީ ވެސް މިނިވަން ގޮތެއްގައި ހިނގައި ދިޔަ ކަމެއް ނޫނެވެ. އެކަންކުރުވީ ރޭވުންތަކާއި އިންޒާރުތަކުގެ ތެރެއިންނެވެ.

އެކަމުގެ މިސާލެއްގެ ގޮތުން ފަގީރު ދިވެހި ރާއްޖެ އިން އަހަރުން އަހަރަށް އިނގިރޭސި ދައުލަތަށް ޖިޒީ ދެއްކުން ލާޒިމު ކުރުން ފަދަ ކަންކަން ހިނގިކަން ނަސީރު ފާހަގަ ކުރެއްވި އެވެ.

ހިމާޔަތަށް ކަމަށް ބުނެ 1887ގައި އިނގިރޭސީންގެ އަތް ދަށަށް ދިވެހިން ގެންދިޔަ އެވެ. ދައުލަތުގެ ގިނަ އިސް މަގާންތަކެއް ފުރުއްވާފައިވާ އަލްމަރުހޫމް މޫސާ ފަތުހީ ދިވެހި ރާއްޖޭ އަޑު މެދުވެރިކުރައްވާ ވިދާޅުވި ގޮތުން ނަމަ "1887 އިން 1965އަށް ދިވެހިރާއްޖެ އޮތީ އިނގިރޭސި ހިމާޔަތޭ ކިޔުނު އަޅުވެތިކަމެއްގެތެރޭގަ އެވެ."

ރާއްޖެ އިނގިރޭސީންގެ އަތް ދަށުން މިނިވަން ކުރި ބަތަލު އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރާ އެކު ދެން އެންމެ އިސްދައުރެއް އަދާކުރައްވާފައި ވަނީ އޭރު ސްރީ ލަންކާގައި ދިވެހި ސަފީރަކަށް ހުންނެވި އަލްމަހުރޫމް އަބްދުއްސައްތާރު މޫސާ ދީދީ އެވެ. އެމަނިކުފާން ވިދާޅުވި ގޮތުގައި އިނގިރޭސީންގެ އަތް ދަށުން ރާއްޖެ މިނިވަންވީ އަޅުވެތިކަމުގެ އިހުސާސްތަކެއް ކޮށްފަ އެވެ.

"ކިތަންމެ ކަމެއް ހުންނާނެ އިނގޭތޯ، ލިޔުމުގައި ދާޚިލީ ކަންކަމަކާ ނުބެހެވޭ ނަމަވެސް މުހިންމު ދާޚިލީ ކަމެއް އެ މީހުން [އިނގިރޭސީން] ސީދާ އަދި ނުސީދާ ގޮތަކަށް ނުބެހޭ ކަމެއް އަޅުގަނޑަށް ހީވަނީ މަދުވެފައިހެން އޮންނަނީ،" އަބްދުސައްތާރު ވިދާޅުވި އެވެ.

އިނގިރޭސީންގެ ހުއްދައެއް ނެތި ދިވެހިންނަށް ރާއްޖެ އިން ބޭރަށް ދަތުރު ކުރުމުގެ މަގު ވެސް އޭރު ވަނީ ބަންދުވެފަ އެވެ. އިނގިރޭސީންގެ ޕާސްޕޯޓެއް ނެތި ލަންކާ ފިޔަވައި އެހެން ގައުމުތަކަށް ދަތުރެއް ނުކުރެވެ އެވެ. އެހެންކަމުން އެ ދުވަސްވަރު ދިވެހިންގެ ޕާސްޕޯޓް ވެސް ވެފައި ވަނީ އިނގިރޭސީންގެ މިލްކަކަށެވެ.

އިނގިރޭސީން އައްޑުއަށް އަރައި ހެދި ގޯސްތައް ވެސް ފާހަގަކުރެވެ އެވެ. އިނގިރޭސީން އަޑީގައި ތިބެ ދިވެހި ދައުލަތާ ދެކޮޅަށް މަސައްކަތްކޮށް ޢަބްދުﷲ ޢަފީފު އިސްކޮށް ބަހައްޓައި ގަޑުބަޑެއް ފެށި އެވެ. "އެކުވެރި ސުވާދީބު ޖުމްހޫރިއްޔާ"ގެ ނަމުގައި ވަކި ދައުލަތެއް އުފެއްދި އެވެ. ދިވެހި ގައުމު ބައިބައިކުރަން ފެށި އެވެ.

މިނިވަން ކަމަށް ފަހު ނުފޫޒަށް މަޑުޖެހުމެއް!

އިނގިރޭސީންގެ ގޮތެއް ފޮތެއްނެތް އަމަލުތަކުގެ ނަތީޖާއަކަށްވީ އިބްރާހިމް ނާސިރުގެ ސަރުކާރުން ރާއްޖެ މިނިވަން ކުރުމުގެ މަސައްކަތް މެކުހުމެވެ. ރާއްޖެއިން އެދިގެން އިނގިރޭސީން އެއްބަސްވުމުގެ ޑްރާފްޓެއް ހެދި އެވެ. ލަންކާގައި ކުރިއަށް ދިޔަ މަޝްވަރާތަކުގައި ރާއްޖެ އިން އިސްކޮށް ހުންނެވީ އަބްދުއްސައްތާރެވެ.

ސައްތާރު ވިދާޅުވާ ގޮތުގައި ކުރެވުނު މަޝްވަރާތަކަށް ފަހު ރާއްޖެ މިނިވަންވުމުގެ އެގްރިމެންޓުގައި 1965ގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ސޮއިކުރުމަށް ލަންކާގައި ހުންނަ އިނގިރޭސި ހައިކޮމިޝަނަށް ދިޔައީ އެ ދުވަހު 10 ޖެހިއިރު އެވެ. ރާއްޖޭގެ ފަރާތުން ވަޑައިގަތީ ބޮޑުވަޒީރު ނާސިރުގެ އިތުރުން މަރުހޫމް ކަނޑި އަހުމަދު އިސްމާއިލް އާއި ކޮލި އަލިމަނިކާއި އަބްދުއްސައްތާރެވެ. އެއާ އެކު 10:20 ކަންހާއިރު މިނިވަން ކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވި އެވެ. އެއާއެކު ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބިގެންދިޔަ އެވެ.

ރާއްޖޭގެ މިނިވަން ކަމުގެ އެގްރީމެންޓުގައި ރައީސް ނާސިރު ސޮއިކުރައްވަނީ ---

އަނެއްކާވެސް އިނގިރޭސީންގެ ފައިބުޑަށް

އެއަށް ފަހު ދެން ފެނިގެން ދިޔައީ އިނގިރޭސީން ދިވެހިންގެ ކަންތައްތަކާ ބެހެން ފުރުސަތު ލިބިގެން ނުދިޔަ އަހަރު ތަކެކެވެ. ނަމަވެސް ތަފާތު އެކިއެކި ގޮތްގޮތުން މަސައްކަތްކުރިކަން ތާރީހް ހެކިދެ އެވެ. އެއަށް ފަހު 2004 ވަނަ އަހަރުން ފެށިގެން އަނެއްކާ ވެސް އިނގިރޭސީންނަށް އެދޮރު މިވަނީ ހުޅުވިފަ އެވެ. ސިޔާސީ ހަލަބޮލިކަމާއެކު އެވެ.

"ރާއްޖޭގައި މިހިނގި ކަންތައްތަކާ އެކު ވިޔަފާރިވެރިންނާއި ބަޔަކު ކޮލޮމްބޯގައި ހުންނަ އިނގިރޭސި ވެރިންގެ ގާތަށް ގޮސް މަސައްކަތް މިވަނީކޮށްފައި، އެގޮތުން އިނގިރޭސީންނަށް އަނެއްކާ ވެސް އެފުރުސަތު ލިބިގެން މިދިޔައީ،" ހާރިޖީ ދާއިރާގެ ތަޖުރިބާކާރު ވިދާޅުވި އެވެ.

ޑިމޮކުރަސީ ކުރިއަރުވަން އިނގިރޭސީން ގައުމުތަކަށް ކުރާ ހަރަދުތަކުގެ ތެރެއިން "ވެސްޓްމިންސްޓާ ފަންޑު"ގެ ދަށުން 2008 އަދި 2013ގެ އިންތިހާބަށް ވެސް ބޮޑެތި އެހީތައް ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކަށް އިނގިރޭސީން ފޯރުކޮށްދިންކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މިއަދުވެސް އެ މަންޒަރު އެބަފެނެ އެވެ. އިނގިރޭސީން ބުނާ ގޮތެއް ނުހަދާ ކޮންމެ ސަރުކާރަކާ ދެކޮޅު ފަރާތްތަކެއްގެ ފަހަތުގައި ހިމާޔަތުގައި ހަމަ އިނގިރޭސީންނެވެ. ރާއްޖޭގެ ވެރިކަން ކުރަން ވީގޮތް ބުނެދޭން އުޅޭ ކަހަލަ އެވެ. ހިތާމައަކީ ދިވެހީންގެ ކަންކަން ދިވެހީން ހައްލުނުކޮށް އެކަންކަމަށް އަތްލުމަށް ގައުމަށް ދަހިވެތިވެފައިވާ އެހެން ބަޔަކަށް އެ ފުރުސަތު ދޭތީ އެވެ. އިނގިރޭސީންނަކީ ރާއްޖެއަށް ހެޔޮ އެދޭ ބައެއް ނޫންކަން ތާރީހުން ވަރަށް ސާފެވެ.

comment ކޮމެންޓް