މިހާތަނަށް 12 ރަށެއްގެ ބިން ހިއްކައިފި، އެކަމަށް 1.7 ބިލިއަން ރުފިޔާ ހަރަދުވި: މުއިއްޒު

މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުންގެ ސުވާލުތަކަށް މިނިސްޓަރު މުއިއްޒު ޖަވާބު ދާރީ ވަނީ: -- ފައިލް ފޮޓޯ --- މަޖިލިސް

މި ސަރުކާރުން މިހާތަނަށް 12 ރަށެއްގެ ބިން ހިއްކާފައިވާ ކަމަށާއި އެކަމަށް 1.7 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނުހިމަނާ 360 ހެކްޓަރުގެ ބިން މި ސަރުކާރުން މިހާތަނަށް ހިއްކާފައިވާ ކަމަށެވެ.

އޭގެ އިތުރުން ހިއްކި ބިން ހިމާޔަތްކުރުމުގެ ގޮތުން 10.7 ކިލޯ މީޓަރުގެ ރިވެޓްމަންޓެއް ޖަހާފައިވާ ކަމަށާއި 1.7 ބިލިއަން ރުފިޔާ އަކީ ބިން ހިއްކާ ރިވެންޓްމަންޓް ޖެހުމާ އެކު ދިޔަ ހަރަދު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު މިއަދު މަޖިލީހަށް ހާޒިރުކުރީ ތ. ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫއު އޮތް ހިސާބެއް ސާފުކޮށްދެއްވުމަށް އެދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު އެދިވަޑައިގަތުމުންނެވެ.

މެމްބަރު ރިޔާޒުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މި އަހަރުގެ ބަޖެޓުގައި ހިމެނިފައި ނުވާތީ އެ މަޝްރޫއު މި އަހަރު ކުރިއަށް ގަންދަން ހަމަޖެހިފައިވާ ނުވާ ކަމަށެވެ.

ދެވަނަ ފުރުސަތެއްގައި ސުވާލު ކުރައްވަމުން މެމްބަރު ރިޔާޒު ވަނީ، ހިރިލަންދޫ ރައްޔިތުން މިވަގުތު އެންމެ ބޭނުންވާ އެއްކަމަކީ ބިން ހިއްކުން ކަމަށާއި އަދި އެކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެއް ކަމުން، އެކަން އޮތީ ކިހާ ހިސާބެއްގައިތޯ ބެލުމަށް ބޭނުންފުޅުވާ ކަމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، ރައީސް ޔާމީނަކީ ވެވަޑައިގަންނަވާ ވައުދު ފުއްދަވާ ބޭފުޅެއްކަން މިހާ ހިސާބަށް ކުރައްވާފައިވާ ކަންތައްތަކުން ހާމަވެގެންދާނެ ކަމަށާއި އަދި ވެސް ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވާނެ ކަމަށެވެ.

comment ކޮމެންޓް