ޕްލާސްޓިކް މަދު ކުރުމަށް ގައުމުތަކުގެ އެންމެ މަތީ ފެންވަރުގައި ހަރަކާތްތެރި ވާން ޖެހޭ: ޝައިނީ

"ދަ އޯޝަން ކޮންފަރެންސް"ގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވާހަކަފުޅުދައްކަވަނީ --- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

ކަނޑުތަކަށް އުކާލެވޭ ޕްލާސްޓިކް މަދު ކުރުމަށް މަގުފަހިކުރުމަށް ގައުމުތަކުގެ އެންމެ މަތީ ފެންވަރުގައި ހަރަކާތްތެރިވާން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވީ، މިދިޔަ ހޯމަ ދުވަހުން ފެށިގެން އދ.ގެ މައި މަރުކަޒު، ނިއުޔޯކުގައި ކުރިއަށްދާ "ދަ އޯޝަން ކޮންފަރެންސް"ގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކޮށް ކަނޑުތަކުގެ މާހައުލަށް ކުނީގެ ގޮތުގައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމާ މެދު މަޝްވަރާކުރުމަށް ބޭއްވި ސައިޑް އިވެންޓް ހުޅުވާދެއްވުމުގެ ގޮތުން ތަގުރީގު ކުރައްވަމުންނެވެ.

ޝައިނީގެ އެ ތަގުރީރުގައި ކަނޑުތަކަށް އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް ގައުމުތަކުން ގުޅިގެން މަސައްކަތްތަކެއް ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައިވެ އެވެ.

އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ "ދަ އޯޝަން ކޮންފަރެންސް"ގެ ހަވާސާގައި ބޭއްވުނު ތަފާތު ފަސް ބައްދަލުވުމެއްގައި ޑރ. ޝައިނީ ތަގުރީރު ކުރައްވާފައިވެ އެވެ.

"ދަ އޯޝަން ކޮންފަރެންސް"ގައި ބައިވެރިވާ ބައެއް ގައުމުތަކުގެ އިސްވެރިންނާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ބައްދަލުކުރައްވަނީ --- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

ހަތް ޕާޓްނާޝިޕް ޑައިލޮގަކާއި ތަފާތު 150 ސައިޑް އިވެންޓެއްގެ މައްޗަށް އެކުލެވޭ ކޮންފަރެންސްގައި ކަނޑުތައް ތަގައްޔަރުވުމުގެ މައްސަލައަށް އަލިއަޅުވާލާ ޕާޓްނާޝިޕް ޑައިލޮގްގެ އިތުރުން "ހައި ލެވެލް ޑައިލޮގް އޮން އޯޝަންސް އެންޑް ސްމޯލް އައިލެންޑް ސްޓޭޓްސް" ސައިޑް އިވެންޓްގައި ވެސް މިނިސްޓަރު ޝައިނީ ވަނީ ތަގުރީރު ކުރައްވައި ދުނިޔޭގެ ކަނޑުތަކުގެ ދުޅަހެޔޮކަމަށް ކުދި ޖަޒީރާ ގައުމުތަކުން ކުރާ މަސައްކަތްތަކުގެ މުހިއްމުކަން ފާހަގަކުރައްވައިފަ އެވެ.

އޭގެ އިތުރުން ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުން މިނިސްޓަރު ޝައިނީ ވަނީ ކަނޑުތަކުގެ މާހައުލު ތަގައްޔަރުވުމުން ރައްކާތެރިކުރުމަށް މުހިއްމު ފިޔަވަޅެއްގެ ގޮތުން އެކަށީގެންވާ ގޮތަކަށް ކުނި މެނޭޖްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އަލިއަޅުވައްލައްވާފައިވެ އެވެ.

އަދި ކަނޑުތަކުގައި އޮޔާ ދައުރުވާ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން މަސްވެރި އުޅަނދުތަކުން އެއްކުރާ އެފަދަ ޕްލާސްޓިކް ނައްތާލުމަށްޓަކާ ޕާލޭ އާއި ގުޅިގެން ގައުމީ ފެންވަރެއްގައި ކުރުމަށް ހަމަޖެހިފައިވާ މުހިންމު މަސައްކަތްތައް ހިއްސާ ކުރެއްވި އެވެ.

"ދަ އޯޝަން ކޮންފަރެންސް"ގައި ފާސްކުރުމަށް ހަމަޖެހިފައިވާ ކޯލް ފޮ އެކްޝަން ފާސްކުރުމަށް ވެސް ރާއްޖޭގެ ފަރާތުން ތަރުހީބުދެއްވާފަ އެވެ.

comment ކޮމެންޓް