ނަވާޒުއްދީން 'މޮމް' އަށް އެއްބަސްވީ ސްރީދޭވީ އާ އެކު މަސައްކަތް ކޮށްލުމަށް!

އެންމެ ކުރިން ފެށިގެން ވެސް އޭނާ އަކީ ކުޅަދާނަ ބަތަލާ ސްރީދޭވީގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމަށާއި ފިލްމު 'މޮމް' އަށް އެއްބަސްވުމުގެ މައިގަނޑު އެއް ސަބަބަކީ ވެސް ސްރީދޭވީ އާ އެކު މަސައްކަތް ކޮށްލުން ކަމަށް ހުނަރުވެރި އެކްޓަރު ނަވާޒުއްދީން ސިއްދީގީ ބުނެފި އެވެ.

ފިލްމު 'މޮމް'ގެ ޓްރެއިލާ މިހާރު ދައްކާލާފައިވާ އިރު، ނަވާޒުއްދީންގެ ތަފާތު ރޯލެއް ވަނީ ފެނިގެން ގޮސްފަ އެވެ. 'މޮމް' އަކީ ތުރިލާ އެކެވެ.

ނަވާޒުއްދީން ބުނީ އޭނާގެ ރޯލު ފުރިހަމަ އަށް އަދާކުރުމަށް ސްރީދޭވީގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބުނު ކަމަށާއި އޭނާގެ ކުރިއަށް އޮތް ފިލްމު 'މަންޓޯ' އަށް ވެސް އޭގެ ސަބަބުން ފައިދާ ކުރާނެ ކަމަށެވެ.

އޭގެ އިތުރުން ސްރީދޭވީ އަކީ މަސައްކަތަށް ފަރުވާ ބަހައްޓާ އެކްޓަރެއް ކަމަށާއި ފިލްމުގެ ކޮންމެ ސީން އެއް ފުރިހަމަ ކުރުމުގައި ސްރީދޭވީގެ ދައުރު ބޮޑު ކަމަށެވެ.

'މޮމް' އަކީ ސްރީދޭވީ އަދި ނަވާޒުއްދީން އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. އެ ފިލްމުގައި އަކްޝޭ ޚަންނާގެ މުހިންމު ރޯލެއް ވެސް ހިމެނެ އެވެ.

'މޮމް' އަކީ ރަވީ އުދާވަރް ލިޔެ ޑައިރެކްޓު ކޮށްފައިވާ ފިލްމެކެވެ. އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ޖުލައި ހަތް ވަނަ ދުވަހު އެވެ.

comment ކޮމެންޓް