އަފްޣާން އަތުން ރާއްޖެ ބަލިވެއްޖެ

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު: އަފްޣާނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ރާއްޖެ ބަލިވީ 2-1 ލަނޑުގެ ނަތީޖާއަކުން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަފްޣާނިސްތާނާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުން ރާއްޖެ ބަލިވެއްޖެއެވެ.

ދުބާއީގައި މިރޭ ކުޅުނު މެޗުގައި ރާއްޖޭގެ މައްޗަށް އަފްޣާނިސްތާން ކުރި ހޯދާފައިވަނީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅު ރާއްޖޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން ރަނގަޅު ހިސާބަކުން ރާއްޖެއަށް ދެ ހިލޭ ޖެހުން ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. އަކްރަމް އަބްދުލްޤަނީ (އަކޫ) އަދި އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހިލޭ ޖެހުން ވެސް އަފްޣާނިސްތާނުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ އަފްޣާނިސްތާނުންނެވެ. މެޗުގެ 38 ވަނަ މިނެޓުގައި އަފްޣާނިސްތާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހަސަން އަމީނެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ، ފޮނުވާލި ހަމަލާއަކުންނެވެ.

އަފްޣާނިސްތާނުން ލީޑު ހޯދިތާ ތިން މިނެޓް ފަހުން ރާއްޖެއަށް ލިބުނު ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކޮށްދިނީ ސެންޓޭއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކަމުންދިޔައީ އަފްޣާނިސްތާނުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 62 ވަނަ މިނެޓުގައި އަފްޣާނިސްތާނުން ވަނީ އަލުން ލީޑު ހޯދައިފައެވެ. އަފްޣާނިސްތާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އޮމިދު ޕޮޕަލްޒާއީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުއްޓާ ލިބުނު ބޯޅައަކުންނެވެ.

އެ ލަނޑަށްފަހު ވެސް ރަނގަޅަށް ކުޅެމުންދިޔައީ އަފްޣާނިސްތާނުންނެވެ. އަފްޣާނިސްތާނުން ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ނުރައްކާތެރި ހުރަސްތަކެއް ނަގަމުންދިޔައިރު، ރާއްޖޭގެ ފޯވަޑް ލައިނުގައި ހަރަކާތްތެރިވަމުންދިޔަ އަހްމަދު ރަޝީދު (އައްމަޑޭ)އަށް ރަނގަޅު ބޯޅަތަކެއް ލިބިފައެއް ނުވެއެވެ.

މިއަދުގެ މެޗުގައި ރާއްޖޭގެ މުހިންމު ކުޅުންތެރިންތަކަކަށް ކޯޗު ޑެރަން ސްޓެވާޓް ވަނީ ރެސްޓުދީފައެވެ. އޭގެ ތެރޭގައި އޭއެފްސީ ކަޕްގައި ވާދަކުރަމުންދިޔަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެ އަތުން އަފްޣާން ވަނީ މޮޅުވެފައެވެ. އެ މެޗުން ރާއްޖެ ބަލިވީ 4-1 ލަނޑުގެ ނަތީޖާއަކުންނެވެ. މިއަދު ކުޅުނު މެޗަކީ މިމަހުގެ 13 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ތައްޔާރުވުމަށްޓަކައި ކުޅުނު މެޗެކެވެ.

comment ކޮމެންޓް