ޔުނިވާސަލްގެ ދިގަލި ރިސޯޓު ހުޅުވައިފި

ދިގަލީގައި ހުންނަ މޫދު ކޮޓަރިތަކެއް ---

ޔުނިވާސަލް އެންޓަޕްރައިސެސްގެ ހިއްސާ އޮންނަ ކޮރަލް އެޖް ކުންފުނިން ރ. އަތޮޅުގައި ތަރައްގީކުރި "ދިގަލި މޯލްޑިވްސް" ރިސޯޓު ހުޅުވައިފިއެވެ.

އެ ރިސޯޓު ހުޅުވައި، އެންމެ ފުރަތަމަ މެހެމާނުންނަށް މަރުހަބާ ކިއީ މި ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ.

އެ ރިސޯޓުގައި 136 ވިލާ އަދި 40 މޫދު ކޮޓަރި ހުންނަ އިރު، "ދިގަލި ސުއީޓް"ގެ ނަމުގައި ޚާއްސަ ވިލާއެއްވެސް ހުރެއެވެ.

ދިގަލީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރަހަތައް ލިބޭ ރެސްޓޯރަންޓްތަކެއް ހުރެއެވެ. އެގޮތުން އޭޝިއަން ކުއިޒީނަށް ޚާއްސަ "ބަޓޫޓާ" ރެސްޓޯރަންޓާއި، ދިގަލީގެ މައި ރެސްޓޯރަންޓް "ކޭޕާރސް"އާއި، "ޖޭޑް" ރެސްޓޯރަންޓްގެ އިތުރުން "ފަރު"ގެ ނަމުގައި ހިންގާ ރެސްޓޯރަންޓެއްވެސް ހުރެއެވެ.

ދިގަލީގައި އެކިއެކި ޓްރީޓްމެންޓާއި ތެރަޕީ ލިބޭ ސްޕާއެއް ހުންނަ އިރު، ޑައިވިންގް އާއި ވޯޓާ ސްޕޯޓްސްގެ ހަރަކާތްތައް ވެސް ހުރެއެވެ. އަދި ކައިރި ރަށްރަށަށް ޒިޔާރަތް ކުރުމުގެ ދަތުރުތައް ރިސޯޓުން ހަމަޖައްސައިދޭ އިރު، ދެކުނުގައި ޖެހިގެން އޮންނަ ބ. އަތޮޅުގައި އޮންނަ ހަނިފަރު ބޭ ބަޔޮސްފިއާ ރިޒާވަށް ވެސް ޒިޔާރަތްކުރުމުގެ ދަތުރުތައް އެ ރިސޯޓުން ހަމަޖައްސައިދެއެވެ.

ޔުނިވާސަލް ކުންފުނިން ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގަމުން ދެއެވެ. އޭގެ ތެރޭގައި ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓު ކުރުނބާ މޯލްޑިވްސްއާއި، ކުރަމަތި ރިސޯޓާއި، ވެލައްސަރު ރިސޯޓާއި، ބަރޮސް މޯލްޑިވްސްއާއި، ކަނދޮޅު މޯލްޑިވްސް ރިސޯޓާއި، މާފުށިވަރު ރިސޯޓާއި، މިލައިދޫ ރިސޯޓުވެސް ހިމެނެއެވެ.

comment ކޮމެންޓް