ސުމައިދު ގެއްލުނު މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޓީމެއް އައްޑުއަށް

ޕޮލިސް ކޯޕްރަލް މުހައްމަދު ސުމައިދު: އޭނާ ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފުން ދަނީ ކުރަމުން ---

ޑިންގީއެއްގައި މަހަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ ފުލުހުންގެ ކޯޕްރަލް މުހައްމަދު ސުމައިދު، 27، ގެއްލުނު މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޓީމެއް އައްޑުއަށް ފުރައިފި އެވެ.

ސުމައިދު ގެއްލިފައި ވަނީ އޭނާގެ ދެ ރަހުމަތްތެރިޔަކާ އެކު މަހަށް ނުކުމެ އުޅެނިކޮށް ޑިންގީ ބަންޑުން ޖަހާލައިގެންނެވެ.

ފުލުހުން ބުނީ އެ މައްސަލަ ހިނގައި ދިޔަ ގޮތުގެ ތަހުގީގެއް ފުލުހުން ކުރަމުންދާ ކަމަށެވެ.

ސުމައިދުގެ އާއިލާއިން ބުނެފައި ވަނީ ސުމައިދު މޫދަށް ވެއްޓުނު ކަމަށް ބުނާ އިރު އޭނާ މޫދަށް ވެއްޓުނީ ޑިންގީ ބަންޑުން ޖަހާލައިގެން ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

އެމީހުން މަހަށް ދިޔަ ޑިންގީ ކައިރި ފަޅުރަށެއްގެ ފަރުމައްޗަށް ލައްގާފައިވާ އިރު، މަހަށް ގެންދަން އޭގައި ގެންދިޔަ ސާމާނާއި ލައިފް ޖެކެޓް ވެސް އޭގައި ހުރި ކަމަށްވެ އެވެ. އަދި ޑިންގީ ބަންޑުން ޖަހާލި އިރު އެކަތި ޑިންގީގައި ހުރުމުން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ސުމައިދު ހޯދުމުގެ މަސައްކަތް ސިފައިނާއި ފުލުހުން އަދިވެސް ދަނީ ކުރަމުންނެވެ.

comment ކޮމެންޓް