ލޭމްގެ އިންތިޚާބު: ގަދަ ހިފުމަށް ޝާޑު އާއި ހޭންޑީ ހަސަން!

ލޭމްގެ މިހާރުގެ ރައީސް ހަސަން (ކ)ގައި އަދި ޝާޑު- ފޮޓޯ: ލޭމް

ދިވެހި ފަތުރުވެރިކަމުގެ އެންމެ މުހިއްމު އެއް ދާއިރާ ކަމުގައިވާ ލިވްއަބޯޑްސް ތަމްސީލު ކުރާ އެސޯސިއޭޝަން، ލިވްއަބޯޑްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އަށް މި އަހަރު 10 އަހަރު ފުރުން ފާހަގަ ކުރާއިރު، އެ އެސޯސިއޭޝަންގެ މިއަހަރުގެ އިންތިޚާބުގެ ކަންކަން ފެންނަނީ ވަރަށް ވާދަ ވެރިކޮށެވެ.

ލޭމްގެ ރައީސްކަމުގެ ދައުރުގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. ކޮންމެ ދެއަހަރުން އެއްފަހަރު އެ އެސޯސިއޭޝަންގެ ރައީސެއް ހޮވުމަށް ބާއްވާ އިންތިޚާބު މި އަހަރު ބާއްވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. ނަން ހުށަހެޅުމުގެ މުއްދަތު ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ އިރު އެ މަގާމަށް ހުށަހަޅާފައި ވަނީ އެސޯސިއޭޝަންގެ ކޯ ފައުންޑާ، އިބްރާހިމް ޝާހިދު (ބްލޫ ކޭ ޝާޑު) އާއި މިހާރު ވެސް އެ އެސޯސިއޭޝަންގެ ރައީސް ކަމުގައ މަގާމުގައި ހުންނެވި ހަސަން ހަލީމް (ހެންޑީ ހަސަން)ގެ ނަމަވެ.

އިންތިޚާބު ބޯމަތިވެފައިވާ އިރު މި އަހަރުގެ ވާދަވެރިކަން ވަރަށް ރަނގަޅެވެ. ވަރަށް ފުރިހަމަ އެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ އިންތިޚާބު ފޯރި ގަދަވެ ވާދަވެރިވާ ސަބަބުތައް ވެސް އެބަހުއްޓެވެ.

އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި މިހާރު ވެސް ހުންނެވި ހަސަން ހަލީމް (ހެންޑީ ހަސަން) އަކީ "ހޭންޑީ ކްރޫސް" ކުންފުނީގެ ވެރިޔާ އެވެ. އެ ކުންފުނިން ލޭމްއާ ގުޅުނީ މީގެ ތިން އަހަރު ކުރިންނެވެ. އޭނާ ވަނީ އޭނާގެ ދައުރުގައި އެ އިންޑަސްޓްރީގައި ހުރި ކަންކަމާއި، ހުރި ގޮންޖެހުންތައް ކުޑަ ކުރުމަށް ކަމާ ބެހޭ އިދާރާތަކާ އެކު މަޝްވަރާކޮށްފަ އެވެ.

އަދި ފާއިތުވި ދެ އަހަރު ދުވަސްތެރޭ އޭނާ ވަނީ އެ އިންޑަސްޓްރީގައި ހުރި ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، އަދި ބައެއް އާ ޚިދުމަތްތަކެއް ތައާރަފްކުރަން މަސައްކަތްވެސް ކުރައްވައިފަ އެވެ.

މީގެ އިތުރުން އެ އިންތިޚާބުގައި ދެން ވާދަ ކުރާ އަނެއް ބޭފުޅަކީ އެ އެސޯސިއޭޝަންގެ ކޯ ފައުންޑާ، އިބްރާހިމް ޝާހިދު (ބްލޫ ކޭ ޝާޑު)އެވެ. ލިވްއަބޯޑު އިންޑަސްޓްރީގައި ހުންނަވައިގެން އެ އެސޯސިއޭޝަނަށް އޭނާ ޚިދުމަތްކުރައްވާތާ މިހާރު 10 އަހަރު ވެއްޖެ އެވެ. އެސޯސިއޭޝަންގެ ކުރިން ވެސް އޭނާ އަކީ އެ އިންޑަސްޓްރީގައި ހަރަކާތްތެރިވި ބެފުޅެކެވެ.

އަމިއްލަ ތިން ސަފާރީ އޮންނަ އިރު ފާއިތުވި އަހަރުތަކުގައި އޭނާ އަކީ ވަރަށް ހިންގުންތެރި، އަދި ހަރަކާތްތެރި މެމްބަރެކެވެ.

ކޮންމެ ދެއަހަރަކުން އެއްފަހަރު ލޭމްއަށް އާ ރައީސަކު އިންތިޚާބު ކުރާއިރު މިހާތަނަށް އެ އެސޯސިއޭޝަނަށް ފަސް ރައީސަކު އިންތިޚާބުކޮށްފައިވެ އެވެ.

އެންމެ ފުރަތަމަ އެ އެސޯސިއޭޝަންގެ ރައީސަކަށް އިންތިޚާބު ކުރީ ވޮޔޭޖެސް މޯލްޑިވްސްގެ ފަރާތުން ސަލާހް ޝިހާބެވެ. އެއަށް ފަހު 2009 ވަނަ އަހަރު ވިސްޓަ ކޯ އެންޑް ޓްރެވެކް ސާވިސްގެ ފަރާތުން ރައީސް ކަމަށް ވަޑައިގެންނެވީ މޫސާ ރަޝީދެވެ.

ދެހާސް އެގާރަ ވަނަ އަހަރު ލޭމްގެ ރައީސް ކަމަށް ބްލޫ ހޮރައިޒަންގެ ފަރާތުން އަހުމަދު ޒުބައިރު އާދަމް ވަޑައިގެންނެވި އިރު 2013 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަކަށް ރައީސް ކަން ކުރެއްވީ ހައިރައިޒް އަދި ފްލޯޑިން އޭޝިއާގެ ފައުންޑާ، އިސްމާއިލް ހަމީދެވެ.

މިހާރުގެ ރައީސަކީ ހޭންޑީ ހަސަނެވެ.

ލޭމްގައި ރަޖިސްޓްރީވެފައިވާ 150 އަށް ވުރެ ގިނަ މެމްބަރުން ތިބޭ އިރު އެ އެސޯސިއޭޝަން ވެފައި ވަނީ ދިވެހި ފަތުރުވެރިކަމުގެ ނާރެހަށެވެ.

comment ކޮމެންޓް