2025ގެ ކުރިން އިނގިރޭސި ރަސްކަމުގެ އިއްތިޙާދުން ސްކޮޓްލެންޑް ވަކިވާނެ

ލަންޑަން (ޖޫން 6): އިނގިރޭސިވިލާތުގެ ރަސްކަމުގެ އިއްތިޙާދުން ސްކޮޓްލެންޑް ވަކިވުމުގެ ކަންތައް ކުރިޔަށްގެންދާނެ ކަމަށާއި 2025ގެ ކުރިން އިނގިރޭސި ރަސްކަމުން ސްކޮޓްލެންޑް ވަކިވެ މުސްތަގިއްލު ގައުމެއްގެ ގޮތުގައި ސްކޮޓްލެންޑަށް މިނިވަންކަން ލިބިގެންދާނެކަމަށް އެގައުމުގެ ބޮޑުވަޒީރު ނިކޯލާ ސްޓާޖިން ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ އައިޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ސްޓާޖިން ވިދާޅުވީ ދިގުމުއްދަތަކަށް އިނގިރޭސިވިލާތުގެ ރަސްކަމުގެ އިއްތިޙާދުގައި ސްކޮޓްލެންޑް ދެން ނޯންނާނެކަމަށާއި ޒުވާނުންގެ މެދުގައި ފެތުރެމުންދަނީ މުސްތަގިއްލު ގައުމެއްގެ ގޮތުގައި ސްކޮޓްލެންޑް ބައިނަލްއަގްވާމީ މުޖްތަމައަށް ނުކުތުމުގެ ފިކުރުކަމުގައެވެ.

އަންނަ ބުރާސްފަތި ދުވަހު އިނގިރޭސިވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގައި ސްކޮޓްލެންޑްގެ ޕާލަމެންޓަށްވެސް މެންބަރުން އިންތިޚާބު ކުރުން އޮންނާނެއެވެ. މިއިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރާނީ ސްކޮޓްލެންޑްގެ ގައުމީ ޕާޓީންކަން ޚިޔާލު ހޯދުމުގެ ސާވޭތަކުންވަނީ ހާމަވެފައެވެ. ބޮޑުވަޒީރު ނިކޯލާ ސްޓާޖިން ނިސްބަތްވެ ވަޑައިގަންނަވާ ސްކޮޓްލެންޑްގެ ގައުމީ ޕާޓީއަކީ އިނގިރޭސި ރަސްކަމުގެ އިއްތިޙާދުން ސްކޮޓްލެންޑް ވަކިވުމަށް މަސައްކަތްކުރާ ޕާޓީއެވެ.

ސްކޮޓްލޭންޑްގެ މިނިވަންކަމާ ބެހޭ ގޮތުން 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސްކޮޓްލެންޑްގައި ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް ބަލާއިރު އިނގިރޭސި ރަސްކަމުގައި ސްކޮޓްލެންޑް އޮތުމަށް އަޣްލިބިއްޔަތު ލިބިފައިވީނަމަވެސް އެއީ ވަރަށް ހަނި އަޣްލަބިއްޔަތެކެވެ. އެހެންކަމުން ހައެއްކަ އަހަރުފަހުން އިތުރު ވޯޓެއް ނަގައިފިނަމަ އިނގިރޭސި އިއްތިޙާދުން ސްކޮޓްލެންޑް ވަކިވުމަށް އަޣްލަބިއްޔަތު ލިބުމަކީ ވަރަށް ގާތް ކަމެއްކަމަށް ސްޓާޖިން ވިދާޅުވިއެވެ.

އިނގިރޭސި ރަސްކަމުގެ އިއްތިޙާދުން ސްކޮޓްލެންޑް ވަކިވެއްޖެނަމަ އިނގިރޭސި ރަސްކަމުގެ އިއްތިޙާދު ރޫޅި އިނގިރޭސިވިލާތް ވަރަށްބޮޑަށް ބަލިކަށިވެގެން ދާނެއެވެ. މިފަދަ ހާލަތެއްގައި އިނގިރޭސިވިލާތުގެ ބުރަދަން އިޓަލީވިލާތަށް ވުރެ ވެސް ދަށަށް ގޮސް ވިލާތުގެ ބައްރުގެ ހަތަރުވަނަ ގައުމުގެ ދަރަޖައަށް އިނގިރޭސިވިލާތް ވެއްޓިގެންދާނެ އެވެ.

ފަސް މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސްކޮޓްލޭންޑް އިނގިރޭސި ރަސްކަމުގެ އިއްތިޙާދުން ވަކިވެއްޖެނަމަ ދުނިޔޭގެ ބޮޑު ފަސްބާރުގެ ތެރެއިން އެއްބާރުގެ ގޮތުގައި އޮތުމުގެ ފުރްސަތު ވެސް އިނގިރޭސިވިލާތަށް ގެއްލިގެންދާނެއެވެ. ސަބަބަކީ ދުނިޔޭގެ ބޮޑު ބާރަކަށް ވާވަރަށް ވުރެ އިގްތިސާދީ ގޮތުންނާއި އާބާދީގެ ގޮތުންނާ އަދި އަސްކަރީ ގޮތުން އިނގިރޭސި ރަސްކަމުގެ އިއްތިޙާދު ބަލިކަށިވެގެންދާނެތީ އެވެ. (ރޮއިޓާސް)

comment ކޮމެންޓް