ކުދި ޓެކްސް ޕޭޔަރުން ނޫން އެންމެން ދެން ޖީއެސްޓީ ބަޔާން ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް

މީރާއަށް ބަޔަކު ފީދައްކަނީ: 1 ޖުލައިން 2017 އިން ފެށިގެން، 10 މިލިއަނަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުންވެސް ޖީއެސްޓީ ބަޔާން ހުށަހަޅަން ޖެހޭނީ "މީރާ ކަނެކްޓް" މެދުވެރިކޮށް -- ސަން ފައިލް ފޮޓޯ

މީރާއިން ގިންތިކުރާ ކުދި ޓެކްސް ޕޭޔަރުން (10 މިލިއަނަށްވުރެ ދަށުން އާމްދަނީ ލިބޭ ފަރާތްތައް) ފިޔަވައި ހުރިހާ ފަރާތްތަކުންވެސް އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮންލައިންކޮށް ޖީއެސްޓީ ބަޔާން ފައިލް ކުރަން ޖެހޭގޮތަށް މީރާއިން ހަމަޖައްސައިފިއެވެ.

މީރާއިން ބުނީ، ޓެކްސް ރޫލިންގެ TR-2015/G23އަށް ގެނައި ތިން ވަނަ އިސްލާހާއެކު އެ ރޫލިންގެ ޕެރެގްރާފް 15ގެ (ރ)ގައި ވާ ގޮތުގެ މަތީން، ޖީއެސްޓީއަށް ލިބޭ ޖުމުލަ އާމްދަނީއަކީ، 10 މިލިއަން ރުފިޔާއަށް ވުރެ މަތީ އާމްދަނީއެއް ނަމަ، ޖީއެސްޓީ ބަޔާން ފައިލް ކުރަން ޖެހޭނީ މީރާގެ އޮންލައިން ޕޯޓަލް "މީރާކަނެކްޓް" މެދުވެރިކޮށް ކަމަށެވެ.

"އެހެންކަމުން އެ ފަރާތްތަކުން ޖީ.އެސް.ޓީ ބަޔާނާއެކު ހުށަހަޅަންޖެހޭ އިންޕުޓް ޓެކްސް ސްޓޭޓްމަންޓްގެ އިތުރުން އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓެއް ވެސް މީރާގެ އޮންލައިން ޕޯޓަލް "މީރާކަނެކްޓް" މެދުވެރިކޮށް ހުށަހަޅަން ޖެހޭ،" މީރާއިން ބުންޏެވެ.

މީރާގެ ސްޕޯކްސްޕަރސަން މުޙައްމަދު ޝާހިދު، ސަންއަށް ވިދާޅުވީ، ކުރީން ހަމަ އެކަނި ބޮޑެތި ޓެކްސްޕޭޔަރުންނަށް، އޮންލައިންކޮަށް ޖީއެސްޓީ ބަޔާން ހުށަހަޅަން ލާޒިމްކޮށްފައި އޮތް ނަމަވެސް އަންނަ އަހަރު ފެށޭއިރު ހުރިހާ ފަރާތްތަކަކުން ވެސް އޮންލައިންކޮށް ބަޔާން ފައިލްކުރާ ގޮތަށް ގަވައިދު އެކުލަވާލައިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ ފެށީ އެންމެ ބޮޑެތި ޓެކްސް ޕޭޔަރުންނަށް. މިހާރު ހަމަޖެހިގެން މިދިޔައީ މީރާއިން ގިންތިކުރާ ކުދި ޓެކްސް ޕޭޔަރުން ފިޔަވައި ދެން ތިބި ހުރިހާ ފަރާތެއް،" ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިބަލަނީ، އެންމެ ކުދި ޓެކްސް ޕޭޔަރުންވެސް މިކަމަށް ހޭލުންތެރި ކުރުވައި، އެފަރާތްތަކަށްވެސް ވަސީލަތްތައް ހަމަޖެހޭވަރަށް ވަގުތުދޭން. އެއަށް ފަހު އަންނަ އަހަރު ފެށޭއިރު ހުރިހާ ފަރާތްތަކަކުންވެސް ޖީއެސްޓީ ބަޔާން އޮންލައިންކޮށް ފައިލްކުރާން ޖެހޭގޮތަށް ގަވައިދުވަނީ އެކުލަވައިލެވިފައި."

މީރާއިން ޓެކްސް ރޫލިންގެ TR-2015/G23އަށް އިސްލާހު ގެނައި ނަމަވެސް، ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އޮންލައިންކޮށް ނޫންގޮތައް ވެސް ބަލައިގަތުމުގެ އިހްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް ލިބިގެން ވެއެވެ.

comment ކޮމެންޓް