ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުންކުރުން ހުއްޓާލަން އެންގި މައްސަލަ ކޯޓަށް ހުށަހަޅައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުންކުރުން ހުއްޓާލަން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް އެނގި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

ކޯޓުން މައްސަލަ ވަކިގޮތަކަށް ނިމެންދެން އިލެކްޝަންސް ކޮމިޝަންގެ އެންގުމަށް އަމަލުނުކޮށް މަޑުޖައްސާލުމުގެ އަމުރަކަށް ވެސް އެ ޕާޓީން ވަނީ އެދިފައެވެ.

އެ މައްސަލާގައި ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވާ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ްއެންގި އެންގުން ބާތިލްކޮށްދިނުމަށް ދައުވާގައި އެދިފައުވާނެ ކަމަށެވެ.

"ކޯޓަށް މައްސަލަ ހުށަހެޅީ އެ އެންގުމަކީ އެގޮތުގެމަތިން އެންގިދާނެ އެންގުމެއް ކަމަށް ނުދެކެތީ،" ނޫރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ 167 ވަނަ މާއްދާ އާއި ގާނޫނުގެ 21 ވަނަ މާއްދާގައި އިލެކްޝަންސް ކޮމިޝަންގެ މަސައްކަތުގެ ދާއިރާ އާއި ގާނޫނީ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވަނިކޮށް، އިލެކްޝަންސް ކޮމިޝަންގެ ގާނޫނުން ބޭރުން ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ ހަވާލާދީ އެގޮތަށް އެންގިދާނެ ކަމަށް ނުފެންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީގެ އަށް ވަނަ މާއްދާގައި ވަނީ ސިޔާސީ ޕާޓީތައް ހިންގަން ވާނީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ބާރު ލިބިފައިނުވާ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިކަމުގެ އެއްވެސް ހައިސިއްޔަތެއް ނެތް ހޯމް މިނިސްޓްރީން ހަދާފައިވާ އުސޫލަކަށް އަމަލުކުރުން ލާޒިމްވާގޮތަކަށް އެންގުމެއް އެއްވެސް ފަރާތަކަށް އެންގުމުގެ ބާރެއް އެ ކޮމިޝަނަށް ލިބިގެންވާ ކަމަށް ގަބޫލުނުކުރާ ކަމަށް ނޫރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ 64 ވަނަ މާއްދާގައި ސާފު އިބާރާތުން ބުނެފައި ވަނީ ދައުލަތުގެ އެއްވެސް މުވައްޒަފަކު އެއްވެސް ފަރާތަކަށް އަމުރެއް ކުރަންވާނީ ގާނޫނަކުން ބާރުލިބިގެން ކަމަށާއި ގާނޫނު އަސާސީގެ 204 ވަނަ މާއްދާގައި ގާނޫނުގެ މާނައިގެ ތެރޭގައި ހިމަނާފައި ވަނީ ގަވާއިދު ކަމަށެވެ. އެ މާއްދާގައި އުސޫލުގެ ވާހަކަ ނެތް ކަމަށް ނޫރު ވިދާޅުވިއެވެ.

އުސޫލަކީ ދައުލަތުގެ އިދާރާތަކުގެ އެތެރޭގެ ހިންގުމާ ގުޅޭ ކަންތައްތަކަށް ލިޔެވިފައި ހުންނަ އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް