ކިނބިގަސްދޮށުގޭ މައްސަލަ މަގުމަތިން ނިންމައިލި ގޮތް ބޮޑު ޖޯކަކަށްވެފައި

ރައްޔިތުންގެ މަޖިލިސް ކައިރީގައި އިއްޔެ ހިގަމުންދިޔަ ހަމަނުޖެހުންތަކުގެ ތެރޭ، މަޖިލިސް އިދާރާގެ ކުރިމަތީގައި ރަތްދޫލަ އަޅައިގެން ބޭއްވި ސިޓީ ކައުންސިލްގެ "މަގުމަތީ" ބައްދަލުވުމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަމިއްލަ ގެކޮޅު، މއ. ކިނބިގަސްދޮށުގެ ދައުލަތަށް އަނބުރާ ނެގުމަށް ނިންމި ނިންމުން ގިނަބަޔަކަށް ފުރަތަމަވީ "ހެއްވާ" ކަމަށެވެ. ސިޔާސީ ސްޓަންޓެއް ގޮތުގައިވެސް އެކަން ސިފަކުރެވުނެވެ. ނަމަވެސް، ކިނބިގަސްދޮށުގެ 30 ދުވަހުގެ ތެރޭ ސަރުކާރާ ހަވާލުކުރުމަށް އެމަނިކުފާނަށް އެންގެވި ހިސާބުން ފެށިގެން މިކަން މިވަނީ ބޮޑު "ޖޯކަކުން" ބޮޑު މައްސަލައަކަށްވެފަ އެވެ.

ހަބަރުތަކަށް ކޮމެންޓް ކުރާ ފަރާތްތަކާއި އެކި ސޯޝަލް ވެބްސައިޓުތަކުގައި ތަފާތު އުމުރުގެ، އެކި ފަންތީގެ މީހުން މިވަގުތު ދައްކަމުންދަނީވެސް ކިނބިގަސްދޮށުގޭގެ ވާހަކަ އެވެ. އެންމެން ދެބަސްވެ، ބަހުސްކުރަމުންދަނީ އެންމެ ސުވާލަކާ މެދު އެވެ.

ކިނބިގަސްދޮށުގެ ދައުލަތަށް އަނބުރާ ނެގިދާނެ ހެއްޔެވެ؟

އެމްޑީޕީން ކޮންޓްރޯލްކުރާ ސިޓީ ކައުންސިލުން ގައިމުވެސް ދެކެނީ އެ ގޯތި ނެގުމުގެ ބާރު އެ ކައުންސިލަށް ލިބިގެންވާ ކަމަށެވެ. އެ ބާރު ލިބެނީ، މީހުންގެ އަމިއްލަ ބިންތަކާއި މުދާ "އާންމު ބޭނުމަކަށްޓަކައި ކޮންމެހެން ނަގަން ޖެހިއްޖެ ނަމަ" ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަދުލުވެރި ބަދަލު ދިނުމަށް ފަހު ނެގޭނެ ކަމަށް ބަޔާންކޮށްފައިވާ ލާމަރުކަޒީ ގާނޫނުގެ 41 ވަނަ މާއްދާގެ )ލ(ގެ ދަށުން ކަމަށް ސިޓީ ކައުންސިލުން މިއަދު ނެރުނު ގަރާރުގައި ބުނެ އެވެ.

އަދި އެގަރާރުގައިވާގޮތުން ނަމަ ކިނގބިގަސްދޮށުގެ ގޯތި ނަގަން ނިންމާފައިވާ ސަބަބަކީ، އެގޯއްޗަކީ "ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗަކަށްވެފައި، މިހާރު މުޅި ގޯތި ގުދަނެއްގެ ގޮތުގައި އާމްދަނީ ހޯދުމުގެ ގޮތުން އެހެން ފަރާތަކަށް ކުއްޔަށް ދީފައިވާތީ" އެވެ.

ނަމަވެސް، އެ ގޯތި ގުދަނެއް ހިންގުމަށް ކުއްޔަށްދީފައި އޮތުމަކީ އެ ގޯތި "ކޮންމެހެން ނަގަން ޖެހިއްޖެ" ސަބަބެއް ކަމަށް ގިނަ ބަޔަކު ނުދެކެ އެވެ. ސިޓީ ކައުންސިލްގެ ނިންމުމަށް ފާޑުކިޔަމުންދާ ފަރާތްތަކުން، ވިޔަފާރީގެ މަރުކަޒީ ރަށް މާލެއިން، ގޯތި ކުއްޔަށް ނުދެނީ ކޮން ބައެއްތޯ ތަކުރާރުކޮށް ދަނީ ސުވާލު އުފައްދަމުންނެވެ.

އަދި އެ ފަރާތްތަކުން ދެކޭ ގޮތުގައި، ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ޝަރަފާއި ގަދަރު ލިބިވަޑައިގަންނަވަން ޖެހޭ ބޭފުޅެއްގެ އަމިއްލަ ގެކޮޅު، 30 ދުވަހުގެ ތެރޭ ސަރުކާރާ ހަވާލުކުރަން އެންގުމަކީ ތާކުންތާކު ނުޖެހޭ، ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ.

ކުރީ ސަރުކާރުގެ ދުވަސްވަރު ބަންޑާރަ ނައިބުކަން ކުރައްވާފައިވާ މަޝްހޫރު ގާނޫނީ ވަކީލާ، އައިޝަތު އާޒިމާ ޝަކޫރު ރޭ ވިދާޅުވީ، ކިނބިގަސްދޮށުގެ ނެގުމަށް ނިންމި ނިންމުމަކީ އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަން ކެރިވަޑައިގަންނަވާ ވަރަށް ވުރެ ވެސް "ދަށުދަރަޖައިގެ" އަމަލެއް ކަމަށެވެ.

"ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން އެކަމާ ގައުމުގެ ގިނަ ދަރިން ކަންބޮޑުވޭ. އެތައް އަހަރެއްގެ ބުރަ މަސައްކަތުން ގައުމު ބިނާކޮށް، ގައުމު ކޮޅަށް ޖަހައިދިން ކާބަފައިން ކަރުނަ އޮހޮރާނެ. ޑިމޮކްރެސީ ގެނެސް، ގާނޫނު އަސާސީ އަލުން އެކުލަވާލުމަށް މަސައްކަތްކުރި ޕްރޮފެޝަނަލެއްގެ ހައިސިއްޔަތުން މިއަދު ގައުމުގެ ހާލަތާ ދޭތެރޭ ހިތާމަ ކުރަން." އާޒިމާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލްގެ ގަރާރަށް މި ސަރުކާރުގެ ފުރަތަމަ ދެ ބަންޑާރަ ނައިބުން ފާޅުކުރެއްވި ހިޔާލުފުޅުވެސް ފާހަގަކޮށްލެވެ އެވެ. އެގޮތުން ހުސްނުއް ސުއޫދު އޭނާގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވެ އެވެ: "މީހުންގެ މުދަލަކީ ހުރުމަތްތެރިވެގެންވާ އެއްޗެކެވެ. މައުމޫންގެ ގޯތި ދައުލަތަށް ނަގަން ސިޓީ ކައުންސިލުން ނިންމި ނިންމުން ކުށްވެރިކުރަމެވެ."

ސުއޫދުގެ އެ ވާހަކައަށް ކޮމެންޓްކުރެއްވި މިސަރުކާރުގެ ފުރަތަމަ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ވިދާޅުވެފައިވަނީ، ކިނބިގަސްދޮށުގެ ނެގުމުގެ ނިންމުމަކީ "ޝޮކިން ނިއުސް"އެއް ނުވަތަ އެކަމަނާ ހައިރާންވެވަޑައިގެންނެވި ހަބަރެއް ކަމަށެވެ.

އަދި ސިޓީ ކައުންސިލްގެ އެ ނިންމުމަކީ ވަރަށް "ޒިންމާދަރުކަންކުޑަ" ނިންމުމެއް ގޮތުގައި ސިފަކުރައްވަމުން ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު އިއްޔެ ވިދާޅުވެފައިވަނީ، ގާނޫނު އަސާސީގެ 40 ވަނަ މާއްދާގައިވާ ގޮތުން މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެވޭނޭ ތަކެއްޗެއް ނޫންކަމަށާއި ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަދި ކޯޓަކުން ކުރާ ހުކުމަކުން މެނުވީ "އެއްވެސް މީހެއްގެ މުދަލެއް އެ މީހެއްގެ ރުހުން ނެތި ދައުލަތަށް ނަގައިގެން ނުވާނެ"ކަމަށެވެ.

މިހެންކަމުން ގާނޫނީ ރޮނގުން ފާހަގަކޮށްލެވޭ މިބޭބޭފުޅުންގެ ފާޅުކުރައްވާފައިވާ ޝުއޫރުތަކާމެދު ވިސްނާލުމުން، ސިޓީ ކައުންސިލުން "މަގުމަތީ" ގައި ބައްދަލުކޮށް މައުމޫންގެ ގެކޮޅު ނެގުމަށް ނިންމި އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމާމެދު ސުވާލު އުފެދެ އެވެ. އަދި އެނިންމުން ތަންފީޒުކުރެވިދާނެކަމާމެދު ވެސް ސުވާލު އުފެދެ އެވެ. މިހާތަނަށް ގާނޫނީ ގޮތުން ހިޔާލުތަފާތުވި މައްސަލަތަކުގައި ސަރުކާރުން އަމަލުކޮށްފައިވާ "ބޯހަރު" އުސޫލުތަކަށް ބަލާއިރު، ޝަރީއަތާ ހަމައަށް ނުގޮސް ކިނބިގަސްދޮށުގޭގެ މިލްކުވެރިކަމުގެ މައްސަލަ ވެސް ފަރުޖެއްސޭނެ ކަމަކަށް ނުބެލެވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް