ރާއްޖޭގައި ހެލިކޮޕްޓަރު ދަތުރު ފެށުމަށް ޔޫކޭއިން ދިރާސާ ހަދަނީ

ދިވެހި އަސްކަރިއްޔާގައި މިހާރު ބޭނުންކުރާ ކުރަނގި ހެލިކޮޕްޓަރު: އިތުރު ހެލިކޮޕްޓަރެއް ދެދުވަސް ފަހުން ގެންނާނެ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވި --- ފޮޓޯ/ އަނަސް ނަޝީދު

ދިވެހިރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޝަންތައްް ފެށުމަށްޓަކައި ހަދަންޖެހޭ ރިވިއުތަކާއި ދިރާސާތައް ހެެދުމަށް އިނގިރޭސި ވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ ހަމަޖައްސައިފިއެވެ.

ރާއްޖޭގައި ކޮމާޝަލް ހެލިކޮޕްޓަރ އޮޕަރޭޝަންތައް ހުއްޓާލާފައި އޮންނަތާ 15 އަހަރު ވެފައިވާ އިރު، މިދިޔަ އަހަރު ޓޫރިޒަމް މިނިސްޓްރީން ވަނީ މިކަން އަލުން ފެށުމަށް ވިސްނާފައިވާކަން ހާމަކޮށްފައެވެ.

ޔޫކޭގެ ސިވިލް އޭވިއޭޝަންގެ މާހިރުންނާ އެކު ކުރިޔަށްދާ މި ދިރާސާގައި، ހެލިކޮޕްޓަރ އޮޕަރޭޝަންސްގެ ފުރިހަމަ ރިސްކް އެސެސްމެންޓް ހެދޭނެއެވެ. ރާއްޖޭގެ ސިވިލް އޭވިއޭޝަނުން ބުނީ ހެލިކޮޕްޓަރ އޮޕަރޭޝަންސް ރައްކާތެރިކަމާ އެކު ކުރިޔަށް ގެންދެވޭނެ ގޮތްތައް މި ދިރާސާއިން ހޯދޭނެ ކަމަށެވެ.

ސިވިލް އޭވިއޭޝަނުން ބުނީ މި ދިރާސާވެގެން ދާނީ، ސިވިލް އޭވިއޭޝަނުން ހެލިކޮޕްޓަރު އޮޕަރޭޓުކުރުމުގެ ހުއްދަ ދިނުމަށްޓަކައި ރެގިއުލޭޓަރީ ފްރޭމްވޯކް ފުރިހަމަކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށެވެ.

މި މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެއެވެ.

މިދިޔަ ައަހަރު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އެމްއެމްޑީއެފްއިން މިހާރުވެސް ހެލިކޮޕްޓަރު ބޭނުން ކުރަމުން ދާ އިރު، ކޮމާޝަލް އޮޕަރޭޝަންތަކުންވެސް އެމްއެންޑީއެފް ފެންވަރުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެކަން ޔަގީން ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ހާލަތް ރަނގަޅު ކުރެޥޭނެ ކޮމާޝަލް އޮޕަރޭޝަންތައް ހިންގުމުގެ ކުރިން، އެކަމުގައި ވެސް އެންމެ މަތީ ފެންވަރުގެ ސޭފްޓީ އެޕްރޫވަލްސް ހޯދައިގެން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހެލިކޮޕްޓަރު ދުއްވުމުގެ ހުއްދަ ދިނުމަކީ އުނދަގޫ ކަމެއް ނަމަވެސް މިކަން ސަރުކާރުން ކުރަމުން ދަނީ ރައީސް ޔާމީނުގެ އިރުޝާދުގެ ދަށުން ކަމަށެވެ.

ސިވިލް އޭވިއޭޝަން ދުވަހުގެ މުނާސަބަތުގައި، މިނިސްޓަރު ޒަމީރު ނެރުއްވި ޚިތާބުގައި ވެސް ވަނީ، ތަފާތު ވައްތަރުގެ ވައިގެ ދަތުރުފަތުރު ކުރުމުގެ ހުއްދަ ދެވޭނެ ގޮތަށް ގަވައިދުތައް އިސްލާހުކުރަމުން ދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ރޯޓަރީ ވިންގް އެއާކްރާފްޓްތަކަށް ހުއްދަ ދޭނެކަން މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް